އަޅުގަނޑުމެން ސަރުކާރުގައި ދީން ސިޔާސީ ހަތިޔާރެއް ގޮތުގައި ބޭނުމެއް ނުކުރާނަން -އިބޫ

އަޅުގަނޑުމެން ސަރުކާރުގައި ދީން ސިޔާސީ ހަތިޔާރެއް ގޮތުގައި ބޭނުމެއް ނުކުރާނަން -އިބޫ

އިބޫ އާއެކު އެއްގަޑި އިރު ގެ ނަމުގައި ވީޓީވީން ރޭ ގެނެސްދިން ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް(އިބޫ)، ދީނާއި ގުޅެގޮތުން ކުރެވުނު ސުވާލަށް ދެއްވި ޖަވާބުގައި ވިދާޅުވީ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމެއް ގޮތުގައި ދަމަހައްޓަވާނެ ކަމަށެވެ. އެމަނިކުފާނުގެ ސިޔާސަތަކީ އެއްވެސް ހާލަތެއްގައި ސަރުކާރުން އިސްލާމް ދީން ސިޔާސީ ހަތިޔާރެއް ގޮތުގައިބޭނުން ނުކުރެއްވުން ކަމުގެ ޔަގީންކަން ދެއްވިއެވެ.

މިހާރުގެ ސަރުކާރުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމުގައި އެހެން ދީންތަކަށް ފުރުސަތު ހުޅުވާލާނޭ ކަމަށް ބުނެ ފާޑު ކިޔަމުން ދާއިރު މިކަން ދޮގުކުރައްވާ އިބޫ ވިދާޅުވީ ކުރީގައިވެސް އެމްޑީޕީ ވެރިކަމުގައި ދީނީ އިލްމުވެރިންނަށް ނުކުމެ މިނިވަންކަމާއެކު ވާހަކަ ދެއްކުމުގެ ފުރުސަތު ހުޅުވާލެވުމާއި، ފިގުހު އެކަޑަމީއާއި އަދި އިސްލާމިކް މިނިސްޓްރީ އުފެއްދެވުން ފަދަ މުހިންމު މަސައްކަތްތައް ކުރެއްވީ ވެސް އެބޭފުޅުން ކަމުގައިއެވެ. އިބޫގެ ވެރިކަމެއްގައި ސައްޙަ އިސްލާމީ އަޤީދާ އަށަގެންނެވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާނެކަމަށް ވިދާޅުވާ ވާހަކަ ފުޅުތަކުރާރުކުރައްވާ އެކަމުގެ ތަފްސީލު މެނިފެސްޓޯގައި ހިމެނިފައިވާނެކަމަށްވެސް އިބޫ ވިދާޅުވިއެވެ.

އަދި ކުރިއައް އޮތް ތަނުގައި އެބޭފުޅުންގެ ސިޔާސަތުގައި ރައްޔިތުން އެދޭ ހެޔޮ ބަދަލުވެސް ފެނިގެން ދާނޭ ކަން ފާހަގަކުރައްވާ، މިހާރުގެ ސަރުކާރުން ދީނާ ގުޅުވާގެން ދައްކަނީ ރައްޔިތުން ގަބޫލު ކުރާ ވާހަކަ އެއް ނޫންކަމަށް ވިދާޅުވެ އިބޫ ފާޑުވިދާޅުވިއެވެ.