ގެއްލިފައިވާ ނޫސްވެރިޔާ ނިޔާވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވުމާ ގުޅިގެން އެ މައްސަލައިގެ މިނިވަން ތަޙްޤީޤެއް ކުރުމަށް އަދާލަތު ޕާޓީން ގޮވާލައިފި.

ގެއްލިފައިވާ ނޫސްވެރިޔާ ނިޔާވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވުމާ ގުޅިގެން އެ މައްސަލައިގެ މިނިވަން ތަޙްޤީޤެއް ކުރުމަށް އަދާލަތު ޕާޓީން ގޮވާލައިފި.

 

ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟުވާނު ނިޔާވެފައިވާ ކަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ހާމަ ކުރެއްވުމާ ގުޅިގެން އެމައްސަލައިގަ މިނިވަން ތަޙްޤީޤެއް ކުރުމަށް އަދާލަތު ޕާޓީން ގޮވާލައިފިއެވެ.

އެޕާޓީން މިކަމަށް ގޮވާލާ ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ނޫސްވެރިޔާ ރިޟުވާނު ގެއްލުނުތާ އެތައް ދުވަހެއް ފަހުން އެ މައްސަލައިގެ ތަޙްޤީޤަށް އެކަށީގެންވާ ކުރިއެރުމެއް ލިބިފައި ނުވާތީ އަލުން އެ މައްސަލައިގެ މިނިވަން ތަޙްޤީޤެއް ކުރުމަށް ގޮވާލާ ކަމަށެވެ.

މީގެ އިތުރުން ރިޟުވާނު ގެއްލުވާލި މައްސަލައިގެ އިންސާފު ނުލިބި ޝަރީއަތް ނިމިފައިވަނިކޮށް އޭނާ ނިޔާވެފައިވާ ކަމަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާތީ އެ މައްސަލަ އަލުން ތަޙްޤީޤްކޮށް އިންސާފު ޤާއިމް ކުރުމަށްވެސް އަދާލަތު ޕާޓީގެ ޓުވީޓުގައި ގޮވާލާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ގދ.މަޑަވެލީގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ “މިނިވަން ނޫހުގަ ނޫސްވެރިއަކަށް އުޅޭ ރިޟުވާނު، މިހާރުވަނީ ނިޔާވެފައި، ޝައްކެއްވެސް ނެތް. ވަރަށް ހިތާމަވެރިކަމެއް” ކަމަށެވެ.

މިއީ އަޙްމަދު ރިޟުވާނަށް ވީނުވީއެއް ނޭނގި ގެއްލުނުފަހު އޭނާ އާ ގުޅޭ މައުލޫމާތެއް މިފަދަ ގޮތަކަށް ހާމަކުރެއްވި ފުރަތަމަ ފަހަރެވެ.

ރިޟުވާނު ނިޔާވެފައިވާ ޚަބަރު ސަރުކާރުން އާންމުކޮށްފައިމިވަނީ އޭނާ ގެއްލުވާލި މައްސަލައިގެ ޝަރީއަތް ނިމި އެކަމުގެ ތުޙުމަތުގައި ހައްޔަރުކުރި އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން މިދިޔަ ހަފްތާގައި ހުކުމް ކޮށްއފައިވާ ދަނޑިވަޅެއްގައެވެ.

އަދި ފެށުނީއްސުރެންވެސް ރިޟުވާނު ގެއްލުނު މައްސަލަ ތަޙްޤީޤް ކުރުމުގައި ފުލުހުންނާއި ސަރުކާރުން އިހުމާލުވެފައިވާ ކަމުގެ ބޮޑެތި ތުޙުމަތުތަކެއް ސަރުކާރަށާއި ފުލުހުންނަށް ވަނީ އަމާޒުވެފައެވެ.