ނަންބަރު: AP/PR/2016/20
ނޫސް ބަޔާން
ކާޑުގެ ބާވަތްތަކާއި ޢާއްމު މުދަލާއި ޚިދުމަތްތަކުގެ އަގު އިންތިހާޔަށް އުފުލެމުންދާ މައްސަލައާއި ގުޅޭ

ކާޑުގެ ބާވަތްތަކަށް މިހާތަނަށް ދައުލަތުން ދެމުން ގެންދިޔަ ޢާއްމު ސަބްސިޑީ ހަމައެކަނި ނިކަމެތިންނަށް ދިނުމަށް ނިންމާފައިވާ ނިންމުމާ ގުޅޭގޮތުން ދަންނަވަމެވެ. މިގޮތަށް ނިންމާފައިވާއިރު ނިކަމެތިންކަމުގައި ސަރުކާރުން ބަލާ މިންގަނޑު ހާމަކޮށްފައެއް ނުވެއެވެ. މީގެ ނަތީޖާއަކީ ސަރުކާރުން ނިކަމެތިން ކަމުގައި ކަނޑައަޅާ ބަޔަކު ފިޔަވައި ދެން ތިބި ހުރިހާ ދިވެހި ރައްޔިތުން ކާޑު ގަތުމަށް ކުރާ ޚަރަދު ދެގުނަ އިތުރުވެގެން ދިޔުމެވެ. މިއީ ގިނަ ދިވެހި ޢާއިލާތަކަށް ތަޙައްމަލުކުރެވޭ ވަރަށްވުރެ ބޮޑު ބުރައެކެވެ. އަދި ފަގީރު ގޭބިސީކަމުގައި ސަރުކާރުން ކަނޑައަޅާ ގޭބިސީތަކަށް މަހަކަށް ގިނަވެގެން ދޭން ނިންމާފައިވާ 240 ރުފިޔާ (ބޮލަކަށް 40 ރުފިޔާ) ގެ ސަބްސިޑީ އަކީ މަސްދުވަހުގެ ކާޑުގަތުމަށް ފުދޭވަރަށްވުރެ މާ ކުޑަ މިންވަރެކެވެ. މިއާއެކު މިކަމަކީ ރައްޔިތުން ސަރުކާރަށް ސަލާންޖެހުމުގެ ޘަގާފަތް އިޢާދަ ވެގެންދާނެކަމެއްކަންވެސް ފާހަގަކުރަމެވެ. އެހެންކަމުން ސަރުކާރުން އަޅާފައިވާ މި ނޭއްގާނީ ފިޔަވަޅު ޢަދާލަތު ޕާޓީއިން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ.

ސަރުކާރުން މި އެޅި ފިޔަވަޅުގެ ސަބަބުން މިއަދު ހަނޑޫ ކިލޯއެއްގެ އަގު މިވަނީ 3.98 ރުފިޔާއިން 7.96 ރުފިޔާއަށް އުފުލިފައެވެ. އަދި ހަކުރު ކިލޯއެއްގެ އަގު 4 ރުފިޔާއިން 8 ރުފިޔާއަށް އުފުލިފައެވެ. އަދި ފުށް ކިލޯއެއްގެ އަގު 2.96 ރުފިޔާއިން 5.96 ރުފިޔާއަށް އުފުލިފައެވެ. ނަތީޖާއެއްގެ ގޮތުން އިންފްލޭޝަން ރޭޓް އެތައްގުނައެއް މައްޗަށްގޮސް، ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދު އަތްނުފޯރާފަށަށް ދާނެއެވެ. އަދި މަސައްކަތްތެރިންގެ ކޮއްތު ފައިސާ ނުވަތަ މުސާރައާއި އުޖޫރަ އުފުލި މުދަލާއި ޚިދުމަތުގެ އަގު އެތައްގުނައެއް އުފުލިގެންގޮސް އިޤްތިޞާދީ ގޮތުން ބޮޑެތި މައްސަލަތަކާ ކުރިމަތިވެގެންދާނެއެވެ.

ކާޑުގެ ބާވަތްތަކުގެ އަގު އަތްފޯރާފަށުގައި ކޮންޓްރޯލް ކުރުމަކީ ދުނިޔޭގެ އެތައް ޤައުމެއްގައި ކުރަމުންދާ ކަމަކެވެ. އަދި މިފަދަ އަސާސީ މުދަލުގެ އަގުތަކަށް ކުއްލިއަކަށް މިހާ ބޮޑު ބަދަލެއް ގެނައުމަކީ ދުނިޔޭގެ ތަހުޒީބު އެއްވެސް ޤައުމަކުން ކުރާކަމެއް ނޫނެވެ. އެހެނިހެން ޤައުމުތަކުގައި ކާޑުގެ އަގުތަކަށް މިހާ ބޮޑު ބަދަލެއް އަންނަނީ ކާރިސާއެއް ނުވަތަ ހަނގުރާމައެއް ނުވަތަ އިޤްތިޞާދީގޮތުން ވަރަށް ބޮޑު މައްސަލައެއްގެ ސަބަބުންނެވެ. އެހެންކަމުން މިފަދަ ފިޔަވަޅެއް ސަރުކާރުން އެޅުމުން ރާއްޖޭގެ އިޤްތިޞާދު މެނޭޖްކުރުމުގައި ސަރުކާރުގެ ޤާބިލުކަމާމެދު އަދި ރާއްޖޭގެ އިޤްތިޞާދުގެ ޙާލަތާމެދު ވަރަށް ބޮޑަށް ސުވާލު އުފެދެއެވެ.

ސަރުކާރުން ފޯރުކޮށްދޭންޖެހޭ ޢާންމު ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ޢަދުލުވެރިކަން ގެއްލި ވަކި ސިޔާސީ ފިކުރެއްގެ ވަކިބަޔަކަށް ޚާއްސަކޮށް ތަފާތުކުރުންތައް ގެންގުޅޭ ދަނޑިވަޅެއްގައި ދެފުށްފެންނަ ސިޔާސަތެއް ނެތި މިފަދަކަންކަން ކުރުމަކީ ފޮރުވިފައިވާ ސިޔާސީ އެޖެންޑާއެއް އެކުލެވިގެން ހިންގާ ކަމެއްކަމުގައި ޢަދާލަތު ޕާޓީން ދެކެމެވެ. އެހެންކަމުން ޓާގެޓެޑް ސަބްސިޑީގެ އެންމެ އަސާސީ މަގްސަދުކަމަށްވާ އިޤްތިޞާދީ ނުހަމަކަން ކުޑަވުމުގެ ބަދަލުގައި، ދެފުށް ފެންނަ ސިޔާސަތެއް ނެތުމުގެ ސަބަބުން، މިނިންމުމާ ގުޅިގެން އިޤްތިޞާދީ ނުހަމަކަން ފުޅާވެ، އިޖްތިމާއީ މައްސަލަތައް އިތުރުވާނެ ކަމުގައިވެސް މިޕާޓީން ދެކެމެވެ.

މިއަހަރު ތެރޭގައި ދެވަނަފަހަރަށް ކަރަންޓުގެ އަގު ބޮޑުކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާއި ޢާއްމުކޮށް ބޭނުންކުރާ ގިނަ ބާވަތްތަކުން ޑިއުޓީނަގަން ފެށުމާއި އަދި މިފަހަކަށްއައިސް ޑޮލަރުގެ އަގު ހިފެހެއްޓުމެއްނެތި ބޮޑުވަމުންދާ މައްސަލައަކީ ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތު ފޭލިވެފައިވާކަމުގެ ހެކިތަކެކެވެ. އަދި މިފަދަ ރައްޔިތުންގެ އެންމެ އަސާސީ އިޤްތިޞާދީ މަސްލަޙަތުތައް ޙިމާޔަތްކުރަން ނޭނގުމަކީ ރައްޔިތުންނަށް ފާގަތި ދިރިއުޅުމެއް ހޯދައިދިނުމުގެ ފަންވަރާއި ޤާބިލުކަން ސަރުކާރުގައި ނެތްކަން ސާބިތުކޮށްދޭ ކަމެކެވެ.

ވައްކާމާއި ފަސާދައާއި އިސްރާފު ހައްދުންނެއްޓި، ދައުލަތުގެ ބަޖެޓުގެ ޑެފިސިޓް އެތައްގުނައެއް ބޮޑުވެ، އިޤްތިޞާދު މެނޭޖް ނުކުރެވުމުގެ ސަބަބުން އުފެދިފައިވާ މާލީ މައްސަލަތައް ޙައްލުކުރުމަށްޓަކައި ކާބޯތަކެއްޗާއި އަސާސީ މުދަލާއި ޚިދުމަތްތަކުގެ އަގުބޮޑުކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅުމަކީ ބަލައިގަނެވޭނެ ކަމެއްނޫނެވެ. އޭގެ ބަދަލުގައި ދައުލަތުގެ މާލީ މައްސަލަތައް ޙައްލުކުރުމަށްޓަކައި ޢާންމު ރައްޔިތުންނަށް ތަކުލީފު އުފުލަން ނުޖެހޭނެ ގޮތެއްގެމަތިން އެކަންކުރެވޭނެ މަގެއް ސަރުކާރުން ހޯދަންޖެހެއެވެ.

ސަރުކާރުން އެންމެ އިސްކަމެއް ދޭންޖެހެނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ އާއި މިފަދަ އެހެން މައްސަލަތަކުގެ ތެރެއިން ރައްޔިތުންގެ މާލިއްޔަތުން ވަގަށްނަގާފައިވާ އެތައް ބިލިއަން ރުފިޔާއެއް އަނބުރާ ދަޢުލަތައް ހޯދުމަށެވެ. އަދި ކޮރަޕްޝަނާއި އިސްރާފުކުރުމުގެ ސަބަބުން އެތައް ބިލިއަން ރުފިޔާއެއް ދައުލަތުން ގެއްލިގެންދާ ދިޔުން ހުއްޓުވުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް ވަގުތުންވަގުތަށް އެޅުމަށެވެ. މިކަންކަން ނުކޮށް ރައްޔިތުންނަށް އިންތިހާއަށް ބުރަބޮޑުވާނެ އަދި ޢާއްމު ރައްޔިތުންގެ މަސްލަޙަތު ގެއްލިގެންދާފަދަ ސިޔާސަތުތަކެއް ސަރުކާރުން ތަންފީޒުކުރަމުން ދިޔުމަކީ މި ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކުގެ ދޯހަޅިކަމާއި ސަރުކާރުގެ ނާޤާބިލުކަމާއި އިޚްލާޞްތެރިކަމެއް ނެތްކަން ހާމަވާކަމެކެވެ. އެހެންކަމުން މިކަންކަން އެންމެ ހަރުކަށި ޢިބާރާތުން ޢަދާލަތު ޕާޓީއިން ކުށްވެރިކުރަމެވެ. އަދި މިފަދަ ދެކޮޅު ނުޖެހޭ ސިޔާސަތުތައް ތަންފީޒުކުރުން ހުއްޓާލައި، ރައްޔިތުން ސަރުކާރަށް ސަލާންޖަހަން މަޖުބޫރުކުރުމުގެ ޘަގާފަތް އިޢާދަކުރުމަށް މަސައްކަތްނުކޮށް، ރައްޔިތުންގެ މަސްލަޙަތު އިސްކުރުމަށް ސަރުކާރަށް ގޮވާލަމެވެ.

30 ޛުލްޙިއްޖާ 1437
1 އޮކްޓޯބަރ 2016


Download PDF