ރައްޔިތުން ބިރު ނުގަނެ ކުރިޔަށް ނުކުންނަވާ! މާ ގިނަ ދުވަހެއް ނެތް!

ރައްޔިތުން ބިރު ނުގަނެ ކުރިޔަށް ނުކުންނަވާ! މާ ގިނަ ދުވަހެއް ނެތް!

ރ.ދުވާފަރުގައި ހުކުރު ދުވަހު ބޭއްވި ޖަލްސާގައި އަދާލަތު ޕާޓީގެ މެންބަރު ރ.ކިނޮޅަހު ކައުންސިލްގެ ރައީސް އަޙްމަދު ޙުސައިން ވާހަކަ ފުޅު ދައްކަވަނީ. ފޮޓޯ: ކޯލިޝަން

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ރޭގައި ދުވާފަރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރ.ކިނޮޅަހު ކައުންސިލްގެ ރައީސް އަހްމަދު ހުސެން ވިދާޅުވީ ބިރު ފަހަނައަޅާ ކުރިޔަށް ނުކުތުމަށެވެ. މިވަގުތު ރައްޔިތުންގެ ވަޒީފާ ގެއްލިއްޖެނަމަ ގޭގައި މަޑުކޮށްލަން އޮތީ ވަރަށް މަދު ދުވަސްކޮޅެއް ކަމަށެވެ. އަދި މިފަހަރަކީ ރައްޔިތުންގެ އިހުސާސްތައް ދަންނަ، ރައްޔިތުންދެކެ ލޯބިވާ، އިންސާނިއްޔަތުކަން ހުރި، އަދި ޖަޒީރާ ރާއްޖެއެއް ހޯއްދަވާދެއްވާނެ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެނޑިޑޭޓު އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ނުކުންނަވާ ފަހަރު ކަމަށެވެ. މިއަދުގެ ސަރުކާރުގެ ސަބަބުން ރައްޔިތުންނަށް ތަރައްގީ ސިފަވެފައޮތީ ވައްކަމުގެ ގޮތުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދާލަތު ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ އަހުމަދު ހުސެން އިތުރަށް ވިދާޅުވީ ރައީސް ޔާމީން ވަނީ އަނިޔާވެރިކަން ހައްދުންނައަޅާ ގޮސްފައި ކަމަށެވެ. އަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދު ﷲ އާއި ގާސިމް އިބްރާހިމް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މި ސަރުކާރުން ހިނގަމުންދާ ޖަރީމާތަކުގެ ވާހަކަ ފާހަގަކުރެއްވުމުން ޖަރީމާތައް ހުއްޓުމުގެ ބަދަލުގައި އެކަންކަން ކުރިޔަށްގެންދިޔުމުގެ ގޮތުން އެބޭފުޅުން ޖަލަށްލީކަންވެސް އަހުމަދު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން އަދާލަތު ޕާޓީގެ އަގު ވައްޓާލުމަށްޓަކާއި މަސައްކަތް ކުރާ ފަރާތްތައް ތިބިކަމާއި، އެހެންނަމަވެސް އަދާލަތަކީ ވަކި މީހަކު ބުނާ ގޮތަށް ހިނގާ ޕާޓީއެއް ނޫން ކަމަށް އަހުމަދު ވިދާޅުވިއެވެ. އަދާލަތު ޕާޓީއާއި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބޫ، އިސްލާމްދީން ހިމާޔަތްކުރައްވާނެކަމުގެ ޔަގީންކަމާއި އިތުބާރު އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ. މި އަނިޔާވެރި 5 އަހަރުގެ ތެރެއިން ނިސްބަތުން އެންމެ ބޮޑު އަނިޔާއެއް ލިބިފައިވާ ރަށަކަށް ރ. ކިނޮޅަސް ވާނޭކަމާއި ރަށުގެ 98% ވޯޓު އިބޫއަށް ލިބޭނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.