ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމުގައި މަޖިލިސް ވާނީ ރައްޔިތުންގެ ގެއަށް -އިބޫ

ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމުގައި މަޖިލިސް ވާނީ ރައްޔިތުންގެ ގެއަށް -އިބޫ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގއ. ވިލިނގިލީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ތަޅު ހުޅުވާދޭނެކަމަށެވެ. އަދި މެމްބަރުން ވަނަ ނުދީ ދޮރުމަތީ ސިފައިން ނުތިއްބަވާނޭ ކަމާއި ސިފައިންނަށް އަމުރު ކުރައްވާނެ ވެރިއެއް ނުހުންނާނެ ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން މަޖިލީހުގެ 12 މެމްބަރުންނަށް ރައްޔިތުން ތަމްސީލެއް ނުކުރެވޭކަމާއި ކޯޓުގެ އިންސާފާ ހިލާފު ހުކުމްތަކުން 4 ޕާޓީގެ 4 ލީޑަރުންނަށް އަނިޔާދެމުން ދާކަންވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުން ބޭނުންވަނީ ވައްކަމަށް ނޫނެކޭ ބުނެ، އިންސާފު ގާއިމު ކުރަން ކަމަށާއި ގުޅިފައިވާ ސިޔާސީ ޕާޓީ ތަކުގެ އެންމެ މުހިއްމު އެއް ސިފަޔަކަށް ވާނީ ތެދުވެރިކަމާއި އަމާނާތްތެރިކަން ކަމަށް އިބޫ ވިދާޅުވިއެވެ. އަދި ގއ. ވިލިނގިލީގެ 38 ބޭފުޅުން ވަނީ ވަޒީފާއިން ނުހައްގުން ވަކިކޮށްފައި ކަމަށާއި އެމަނިކުފާނުގެ ވެރިކަމުގައި އެހުރިހާ ބޭފުޅުންގެ ވަޒީފާ ލިބިގެން ދާނޭކަމުގެ ޔަގީންކަންވެސް ދެއްވިއެވެ. މީގެ އިތުރުންވެސް ވަޒީފާ ދިނުމާއި ޕްރޮމޯޓުކުރުމާއި އަދި ވަކި ކުރުމުގައި އިންސާފުން އެއްކިބާވެފައިވާ މިހާރުގެ ހުދުމުހުތާރު ވެރިކަމަށް ނިންމުމެއް ގެނައުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިބޫގެ ވެރިކަމުގައި ހުވަދުއަތޮޅުގައި އިންޓަރނޭޝަނަލް ޕޯޓަކާއި އެއަރޕޯޓެއް އެޅިގެން ދާނޭކަމާއި، މަސްވެރިން ބާނާ މަސް ރާއްޖޭން ބޭރުގެ ފަރާތްތަކަށް ގަނެވޭނެގޮތް ހައްދަވާނެކަން އަދި އިގްތިސާދީ ސަރަހައްދަކީ ހަމައެކަނި ދިވެހި ރައްޔިތުންނަށް މަސްވެރިކަން ކުރެވޭ ސަރަހައްދަކަށް ވެގެންދާނެކަމުގެ ޔަގީންކަން ވިލިނގިލީ ރައްޔިތުންނަށް އިބޫ ދެއްވިއެވެ.

މިކަންތަކުގެ އިތުރުން މި ޖަލްސާގައި އިބޫ ފާހަގަ ކުރެއްވީ އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށް ހަމަހަމަ ކަމާއިއެކު ކަންތައް ކުރަން ޖެހޭއިރު، މާލޭގައި ބައްދަލުވުމެއް ބާއްވަން ތަނެއް ހޯދަން އުޅޭތާ އެތައް ދުވަހެއް ވީއިރުވެސް މިކަމަށްވެސް ސަރުކާރުން އެއްބާރުލުން ނުދެވޭކަމަށެވެ. އެކަމަކުވެސް ރައްޔިތުން ތިބީ ފަހަތަށް ނުޖެހި އަޒުމާއި އެކުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.