މި ސަރުކާރުގައި ހައްލުނުވެ ހުރި މައްސަލަތައް އަޅުގަނޑުމެން ހައްލު ކުރާނަން -އިބޫ

މި ސަރުކާރުގައި ހައްލުނުވެ ހުރި މައްސަލަތައް އަޅުގަނޑުމެން ހައްލު ކުރާނަން -އިބޫ

 

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހ (އިބޫ)، އެމަނިކުފާނުގެ ސަރުކާރުގައި ރާއްޖޭގައި މިހާރު ދިމާވެފައިވާ އެކި މައްސަލަތައް ހައްލު ކުރުމަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެއްޖެއެވެ. ވަކިން ޚާއްސަކޮށް ރާއްޖޭގައި ގިނަވަމުންދާ ގޮތް ނޭނގޭ އެތައް މަރެއްގެ ހަގީގަތް ހޯދުމަށް މަސައްކަތް ކުރައްވާނެ ވާހަކަ ވިދާޅުވިއެވެ. މިހާރުގެ ސަރުކާރު ވެރިކަމާ ހަވާލުވިފަހުން ރާވައިގެން ސިޔާސީ ބޭނުން ތަކުގައި އެތައް ޒުވާނުންނެއް މަރާލެވިފައިވާރު އެ މައްސަލަތައް ނުބެލޭކަންވެސް އިބޫ ފާހަގަ ކުރެއްވިއެވެ. މީގެ ފަހަތުގައި ވަނީ ކޮންމެވެސް މަތީ މަގާމެއްގެ ސިޔާސީ ބޭފުޅެއްގެ އެންގުންކަމަށް އިބޫ ވިދާޅުވިއެވެ.
މި މަރުތަކާއި ފޭރުން ފަދަ ކަންކަން ގިނަވަނީ މާލޭގައި މީހުން ގިނަވެ، ޒުވާނުންނަށް އޮންނަ ވަޒީފާގެ ފުރުސަތުތައް މަދުވުމުން ކަމަށާއި، މިކަމަށް ހައްލެއް ގެނައުމަށް އިބޫގެ ސަރުކާރުގައި މަތީ ތައުލީމަށް ސަމާލުކަންދީ، ސްކޮލަރޝިޕް ގެ ފުރުސަތު އިތުރުކޮށް އަދި މިނޫންވެސް އެތައް ޕްރޮގްރާމެއް ޒުވާނުންނަށް ހާއްސަކޮށް ފަހިކޮށްދެއްވާނޭ ކަމުގެ ޔަގީންކަން ދެއްވިއެވެ.
މީގެ އިތުރުން ދަނޑުވެރިންގެ އުފެއްދުންތައް ތާޒާކޮށް އެކްސްޕޯޓް ކުރުމުގައި ދިމާވާ ދަތިތައް ހައްލު ކުރުމުގެ ގޮތުން މި އުފެއްދުންތައް ތާޒާކަމާއެކީ ފިނިކޮށް މާރުކޭޓާ ހިސާބަށް ގެނެވޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށްވެސް އެ ޕްރޮގްރާމްގައި އިބޫ ވިދާޅުވިއެވެ. އަދި ބޯހިޔާވަހިކަން ހޯދުމަށް މި ސަރުކާރުން ގަނޫނާ އެއްގޮތަށް ފެށިފައިހުރި އެއްވެސް މަސައްކަތެއް ހުއްޓާ ނުލާނެކަމާއި ދޮރުން ދޮރަށް ހިންގަވާއިރު ރައްޔިތުންގެ ހާލުފެނިފައި ސަރުކާރަށް ކުރެވޭ މަސައްކަތެއް ނެތްކަން ހާމަވާ ކަމަށްވެސް ވިދާޅުވިއެވެ.
އަދި މީގެ އިތުރުން ތިމާވެއްޓާމެދު ވިސްނާލުމުން ދުނިޔެ ހޫނުވުމުގެ އަސަރުތައް ރާއްޖެއަށް ކުރާކަމާއި 91% ކަނޑު އޮންނަ މި ޖަޒީރާ ގައުމުގައި ކަނޑު ގެ ލޮނުގަނޑު އުފުލުމާ ގުޅިގެން ގެއްލުންވާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ތިމާވެއްޓާއި ގުޅޭ ގާނޫނުތަކަށް މިހާރު އަމަލުނުކުރެވޭ ކަމަށާއި އެމަނިކުފާނުގެ ވެރިކަމުގައި ރަށްތަކާއި ފަޅުތައް ހިމާޔަތް ކުރަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެކަމުގެ ޔަގީންކަންވެސް ދެއްވިއެވެ.