ނޫސްބަޔާން

ޢަދާލަތު ޕާޓީގެ ރައީސް ނުޙައްޤުން ހައްޔަރުގައި ހުންނަތާ 100 ދުވަސްވުމާއި ގުޅޭ

 

الحمد لله رب العالمين، والصلاة والسلام على نبينا محمد وعلى آله وأصحابه أجمعين، ومن تبعهم بإحسان إلى يوم الدين.

ޤާނޫނީ ނިޒާމުގެ ބޭރުން، ޢަދާލަތު ޕާޓީގެ ރައީސް ފަޟީލަތުއް ޝައިޚް އިމްރާން ޢަބްދުﷲ ހިފާ ހައްޔަރުކޮށް، ޤާނޫނީ ނިޒާމުގެ ތެރެއިން ލިބިދޭންޖެހޭ ޙައްޤުތަކާއި ޙިމާޔަތާއި ރައްކާތެރިކަމުން މަޙުރޫމް ކޮށްފައިވާތާ މިއަދާހަމަޔަށް ސަތޭކަ ދުވަސް ހަމަވިއިރު، އިންސާފުލިބިދާނެކަމުގެ އެއްވެސް އަލިމަގެއް ފެންނާން ނެތުމަކީ ޢަދާލަތު ޕާޓީން އިންތިހާޔަށް ކަންބޮޑުވާކަމެކެވެ.

ފަޟީލަތުއް ޝައިޚް އިމްރާން ޢަބްދުﷲ ޤާނޫނާ ޚިލާފަށް ބަންދުކޮށްފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ޤަވާޢިދުތަކާ އަދި ބައިނަލްއަޤުވާމީ މުޢާހަދާތަކުން ހުއްދަނުކުރާ، ލާއިންސާނީ ޙާލަތެއްގައިކަން މިފުރުސަރުގައި ފާހަގަކުރަމެވެ.

ސަތޭކަ ދުވަސް ވީއިރު ފަޟީލަތުއް ޝައިޚް އިމްރާން ޢަބްދުﷲ ޤާނޫނާ ޚިލާފަށް ބަންދުކޮށްގެން ގެންގުޅުމާއި، އެމަނިކުފާނު މިނިވަންކުރުމަށްޓަކައި ކުރެވޭ މަސައްކަތަށް ހުރަސްއެޅުން ފިޔަވައި، މި މައްސަލާގައި ދައުލަތުގެ ފަރާތުން އެއްވެސް ކަމެއްކޮށްފައި ނުވެއެވެ. މިއީ ދިވެހިރާއްޖޭގެ ދުސްތޫރީ ތާރީޚަށް ބަލާނަމަ، ދެހާސް އަށް ވަނަ އަހަރު ތަސްދީޤުކުރެވުނު ފެހި ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަން ދިވެހި ރައްޔިތެއްގެ ކިބައިން އެންމެ ފުޅާދާއިރާއެއްގައި ނިގުޅާގަނެވޭ ފަހަރުކަމުގައި ފާހަގަކުރަމެވެ.

ޤާނޫނީ އެއްވެސް ބުރަދަނެއްނެތް، މިމައްސަލާގެ ޙަޤީޤީ ސަބަބުކަމުގައި މި ޕާޓީން ދެކެނީ ސަރުކާރުން ހިންގަމުން އަންނަ ޣައިރު ޤާނޫނީ އަނިޔާވެރި ޢަމަލުތަކުގެ ޝިކާރަޔަކަށް ދިވެހިރައްޔިތުން ވިޔަނުދިނުމަށްޓަކައި ފަޟީލަތުއް ޝައިޚް އިމްރާން ޢަބްދުﷲ ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތަކެވެ. އަދި ޒާތީ ބަދަލުހިފުމާއި އެމަނިކުފާނު ރައްޔިތުންނާއެކު، ރައްޔިތުންގެ ޙައްޤުގައި ސާބިތުވެހުންނެވި މިންވަރެވެ. އެމަނިކުފާނު ހުއްޓުވާ ފަހަތަށް ޖެއްސުމަށްޓަކައި ނަފްސާނީގޮތުން ކުރިމަތިކުރަމުންގެންދާ ބޮޑެތި އަދަބުތައް ދެމުންދާއިރު، އެމަނިކުފާނުގެ ސިއްޙީ ޙާލަތުއަންނީ އިންތިހާޔަށް ގޯސްވަމުންނެވެ. މިއިން އެއްވެސް ކަމަކަށް އެކަށީގެންވާގޮތުގައި މިހާތަނަށް ރިޢާޔަތްކުރެވިފައި ނުވާކަންވެސް މިފުރުސަތުގައި ހިތާމަޔާއި އެކު ފާހަގަކުރަމެވެ.

އެހެންކަމުން އަސްލެއްނެތް ތުހުމަތުތަކާއި، ކުރިޔަށްނުގެންދާ ޝާރީޢަތެއްގެ ހިޔަނީގައި ފަޟީލަތުއް ޝައިޚް އިމްރާން ޢަބްދުﷲ ޤާނޫނުގެ ހަވާސާއިން ބޭރުގައި ގެންގުޅެމުންއަންނަ އައުން ނިމުމަކަށްގެނެސް ވަގުތުން ފަޟީލަތުއް ޝައިޚް އިމްރާން ޢަބްދުﷲ މިނިވަންކުރުމަށް ދިވެހި ދައުލަތަށް ގޮވާލަމެވެ.

وَصَـلَّى اللَّهُ وَسَلَّمَ وَبَارَكَ عَلى سَيِّدِنَا مُـحَمَّدٍ، وَعَلى آلِهِ وَصَحْبِهِ أَجْـمَعِيْنَ.

 

27 ޝައްވާލް 1436

12 އޮގަސްޓް 2015
Download PDF