އިސްލާމް ދީނާއި މިނިވަންކަން އެއީ އަޅުގަނޑުމެން ދޫކޮށްނުލާނެ ދެކަންތައް – އިބޫ

އިސްލާމް ދީނާއި މިނިވަންކަން އެއީ އަޅުގަނޑުމެން ދޫކޮށްނުލާނެ ދެކަންތައް – އިބޫ

އިންނަމާދޫއަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ކުރެއްވި ދަތުރުފުޅުގައި ރައްޔިތުންނާއި މުހާތަބު ކުރައްވަމުން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ދީނާއި މިނިވަން ކަމަށް ހުރަސް އެޅިދާނެ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ. އަދި މިކަމަށްޓަކައި ކުރިމަތި ލާންޖެހޭ ކޮންމެ ގޮންޖެހުމަކާ ކުރިމަތި ލާން ހުރީ ތައްޔާރަށް ކަމަށެވެ.

މި އަންނަ އިންތިހާބު އޮޅުވާލުމުގެ ގޮތުން މިހާރުގެ ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ހުއްޓުވުމުގެ ގޮތުން ބޭރުގެ ފަރާތްތަކުގެ އެހީ ހޯދިކަމުގައި ވިޔަސް، މިކަންތައް ކުރާނީ ބައިނަލްއަގުވާމީ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ކަމަށް އިބޫ ވިދާޅުވިއެވެ. މިނިވަން ކަން ގެއްލޭނެ އެއްވެސް ކަމަކަށް ކުޑަވެސް ފުރުސަތެއް ނުދޭނެކަމުގެ ޔަގީންކަން ވެސަ އެމަނިކުފާނު ދެއްވިއެވެ.

އިންނަމާދޫގައި ވަޑާން ކުރުމަށް ހުނަރުވެރި ރައްޔިތުން ތިބިކަން ފާހަގަ ކުރައްވަމުން އިބޫ ވިދާޅުވީ ތައުލީމީ ސިޔާސަތު ތަކުގެ ތެރެއިން ހާއްސަކޮށްގެން ބޯޓް ބިލްޑިންގް އަދި މެރިން އާކިޓެކްޗަރ ކިޔެވުމުގެ ފުރުސަތު ހުރިހާ ކުދިންނަށް ހުޅުވާލާނެކަމަށެވެ. އަދި މީގެއިތުރުން ފެނާއި ނަރުދަމާގެ އަސާސީ ހިދުމަތްތައް ހުރިހާ ރަށަކަށް ފޯރުކޮށްދިނުމުގެ އިތުރުން ގޮނޑުދޮށްތައް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށާނެ ވާހަކަވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހުރިހާ ސްކޫލެއްވެސް އެއް ދަންފަޅިއަށް ކިޔެވުން ބަދަކު ކުރައްވާނެކަންވެސް ފާހަގަ ކުރެއްވިއެވެ.

އެއްވެސް ރައްޔިތަކު އިންތިހާބާއި ކައިރިވާއިރު ވަޒީފާއިން ކަނޑާލަފާނެ ކަމުގެ ބިރުގައި ނުތިބެ ކެރިގެން ނުކުތުމަށް އިބޫ ހިތްވަރު ދެއްވިއެވެ. އަދި ގެއްލިއްޖެ ވަޒީފާއެއް ހޯދަދޭނެކަމުގެ ޔަގީންކަން ދެއްވިއެވެ. ރީރަޖިސްޓަރީ ފޯމްތައް ބާތިލް ކުރުމުގައި އޮޅުވާލުންތަކެއް ހުރިކަން ފާހަގަ ކުރައްވަމުން އިބޫ ވިދާޅުވީ އޭގެތެރޭގައި ގިނައީ ގުޅިފައިވާ ކޯލިޝަނަށް ތާއީދުކުރާ ރައްޔިތުންގެ ފޯމުތައް ކަމަށެވެ. އެކަމަކުވެސް ހިތްވަރު ދޫކޮށްނުލާ އަލުން ރަޖިސްޓްރީކޮށް ހުރިހާ ބޭފުޅުންނަށްވެސް ވޯޓު ލުމުގެ ފުރުސަތު ޔަގީން ކޮށްދޭނެކަމަށް އިބޫ ވިދާޅުވިއެވެ.