ޑިފެންސް މިނިސްޓްރީގެ ކުރީގެ ކޯޑިނޭޓަރ މުޝްރިފް އަދާލަތު ޕާޓީއަށް ސޮއިކުރައްވައިފި

ޑިފެންސް މިނިސްޓްރީގެ ކުރީގެ ކޯޑިނޭޓަރ މުޝްރިފް އަދާލަތު ޕާޓީއަށް ސޮއިކުރައްވައިފި

 

ޑިފެންސް މިނިސްޓްރީގެ ކުރީގެ ކޯޑިނޭޓަރ މުޙައްމަދު މުޝްރިފް އަދާލަތު ޕާޓީއަށް މިރޭ ސޮއިކުރައްވައިފިއެވެ.

އޭނާ ސޮއި ކުރެއްވީ އެކަމަށްޓަކައި މިރޭ އަދާލަތު ޕާޓީގެ އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

އަދާލަތު ޕާޓީގެ ފަރާތުން މުޝްރިފްގެ މެމްބަރޝިޕް ފޯމާ ޙަވާލުވެޑައިގެންނެވީ އެ ޕާޓީގެ ނައިބްރައީސް އަލްއުސްތާޒު އަލީ ޒާހިރެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަދާލަތު ޕާޓީގެ ނައިބްރައީސް ދެއްކެވި ވާހަކަފުޅުގައި އަދާލަތު ޕާޓީއަކީ ވަކި މީހެއްގެ ނުވަތަ ވަކި ފަރުދެއްގެ ޕާޓީއެއްނޫން ކަމަށާއި ހުރިހާ ދިވެހިރައްޔިތުންނަށްވެސް ހުޅުވާލެވިފައިވާ ޕާޓީއެއް ކަމަށް ވިދާޅުވިއެވެ. އަދި އެޕާޓީން ޤަބޫލުކުރާ އަޚްލާޤީ މިންގަނޑު ހިފައްޓާ ކޮންމެ ދިވެހިރައްޔިތަކަށްވެސް އަދާލަތު ޕާޓީން އަބަދުވެސް މަރުޙަބާ ކިޔާނެ ކަމަށްވެސް އަލީ ޒާހިރު ވިދާޅުވިއެވެ.

މިރޭ އަދާލަތު ޕާޓީއަށް ސޮއިކުރެއްވި މުޝްރިފަށް މަރުޙަބާ ވިދާޅުވަމުން އަލީ ޒާހިރު ވިދާޅުވީ އަދާލަތު ޕާޓީއަކީ އެ ޕާޓީ ޤަބޫލުކުރާ ހަމަތަކާއި އުސޫލުތައް ހިފަހައްޓާ ޕާޓީއެއްކަން މާޒީގައި ސާބިތުކޮށްދީފައިވާނެ ކަމަށެވެ.

އަދާލަތު ޕާޓީއަށް ސޮއި ކުރެއްވުމަށްފަހު މުޝްރިފް ވިދާޅުވީ އޭނާ އަދާލަތު ޕާޓީއަށް ސޮއިކުރީ އަދާލަތު ޕާޓީން މިހާތަނަށް މަސައްކަތް ކޮށްފައިވަނީ އެ ޕާޓީގެ އަމިއްލަ ސިޔާސީ މަސްލަހަތަށްވުރެ ބޮޑަށް ދީނާއި ޤައުމީ މަސްލަހަތު އިސްކޮށްގެން ކަމަށް ވާތީ ކަމަށެވެ.

އަދި ޚާއްސަ ގޮތެއްގައި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲގެ ލީޑާޝިޕްގެ ހަރުދަނާކަން އޭނާ ވަނީ ފަހަގަ ކުރައްވާފައެވެ.

މީގެ އިތުރުން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި އަދާލަތު ޕާޓީ ހިމެނޭ ކޯލިޝަނުން ތައްޔާރު ކުރަމުން އަންނަ މެނިފެސްޓޯގައި ހިމެނުމަށް އަދާލަތު ޕާޓީން ހުޝަހެޅުމަށް އެކުލަވާލާފައިވާ މެނިފެސްޓޯގެ ފުރިހަމަކަންވެސް މުޝްރިފް ފާހަގަ ކުރެއްވިއެވެ.

މުޝްރިފަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޑިފެންސް މިނިސްޓްރީގެ ކޯޑިނޭޓަރަކަށް ހުންނެވުމަށްފަހު 2015 ވަނަ އަހަރު އިސްތިއުފާ ދެއްވުމަށްފަހު އިދިކޮޅު ހަރަކާތްތަކުގައި ބައިވެރިވަމުން އަންނަ ޒުވާނެކެވެ.