ޒުވާނުން ތިބީ އަޅުގަނޑުމެންނާއި އެކީ – އިބޫ

ޒުވާނުން ތިބީ އަޅުގަނޑުމެންނާއި އެކީ – އިބޫ

މާލޭގައި ޒުވާނުންގެ ޖަގަހައެއް ހުޅުއްވާދެއްވުމަށްފަހު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވީ މީ ޒުވާނުންގެ ފަހަރެއް ކަމަށާއި ޒުވާނުން ތިބީ އެމަނިކުފާނާއެކީގައި ކަމަށެވެ.

ގިނަ އަދައެއްގެ ޒުވާނުން ބައިވެރިވި މި ރަސްމިއްޔާތުގައި އިބޫ ވިދާޅުވީ ރާއްޖޭގެ ޒުވާނުންގެ 19 ޕަސެންޓާއި 23 ޕަސެންޓާ ދެމެދުގެ އަދަދެއްގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ނުލިބިފައިވާކަމަށާއި އެއީ ވަރަށް ކަންބޮޑުވާކަމެއްކަމަށެވެ. އިބޫގެ ވެރިކަމެއްގައި މިމައްސަލަތަކަށް ހައްލެއް ހޯއްދަވައިދެއްވާނެކަމަށެވެ.

މިއަދުގެ ސަރުކާރުން ޒުވާން ކުޅުންތެރިން ޖަލަށްލާ، ޒުވާން ލޯޔަރުންނާއި ކައުންސިލަރުން ސަސްޕެންޑު ކުރާތަން ފެނުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމާއި އިބޫގެ ވެރިކަމެއްގައި މިކަންތައް ހުއްޓުވާނޭ ކަމަށެވެ. މީގެ އިތުރުން ސްކޮލަރޝިޕް ޕްރޮގްރާމް ހުޅުއްވަވާ، ޒުވާނުން ބޭނުން ގައުމަކަށް މަތީ ތައުލީމް ހާސިލުކުރުމަށް ދިޔުމުގެ ފުރުސަތު ދެއްވާނެ ކަންވެސް ފާހަގަ ކުރެއްވިއެވެ. އަދި މާލެ ކައިރީގައި ދަތުރު ދާނެ ރަށެއް އިބޫގެ ވެރިކަމުގައި ދާދި އަވަހަށް ފެނިގެން ދާނެ ކަމަށް ވިދާޅުވިއެވެ. މިއީ އިރާދަކުރެއްވިއްޔާ ކާމިޔާބު ކުރާނެ ފަހަރު ކަމަށް އިބޫ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ބައިވެރިވި އިބޫގެ ރަނިންމޭޓް ފައިސަލް އިތުރަށް ވިދާޅުވީ ދިވެހި ޒުވާނުންނަކީ ވަޒީފާއެއްނެތި މަގުމަތި ވެފައިވާ ބައެއްކަމަށް ވުން ނިމުމަކަށް ގެންނާނޭ ކަމަށެވެ. އަދި ދިވެހި ގައުމުގެ ތަރައްގީގެ ހަލުވި ދުވެލީގައި 24 ގަޑިއިރު މަސައްކަތް ކުރެވޭނެ ގޮތް ހަދާނެ ކަމަށެވެ.