ނަންބަރު: AP/PR/2016/23
ނޫސް ބަޔާން
އެމްޑީޕީ ގެ ޗެއަރޕާސަން ގެ މައްޗަށް އުފުލާފައިވާ ޓެރެރިޒަމްގެ ދަޢުވާ ކުށްވެރިކުރުން

ޢަދާލަތު ޕާޓީގެ ރައީސް ފަޞީލަތުއްޝައިޚް ޢިމްރާން ޢަބްދުﷲ އިސްވެ ހުންނަވައިގެން، ސަރުކާރުގެ އެތެރޭގައި ހިންގަމުންގެންދިޔަ ވައްކަމާއި ކަރަޕްޝަނާއި ފަސާދައިގެ ޖަރީމާތަކާއި ދެކޮޅަށް 2015 ވަނަ އަހަރުގެ މޭޑޭގައި ބޭއްވި މުޒާހަރާގައި ވަރަށް އިސްދައުރެއް އަދާކުރެއްވި އެމްޑީޕީގެ ޗެއަރޕާސަން އަލްފާޞިލް ޢަލީ ވަޙީދުގެ މައްޗަށް ޓެރެރިޒަމްގެ ދަޢުވާއުފުލާފައިވާތީ އެކަން ޢަދާލަތު ޕާޓީން ކުށްވެރިކުރަމެވެ.
އަލްފާޞިލް ޢަލީ ވަޙީދަކީ މިދެންނެވި، ދިވެހި ތާރީޚުގައި ބޭއްވުނު އެންމެ ބޮޑު އެއްވުމުގައި ވަރަށް އިސްދައުރެއް އަދާކުރެއްވި ބޭފުޅަކަށްވެފައި، އެމަނިކުފާނަކީ ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީގެ ޗެއަރޕާސަން ކަމަށްވުމުން، އެމަނިކުފާނުގެ މައްޗަށް މިއުފުލިދަޢުވާއިން ސާބިތުކޮށްދެނީ ރައްޔިތުން ބަލައިގެންފައިވާ ސިޔާސީ ލީޑަރުން ޖަލުގޮޅީގައި ބަންދުކޮށްގެން ނޫންގޮތަކަށް ރައީސް ޔާމީނުގެ އަނިޔާވެރި ވެރިކަން ދެމެހެއްޓެން ނެތްކަން ޚުދު އެމަނިކުފާނު އަމިއްލަފުޅަށް ޤަބޫލުކުރައްވާކަމެވެ. އަލްފާޞިލް ޢަލީ ވަޙީދުގެ މައްޗަށް ދަޢުވާ އުފުލާފައިވާ މައްސަލާގައި ފަޞީލަތުއްޝައިޚް ޢިމްރާން ޢަބްދުﷲ ގެ މައްޗަށް ހިންގި ލަދުވެތި، ދެކޮޅުނުޖެހޭ އަދި ޢަދުލުއިންސާފުގެ ކަންފުޅެއްވެސް ނެތް ޝަރީޢަތާ މެދު ދިވެހި ރައްޔިތުންނާއި ބައިނަލްއަޤުވާމީ ދުނިޔެއިން އިންތިހާއަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގައި، އަދި މިދެންނެވި ޝަރީޢަތަށްފަހުވެސް މޭޑޭގައި ފަޞީލަތުއްޝައިޚް ޢިމްރާން ޢަބްދުﷲ އާއި އަލްފާޞިލް ޢަލީ ވަޙީދާއި އެހެނިހެން ލީޑަރުން ވަކާލާތުކުރަމުން ދިޔަކަންކަމަކީ ޙަޤީޤީ ބޮޑެތި މައްސަލަތައް ކަމަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ހާމަވެ، ފަޞީހަތްވެފައިވާއިރު އަނެއްކާ ހަމަ އެމައްސަލާގައި އަލްފާޞިލް ޢަލީ ވަޙީދުގެ މައްޗަށް ޓެރެރިޒަމްގެ ދަޢުވާ އުފުލުމަކީ މިނިވަން މުއައްސަސާތަކާއި މިނިވަން މުސްތަޤިއްލު މަޤާމުތަކުގައި ތިބި މީހުން ރައީސް ޔާމީންގެ އަޅުވެތިކަން ރަސްމީކޮށް ޤަބޫލުކޮށްފައިވާކަން ހާމަވާކަމެއްކަމުގައި މި ޕާޓީން ދެކެމެވެ.
އަނިޔާވެރިކަމާ ބޭއިންސާފާކީ ޢަދާލަތު ޕާޓީއިން އެއްވެސް މިންވަރަކަށް ބަލައިގަންނާނެކަމެއް ނޫނެވެ. އަދި ޢަދާލަތު ޕާޓީއިން އެދެނީ އަލްފާޞިލް ޢަލީ ވަޙީދަށާއި އެމަނިކުފާނުގެ އާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން މިންވަރުކުރެއްވުމެވެ.

17 މުޙައްރަމް 1438
18 އޮކްޓޯބަރ 2016


Download PDF