ކޮރަޕްޝަނާއި ވައްކަން ދަނީ އިތުރުވަމުން -އިބޫ  

ކޮރަޕްޝަނާއި ވައްކަން ދަނީ އިތުރުވަމުން -އިބޫ  

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކޮލޮމްބޯގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ މިއަދު ރައީސް ޔާމީންގެ ސަރުކާރުންވަނީ އެޑްވާންސްއަށްވެސް ލޯނު ނަންގަވާފައިކަމަށެވެ. ދުވަހުން ދުވަހަކަށް ކޮރަޕްޝަނާއި ވައްކަން އިތުރުވަމުން ދާއިރު، ކޮންމެ ދިވެހި ރައްޔިތެއް ބޮލުގައި އެޅޭ ދަރަނި ވަނީ އިތުރު ކަމަށް އިބޫ ވިދާޅުވިއެވެ. މިއަދުގެ ސަރުކާރުން ނަގާފައިވާ ލޯނުތައް ދައްކަން ހަރަދު ކުރަންޖެހޭ ފައިސާގެ އަދަދު ވަރަށް ގިނަ ކަމަށާއި ވައްކަން ކުރުން ހުއްޓާނުލާ ފުއްދޭނެ ވައުދެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.

ސްރީލަންކާއާއި ރާއްޖެއަކީ އަބަދުވެސް އެކުވެރި ދެ ގައުމުކަމު ކަމަށާއި، އަބަދުވެސް ލަންކާގައި ހުންނަ ވެރިން ދިވެހިންނަށް ހިތްހެޔޮކަން އިބޫ ފާހަގަ ކުރެއްވިއެވެ. ލަންކާފަދަ އެހެން ގައުމުތަކުގައި ދިވެހިން އުޅެނީ ސިއްހީ ހިދުމަތްތައް ހޯދުމަށާއި ތައުލީމް ޙާސިލުކުރުމަށް ކަމުގައިވާއިރު ގިނަ ފަހަރަށް ދަތުރު ކުރަނީ ބޮޑެތި ލޯނުތައް ނަގައިން ކަމަށްވެސް ފާހަގަ ކުރެއްވިއެވެ. އެމަނިކުފާނުގެ ސަރުކާރުގައި ރާއްޖޭގައި މަތީ ތައުލީމް އަދާކުރާ ހުރިހާ ފަރާތްތަކަށް ހިލޭ ކިޔެވުމުގެ ފުރުސަތު ދިނުމުގެ އިތުރުން ބޭރުގައި ކިޔަވަން ބޭނުންވާ ފަރާތްތަކަށް އިންޓެރެސްޓް ކުޑަ ލޯންސްކީމެއް ހަމަޖައްސާނެކަމަށް ވިދާޅުވިއެވެ. މިހާރުވެސް ބޭރުގައުމުތަކުގައި ކިޔަވަމުންދާ ކުދިންނަށް އަލުން އެ ލޯން ސްކީމަށް ވަނުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށްވެސް އިބޫ ވިދާޅުވިއެވެ.

މި ދުނިޔެއަކީ އިންޓަރޑިޕެންޑެންޓް ދުނިޔެއެއް ކަމުގައި ވާއިރު މިހާރުގެ ސަރުކާރުން ގުޅުންކަނޑާލައިފައިވަ އީރާންއާއި ގަތަރާއި ގުޅުންބަދަހިވެގެން ދާނެކަމާއި ކޮމޮންވެލްތާއި އޮތް ގުޅުން ވަރުގަދަކުރާނެކަމަށް އިބޫ ވިދާޅުވިއެވެ. އަވައްޓެރި ގައުމުތަކާއި އޮތް ގުޅުން މިހާރަށްވުރެން ހަރުދަނާ ކުރެވޭނެކަމާއި އެހެން ގައުމުތަކުގައި އުޅޭ ދިވެހި ރައްޔިތުންނަށް އެތައް ކަމެއް ފަހިވެގެން ދާނެކަމަށްވެސް ވިދާޅުވިއެވެ.

އާސަންދަ މިއަދު ހުސްނުވާ އާސަންދައަށް ބަދަލުކުރެވި، ވަކި ބަޔަކަށް ލިބެމުން އައިކަމުގައި ވިޔަސް، އިބޫގެ ވެރިކަމުގައި އާސަންދައިގެ ހިދުމަތް ފުރިހަމައަށް ހުރިހާ ރައްޔިތުންނަށް ލިބިގެން ދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ބޮޑެތި ބަލިތަކާއި ދިމާވާ އާއިލާ ތަކުން ސަލާންޖަހަން ފަންޑުފޮށި ހިފައިގެން މަގުމައްޗައް ނުކުތުން ނިމުމަކަށް ގެންނާނެކަމަށްވެސް ވައުދުވެވަޑައިގެންނެވިއެވެ.

ވެރިކަމުގެ ފުރަތަމަ ދުވަހު ނަހަމަގޮތުގައި ޖަލުގެ އަނިޔާ ލިބެމުންދާ ފަރާތްތަކާއި ރަށުން ބޭރުގައި އަރުވާލެވިފައި ތިބި ހުރިހާ ބޭފުޅުންނަށް އާއިލާއާ އެކީ އުޅެވޭނެ ފުރުސަތު އަރުވާނެކަމުގެ ޔަގީންކަންވެސް މި ޖަލްސާގައި އިބޫ ދެއްވިއެވެ.