ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓަކީ ދީނީ ޢިލްމުވެރިން ވިދާޅުވާ ބަސް އަޑުއައްސަވާނެ ބޭފުޅެއް ކަމުގެ ޔަޤީންކަން އެބައޮތް – އަދާލަތު

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓަކީ ދީނީ ޢިލްމުވެރިން ވިދާޅުވާ ބަސް އަޑުއައްސަވާނެ ބޭފުޅެއް ކަމުގެ ޔަޤީންކަން އެބައޮތް – އަދާލަތު

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓަކީ ދީނީ ޢިލްމުވެރިން ވިދާޅުވާ ބަސް އަޑުއައްސަވާނެ ބޭފުޅެއް ކަމުގެ ޔަޤީންކަން އެބައޮތްކަމަށް އަދާލަތު ޕާޓީގެ ނައިބުރައީސް އަލްއުސްތާޒު އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

އަންނަ ސެޕްޓަރު ތޭވީހުގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓް އިބްރާހިމް މުޙައްމަދު ޞާލީހާއެކު ޕާޓީތަކުން ބ.ތުޅާދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަދާލަތުޕާޓީގެ ނައިބްރައީސް އަލްއުސްތާޒު އަލީ ޒާހިރު ވިދާޅުވީ އެމް.ޑީ.ޕީއާ ގުޅިގެން އިސްލާޙީ މަސައްކަތް އަދާލަތު ޕާޓީން ފެށި ހިސާބުން  އިބްރާހިމް މުހައްމަދު ޞާލިހާއެކު ވޭތުވެދިޔަ ތިން އަހަރެއްހާދުވަހު ވަރަށް ގާތުން މަސައްކަތް ކުރައްވާފައިވާ ކަމަށެވެ. އަލީ ޒާހިރު ވިދާޅުވީ މިއަދުގެ ރިޔާސީ ކެނޑިޑޭޓް މިހާތަނަށްވެސް ދީނީ ޢިލްމުވެރިންގެ ބަސް އައްސަވާފައިވާތީ ކުރިއަށް އޮތްތަނުގައިވެސް އަޑު އައްސަވާނެ ކަމުގެ ޔަޤީންކަން އަދާލަތު ޕާޓީއަށް އެބައޮތް ކަމަށާއި ދިވެހި އެންމެހާ ރައްޔިތުންނަށް އަދާލަތު ޕާޓީން އެކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން އަދާލަތު ޕާޓީގެ ނައިބްރައީސް ވިދާޅުވީ އަދާލަތު ޕާޓީ ބައިވެރިވާ އިއްތިހާދެއްގައި ނުވަތަ އަދާލަތު ޕާޓީ އޮތް ތަނެއްގައި ކަނޑައެޅިގެން އިސްލާމް ދީނާ ޚިލާފަށް ކަމެއް ކުރާނަމަ އެޕާޓީ ހިމޭނުން ނޯންނާނެ ކަމަށެވެ.

އަލީ ޒާހިރު ވިދާޅުވީ އިބްރާހިމް މުޙައްމަދު ޞާލިހު އެފަދަ ކަމެއް ނުކުރައްވާނެ ކަމަށާއި އެކަން ތަޖުރިބާވެސް ކުރައްވާފައިވާ ކަމަށެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަލީ ޒާހިރު އިދިކޮޅު އިއްތިހާދުން އަނިޔާވެރިކަމާ ދެކޮޅަށް ތެދުވާނީ ނުވަތަ އަނިޔާވެރިކަން ހުއްޓުވާނީ ފިނިކޮޓަރީގައި ތިއްބަވައިގެން ނޫން ކަމަށާއި އިސްލާހަށް ލޯބި ކުރައްވާ އެތައް ބަޔަކު ގުޅިގެން ކުރަމުން އަންނަ މަސައްކަތުގައި އިންސާފު ޤާއިމް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އަލީ ޒާހިރުވަނީ ދިވެހި ރައްޔިތުންނަށް މިނިވަންކަމާއެކު ކެމްޕެއިންކޮށް ވޯޓު ލުމުގެ ފުރުސަތު ދެއްވުމަށް ފުލުހުންނާއި ސިފައިންގެ އިތުރުން އިލެކްޝަންސް ކޮމިޝަނަށް ގޮވާލައްވާފައެވެ.