ނަންބަރު: AP/PR/2015/19

ކުއްލި ގޮތަކަށް ސިވިލްސާވިސް މުވައްޒަފުން މަދުކުރުމުގެ ވިސްނުން ގެންގުޅޭކަން ސަރުކާރުން ހާމަކޮށް އެކަން ތަންފީޒުކުރުމަށްޓަކާ ހަލުވި ފިޔަވަޅުތަކެއް އަޅަންފެށުމަކީ ޢަދާލަތު ޕާޓީން ކަންބޮޑުވާކަމެކެވެ. މިކަމުގެ ސަބަބުން މެދުފަންތީގެ ގިނަ އާއިލާތަކެއް ނިކަމެތިވެދިޔުމުގެ ބިރު އެބައޮތެވެ. ނަތީޖާއެއްގެ ގޮތުން އިޤްތިސާދީ ފަރަގު ބޮޑުވެ، ނިކަމެތިން އިތުރަށް ނިކަމެތި ވަމުން އަންނަ އައުން ހުއްޓުމެނެތި ކުރިއަށް ދާނެއެވެ.

ސިވިލްސާވިސް މުވައްޒަފުންގެ މުސާރަބޮޑުކުރެވެން އޮތް ހަމައެކަނި ގޮތަކީ، މުވައްޒަފުން މަދުކުރުން ކަމުގައި ސަރުކާރުން ބުނާބުނުމަކީ ޢަދާލަތު ޕާޓީން ޤަބޫލުކުރާ ވިސްނުމެއްނޫނެވެ. އޭގެ ބަދަލުގައި ސަރުކާރުގެ ތެރޭގައި ހިންގަމުންދާ ކަރަޕްޝަނާއި ފަސާދައިގެ ބޮޑެތި މައްސަލަތައް ހުއްޓުވާ، ބޭކާރުގޮތުގައި އެތައްގުނައަކަށް އިތުރުކުރަމުންދާ ސިޔާސީ މަޤާމުތައް މަދުކޮށްގެން ސިވިލްސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރެވޭނެ ފައިސާ ދައުލަތުގެ ބަޖެޓުން ހަމަޖެއްސޭނެކަމުގައި މި ޕާޓީން ދެކެމެވެ.

ސިވިލްސާވިސްގައި ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރުމަށް ބޭނުންވާ މިންވަރަށްވުރެ އިތުރަށް މުވައްޒަފުން ތިބިކަމަށް ސަރުކާރަށް ޤަބޫލުކުރެވޭ ނަމަ، އަދި އެކަމުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ބޮޑު ބުރައެއް އުފުލަން ޖެހޭކަމަށް ސަރުކާރަށް ފެންނަ ނަމަ، މިފަދަ ފިޔަވަޅުތައް އެޅުމުގެ ކުރިން ސިވިލްސާވިސްގައި މިވަގުތު ތިބި މުވައްޒަފުން މަގުމަތިކޮށްލުމުގެ ބަދަލުގައި، އެ މުވައްޒަފުންނަށް ސަރުކާރުގެ ކުންފުނިތަކުންނާއި އަމިއްލަ ވިޔަފާރިތަކުގެ ތެރެއިން ދެމެހެއްޓެނިވި ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމަށްޓަކައި ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލަން ވާނެކަމުގައި މި ޕާޓީން ދެކެމެވެ.

ސަރުކާރުގެ ދެކޮޅުނުޖެހޭ ސިޔާސަތުތަކުގެ ސަބަބުން އިޤްތިސާދީ ގޮތުން ގޮންޖެހުންތަކާ ކުރިމަތިވެ، އަމިއްލަ ވިޔަފާރިތަކުގެ ތެރެއިންވެސް ވަޒީފާގެ ފުރުސަތު ހަނިވެ، ވަޒީފާތައް މަދުކުރަމުންދާ ދަނޑިވަޅެއްގައި ސިވިލްސާވިސް މުވައްޒަފުން މަދުކުރުމުގެ ވިސްނުން ނުގެންގުޅުމަށް ސަރުކާރަށް ގޮވާލަމެވެ.

11 ރަބީޢުލްއައްވަލް 1437
22 ޑިސެމްބަރ 2015


Download PDF