ކޯޓުއަމުރާއެއްގޮތަށް ނަޒީރުގެ ޕާސްޕޯޓު ދޫކުރަން އިމިގްރޭޝަނުން ދެކޮޅުހަދައިފި

ކޯޓުއަމުރާއެއްގޮތަށް ނަޒީރުގެ ޕާސްޕޯޓު ދޫކުރަން އިމިގްރޭޝަނުން ދެކޮޅުހަދައިފި

ޢަދާލަތު ޕާޓީގެ ޚަބަރާއި މަޢުލޫމާތު ފެތުރުމާބެހޭ ކޮމިޓީގެ ރައީސް ޢަލީ ނަޒީރުގެ ޕާސްޕޯޓު ދޫކުރުމަށް ކްރިމިނަލް ކޯޓުން ނެރިފައިވާ އަމުރާ އެއްގޮތަށް، ނަޒީރުގެ ޕާސްޕޯޓު ދޫކުރުމަށް އިމިގްރޭޝަނުން ދެކޮޅުހަދައިފިއެވެ.

ނަޒީރުގެ ޕާސްޕޯޓު އިމިގްރޭޝަނުން ހިފަހައްޓާފައިވަނީ، ގުޅިފައިވާ ޕާޓީތަކުން ސަރުކާރާދެކޮޅަށް އިހުތިޖާޖުކުރުމަށް ރާވާފައިވާ ރެލީއަކަށް އެއްވުމަށް ހިތްވަރުދީ އޭނާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދެއްކެވި ކަމަށް ބުނެ، ފުލުހުން ހިންގި ތަހުޤީޤަކާ ގުޅިގެން، މިދިޔަ މާޗު މަހުގެ ތެރޭގައެވެ.

އެ މައްސަލައިގައި ނަޒީރުގެ މައްޗަށް ދަޢުވާކުރުމަށް ފުލުހުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވީނަމަވެސް، އެ އޮފީހުން ނިމިދިޔަ ހަފްތާގެ ތެރޭގައިވަނީ އެ މައްސަލާގައި ދަޢުވާނުކުރުމަށް ނިންމައި މައްސަލަ ފައިލްކޮށްފައެވެ. މައްސަލަ ފައިލްކުރުމާގުޅިގެން، ނަޒީރުގެ ޕާސްޕޯޓު ދޫކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އިމިގްރޭޝަނުގެ މައްޗަށް އަމުރެއް ނެރިފައެވެ.

ނަޒީރު ހާމަކުރެއްވިގޮތުގައި، މި އަމުރާގުޅިގެން ފުރިހަމަކުރަންޖެހޭ އިޖުރާޢާތުތައް ފުރިހަމަކޮށްފައިވާކަމަށް ފުލުހުން ބުނާ ކަމަށާއި، އަމުރު ހިފައިގެން ދިއުމުން، ޕާސްޕޯޓު ދޫކުރަން އިމިގްރޭޝަނުން ދެކޮޅުހަދަނީ ކީއްވެކަން ނޭނގޭ ކަމަށެވެ. އަދި މިކަމުން ދޭހަވަނީ ސަރުކާރުން ޤާނޫނީ ހަމަތަކަށާއި ކޯޓު އަމުރުތަކަށް ކިޔަމަންނުވާ މިންވަރު ކަމަށް އޭނާ ހާމަކުރެއްވިއެވެ.