ސައްތައިންސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި ދިވެހިރާއްޖެ ދަމަހައްޓާނަން- އިބޫ

ސައްތައިންސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި ދިވެހިރާއްޖެ ދަމަހައްޓާނަން- އިބޫ

ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ސޯލިޙް (އިބޫ) ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ދީނީ ސިޔާސަތު ބައްޓަންކުރައްވާނީ، ސައްތައިންސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށާއި، ސައްހަ އިސްލާމީ އަޤީދާގެ މަތީގައި ދިވެހި މުޖުތަމަޢު ބިނާކޮށް ކުރިއެރުވުމަށްކަމަށެވެ. އަދި އިބޫ ވަނީ އެހެން ދީނަކަށް ފުރުސަތު ނުދޭނެކަން ކަށަވަރު ކޮށްދެއްވާފައެވެ.

“ދިވެހިރާއްޖޭގައި އެހެން ދީނަކަށެއް ފުރުސަތެއް ނުދެވޭނެ. އެއީކީއެއް ރައްޔިތުން ޤަބޫލުކުރާވެސް ކަމެއް ނޫން. އަދި އަޅުގަނޑުމެން އެއްވެސް މީހަކު ޤަބޫލުކުރާކަމެއްނޫން” އިބޫ ވިދާޅުވިއެވެ.

މިކަންކަމުގައި އެމަނިކުފާނު ގެންދަވަނީ ރާއްޖޭގައި ތިއްބެވި ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ހޯއްދަވާފައިވާ ދީނީ ޢިލްމުވެރިންގެ އިރުޝާދު ހޯއްދަވަމުން ކަމަށްވެސް އިބޫ ވިދާޅުވިއެވެ. އެގޮތުން އިއްތިހާދުގެ އެންމެ މުހިންމު އެއްބައިވެރިއެއްގެ ގޮތުގައި ޢަދާލަތު ޕާޓީ އޮތްކަމަށާއި، އެޕާޓީ އަކީ ގިނަ އަދަދެއްގެ ދީނީ ޢިލްމުވެރިން ހިމެނިވަޑައިގަންނަވާ ޕާޓީއެއް ކަމުގައި ވުމުން އެބޭފުޅުންގެ މަޝްވަރާގެ އަލީގައި ސިޔާސަތުތައް ބައްޓަންކުރުމުގެ މަސައްކަތް ކުރިޔަށް ދާކަމަށް އިބޫ ވިދާޅުވިއެވެ. އަދި ދީނީ ގޮތުން އެންމެ ކުރިއަރާފައި ހުންނެވި އެއް ބޭފުޅެއް ކަމުގައިވާ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމް ވެސް ހުންނެވީ އެމަނިކުފާނުގެ އިއްތިހާދުގައި ކަންވެސް އިބޫ ފާހަނގަކުރެއްވިއެވެ.

މާތް ﷲ ގެ ވާގިފުޅާއެކު، ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯ ހާމަވެގެންދާއިރު، އޭގައި ހިމެނޭ ސިޔާސަތުތަކަކީ މީގެ ކުރިން އެއްވެސް ރިޔާސީ ކެންޑިޑޭޓަކު ހާމަކޮށްފައިނުވާފަދަ ހަރުދަނާ ދީނީ ސިޔާސަތު ތަކަކަށްވެގެންދާނެކަމަށާއި އެ ސިޔާސަތުތައް ތަންފީޒުވެގެންދާއިރު ދިވެހި މުޖުތަމައަށް އެކަށީގެންވާ ހެޔޮބަދަލުތަކެއްވެސް އަންނާނެކަމަށް އިބްރާހީމް މުހައްމަދު ސޯލިޙް ކަށަވަރުކޮށްދެއްވިއެވެ.