ހދ. ކުޅުދުއްފުށި ސިޓީއެއްގެ ގޮތުގައި ތަރައްޤީކޮށްދޭނަން: އިބޫ

ހދ. ކުޅުދުއްފުށި ސިޓީއެއްގެ ގޮތުގައި ތަރައްޤީކޮށްދޭނަން: އިބޫ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ކުޅުދުއްފުށީ ރައްޔިތުންނާއި މުޚާތަބު ކުރައްވަމުން ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ތަރައްގީގެ ތަސައްވަރެއް އޮތްކަމުގައިވިޔަސް މިހާރުގެ ސަރުކާރުން ވަނީ އެކަންތައް ހުއްޓާލާފައި ކަމަށެވެ. ނަމަވެސް، އިބޫގެ ވެރިކަމެއްގައި ކުޅުދުއްފުއްޓަކީ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކޮށްދެއްވާނެ ކަމަށެވެ.

ކުޅުދުއްފުށީ ރައްޔިތުންގެ އެންމެ ބޮޑު އެދުމަކީ އެއަރޕޯޓެއް އެޅުންކަމަށް އިބޫ ފާހަގަކުރެއްވިއެވެ. މި އެއަރޕޯޓު އިބޫގެ ވެރިކަމުގައި އަޅުއްވާދެއްވުމުގެ އިތުރުން، މަގުތައް ތަރައްގީ ކުރުމުގެ މަސައްކަތްވެސް ކުރިޔަށްވުރެން ރަގަޅަށް ކޮށްދެއްވާނެކަންވެސް ފާހަގަ ކުރެއްވިއެވެ.

ކުޅުދުއްފުށީގައި ބޯހިޔާވަހިކަމުގެ މައްސަލަ ބޮޑުވެފައި އޮތްއިރު އިބޫގެ ވެރިކަމުގައި ރޯހައުސް އެޅުމުގެ މަސައްކަތް ފަށާނެކަމުގެ ޔަގީންކަންވެސް ދެއްވިއެވެ. އަދި ބިން އޮތް މިންވަރު ބަލާ، ގޯތި ދޫކުރުމާއި ފްލެޓު އެޅުމުގެ ކަންކަން ކުރިއަށް ގެންދަވާނެކަމަށްވެސް ވިދާޅުވިއެވެ. މިއީ މާލޭގައިވެސް، އަދި ބޯހިޔާވަހިކަމަށް ބޭނުންވެފަ ހުރި ހުރިހާ ސަރަހައްދެއްގައިވެސް ކޮށްދޭނެ ކަމެއްކަން ފާހަގަ ކުރައްވާ، ސިފައިންނާއި ފުލުހުންނަށް ދޫކޮށްފައި ހުރި ފްލެޓުތައް އެންމެ ގިނަވެގެން އެއް އަހަރު ތެރޭގައި ނިންމަވާނެކަމަށްވެސް ވިދާޅުވިއެވެ.

ބަނދަރުގެ މަސައްކަތް ކުރުމުގެ ގޮތުން އިންޓަރނޭޝަނަލް ޕޯޓެއް ބިނާކޮށް ވިޔަފާރި ބަނދަރެއް ތަރައްޤީ ކުރައްވާނެކަމަށް އިބޫ ވިދާޅުވިއެވެ. މީގެ އިތުރުން ހޮސްޕިޓަލް ތަރައްގީ ކުރުމުގެ ގޮތުން ޓަރޝަރީ ހޮސްޕީޓަލަކަށް ބަދަލުކޮށް، ރަނގަޅު ހިދުމަތް ހޯދޭނެގޮތް އަވަސް މުއްދަތެއްގައި ފަހިކޮށްދީ، ޓޫރިޒަމް ފުޅާކުރުމުގެ ގޮތުން ރިސޯޓު ތަރައްޤީކުރުމުގެ މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ.

ފެރީގެ ނިޒާމް ރަނގަޅުކޮށްދީ، ވިޔަފާރިތަކަށް އަމާޒުކޮށް ބޭންކިންގ ހިދުމަތް ފައްޓަވާދެއްވާ، އަދި ޓެކްސީ ދުއްވާގެން އާމްދަނީ ހޯދާ ފަރާތްތަކަށް ޓެކްސީ ބޯޑު ގަތުމަށް ހަރަދު ކުރާ 50،000 ރުފިޔާގެ ފީ މުޅިން ކަނޑާލާނޭކަމަށް އިބޫ ވިދާޅުވިއެވެ.