ޢަދާލަތު ޕާޓީގެ ބައެއް ދާއިރާތަކުގެ ރައީސުން އިންތިޚާބުކޮށްފި

ޢަދާލަތު ޕާޓީގެ ބައެއް ދާއިރާތަކުގެ ރައީސުން އިންތިޚާބުކޮށްފި

ބައެއް މަރުކަޒުތަކުގައި ވޯޓުލުން ކުރިޔަށްދަނީ

ޢަދާލަތު ޕާޓީގެ ބައެއް ދާއިރާތަކުގެ ދާއިރާ ރައީސުންގެ އިންތިޚާބު ބާއްވައި، އެ އިންތިޚާބުގެ ނަތީޖާ އިޢުލާނުކޮށްފިއެވެ. ޢަދާލަތު ޕާޓީގެ ދުސްތޫރު ބުނާގޮތުން، ފާޓީގެ އިންތިޚާބީ ދާއިރާއެއްގައި 150 މެންބަރުން ހަމަވާ ކޮންމެ ދާއިރާއެއްގައި ދާއިރާ ރައީސަކު އިންތިޚާބުކޮށްފައި ހުންނަންޖެހެއެވެ. އެގޮތުން 9 ޑިސެމްބަރ 2017 ވަނަ ދުވަހު، ދާއިރާ ރައީސުންގެ އިންތިޚާބު ބާއްވާފައިވާ ދާއިރާތަކަކީ، ހިތަދޫ އުތުރު ދާއިރާއާއި، ހިތަދޫ ދެކުނު ދާއިރާއާއި، އައްޑޫ މީދޫ ދާއިރާއާއި، ފުވައްމުލަކު އުތުރު ދާއިރާއާއި، އިނގުރައިދޫ ދާއިރާ އަދި މަކުނުދޫ ދާއިރާއެވެ.

މި އިންތިޚާބުގެ ދާއިމީ ނަތީޖާ މި މަހުގެ 1 ވަނަ ދުވަހު އިޢުލާނުކޮށްފައިވާއިރު، ހިތަދޫ އުތުރު ދާއިރާގެ ދާއިރާ ރައީސްކަމަށް އިންތިޚާބުވީ ސ ހިތަދޫ ފާޒް، އިނާޒު މުޙައްމަދު ދީދީއެވެ. ހިތަދޫ ދެކުނު ދާއިރާގެ ދާއިރާ ރައީސްކަމަށް ސ. ހިތަދޫ، ޖަނަވަރީމާގޭ އަޙްމަދު ނުޢުމާން އިންތިޚާބުވިއިރު، އައްޑޫ މީދޫ ދާއިރާގެ ދާއިރާ ރައީސްކަމަށް އިންތިޚާބުވެފައިވަނީ ސ. މަރަދޫފޭދޫ، ގުލޭނޫރުމާގެ، ޝަރަފުއްދީން އަނީސް އެވެ. ފުވައްމުލަކު މެދު ދާއިރާއިން ދާއިރާ ރައީސް ކަމަށް އެރަށު ސެލްވިޔާ، އަޙްމަދު ވާފީ ހޮވިފައިވާއިރު، މަކުނުދޫ ދާއިރާގެ ރައީސް ކަމަށް ހޮވިފައިވަނީ ހދ. މަކުނުދޫ، ނުޖޫމުގެ، ކާމިލް އަޙްމަދެވެ.

ޢަދާލަތު ޕާޓީގެ އިންތިޚާބާ ބެހޭ ކޮމިޓީން ހާމަކުރާގޮތުގައި، މި އިންތިޚާބުގައި އިނގުރައިދޫ ދާއިރާގައި ބޭއްވުނު އިންތިޚާބުވަނީ ބާޠިލްކޮށްފައެވެ. އަދި ދާއިރާ ރައީސުންގެ އިންތިޚާބު ބާއްވަންޖެހިފައިވާ އެހެން ދާއިރާތަކާއެކު، އެދާއިރާގެ އިންތިޚާބު ކައިރި މުސްތަޤްބަލެއްގައި ބާއްވަން ރާވަމުން އަންނަކަމުގައި އެ ކޮމިޓީން ހާމަކުރެއެވެ.