ފުދުންތެރި ދިރިއުޅުމެއް ހޯދުމަށްޓަކައި ރައްޔިތުންގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުވާންޖެހޭ

ފުދުންތެރި ދިރިއުޅުމެއް ހޯދުމަށްޓަކައި ރައްޔިތުންގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުވާންޖެހޭ

ފުދުންތެރި ދިރިއުޅުމެއް ހޯދުމަށްޓަކައި ރައްޔިތުންގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުވާންޖެހޭ ކަމަށް އަދާލަތުޕާޓީގެ ހިއުމަން ރައިޓްސް ކޮމެޓީގެ ޗެއަރ އަޙްމަދު ނޫމާން ވިދާޅުވެއްޖެއެވެ.

 

އަންނަ ސެޕްޓެމްބަރު 23 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ގުޅިފައިވާ ޕާޓީތަކުން ތައްޔާރުކުރާ މެނިފެސްޓޯ އަށް އަދާލަތު ޕާޓީން ހުށަހަޅާފައިވާ އިޤްތިޞާދީ ސިޔާސަތުތަކާ ގުޅޭ ގޮތުން  އެމް.ވީ.ޓީ.ވީގެ މިވަގުތު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ނޫމާން ވިދާޅުވީ ރައްޔިތުން އިޤްތިޞާދީ ގޮތުން ބާރުވެރި ކުރުވުމަށްޓަކައި އިޤްތިޞާދީ ފުދުންތެރިކަމާއި އިޖްތިމާޢީ ހޭލުންތެރިކަން އިތުރު ކުރަންޖެހޭ ކަމަށެވެ.

ނޫމާން ވިދާޅުވީ އަދާލަތު ޕާޓީން އެކުލަވާލާފައިވާ އިޤްތިޞާދީ ސިޔާސަތުތައް އެކުލަވާލާފައިވަނީ މުޅިންވެސް އިޤްތިޞާދީ ގޮތުން ރައްޔިތުން ބާރުވެރި ކުރުވުމަށް އެކުލަވާލާފައިވާ ސިޔާސަތުތަކެއް ކަމަށެވެ.

ނޫމާން ވިދާޅުވީ އިންސާނިއްޔަތަށް އެންމެ އޯގާތެރި އަދި އެންމެ އަދުލުވެރި އިޤްތިޞާދީ ނިޒާމަކީ އިސްލާމީ އިޤްތިޞާދީ ނިޒާމު ކަމަށާއި އަދާލަތުޕާޓީގެ ސިޔާސަތުގައި އިސްލާމީ އިޤްތިޞާދެއް ބިނާ ކުރުމަށް ވަރަށް ބޮޑަށް ބާރު އަޅާފައިވާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މުސްލިމް ނޫންޤައުމުތަކުގައިވެސް އިސްލާމީ މާލީ ޚިދުމަތް ވަރަށް ބާރަށް ފުޅާވެ ކުރިއަރަމުން އަންނަ ކަމަށާއި ރާއްޖޭގައިވެސް އެފަދަ ޚިދުމަތްތަކެއް ފުޅާކޮށް ތަރައްޤީ ކުރުމުގެ ތަޞައްވަރު އަދާލަތު ޕާޓީގެ މެނިފެސްޓޯގައި ހިމަނާފައިވާނެ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ އިޤްތިޞާދު ފުޅާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ކުރުމަށްޓަކައި ބޭނުންވާނެ ވަޞީލަތްތައް ޤާއިމް ކުރުމާއި ޓްރާންޝިޕްމެންޓް ބަނދަރު ޤާއިމް ކުރުންފަދަ ކަންކަމުގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދުގައި ރާއްޖެ ބައިވެރިވާ ނިސްބަތްވެސް އިތުރުވެގެންދާނެ ކަމަށް ނޫމާން ވިދާޅުވިއެވެ.