ރައީސް ޔާމީނަކަށް ދީން ހިމާޔަތެއް ނުކުރެވޭނެ -ޝިދާތާ

ރައީސް ޔާމީނަކަށް ދީން ހިމާޔަތެއް ނުކުރެވޭނެ -ޝިދާތާ

 

ގުޅިފައިވާ ޕާޓީ ތަކުން ގދ. ތިނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަދާލަތު ޕާޓީގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ މުގައްރިރު ޝިދާތާ ޝަރީފް ވިދާޅުވީ ދީން ހިމާޔަތް ކުރެވޭނީ ރައީސް ޔާމީނު ވެރިކަމަށް އައިސްގެންކަމަށް ވިދާޅުވާ ވާހަކަ ގަބޫލުކުރާ އެއްވެސް ރައްޔިތެއް ނެތްކަމަށެވެ. އަދި ގުޅިފައިވާ ޕާޓީތަކުގެ ކެނޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމަށް އައުމަށްފަހު ދީން ހިމާޔަތްކުރުމުގެ މަސައްކަތް އެންމެ ރަނގަޅަށް ކުރުއްވާނެކަމަށެވެ.
މީގެ އިތުރުން އެކަމަނާ ވިދާޅުވީ މުޅި ގައުމު ބޮޑު ޖަލަކަށް ހަދައިގެން، ހުރިހާ ސިޔާސީ ޕާޓީތަކެއްގެ ލީޑަރުން ޖަލަށް ލައިގެން އުޅޭއިރުވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރައްވަމުންދާ މަސައްކަތް ނުހުއްޓުވޭކަން އެއީ ފަހުރުވެރިވާ ކަމެއް ކަމަށެވެ. އަދި އަނިޔާވެރިކަމާއި ވައްކަމާއި ކޮރަޕްޝަން މި ގައުމުން ފިލުވާފަ ނޫނީ މިވާހަކަތައް ދެއްކުން ނުހުއްޓާނެކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

ސަރުކާރުން ވައްކަން ކުރިޔަސް ރައްޔިތުންނަށް ވާ ގެއްލުމެއް ނެތޭ ބުނާ މީހުންނަށް ޝިދާތާ ވިދާޅުވީ މީގެ ކުރިން ކަރަންޓުބިލަށް ދައްކާ ފައިސާ، ކާއެއްޗެއްހީގެ އަގު އަދި ޕެޓްރޯލުގެ އަގު ދުވަހަކުވެސް މައްޗަށް ނުދާވަރަށް މައްޗަށް ގޮސްފައި މިއަދު މިވަނީ ވައްކަމުގެ ސަބަބުން ކަމަށެވެ.

މިއަދު ގައުމަށް ޖެހިފައި މިއޮތް މުސިބާތުގެ ސަބަބުން ޒުވާންނުން މަގުމަތީގައި މަރާލެވޭ މިންވަރު އިތުރުވެ، ކޮންމެ ދުވަހަކު ޒުވާނެއްގެ ފުރާނަ ދުއްވާލާތަން ފެނުމަކީ އާންމުކަމަކަށް ވެއްޖެކަމާއި، މި ހާލަތު ބަދަލުކުރުމަކީ ކޮންމެ މަންމައެއް އަދި ބައްޕައެއްގެ ޒިންމާއެއްކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި މިފަހަރުގެ އިންތިހާބު ބޮޑު މެޖޯރިޓީއަކާއި އެކީ ކާމިޔާބުކޮށް މާތް ﷲ ގެ އިރާދަފުޅާއެކު އިބްރާހިމް މުހައްމަދު ސޯލިހު ހުވާ ކުރައްވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.