ޝަރުޢީ މައްސަލަތަކުގައި އުފެދޭ ޚިލާފުތަކުގައި އެއްބަޔަކު އަނެއްބަޔަކަން އިޙްތިރާމް ކުރަންޖެހޭ – ޢިލްމުވެރިންގެ މަޖިލީސް

ޝަރުޢީ މައްސަލަތަކުގައި އުފެދޭ ޚިލާފުތަކުގައި އެއްބަޔަކު އަނެއްބަޔަކަން އިޙްތިރާމް ކުރަންޖެހޭ – ޢިލްމުވެރިންގެ މަޖިލީސް

އުންމަތުގެ ބޮޑެތި ޢިލްމުވެރިންގެ މެދުގައި ޚިޔާލުތަފާތުވުން އުފެދިފައިވާ މުއުތަބަރު ޚިލާފްހުރި މައްސަލަތަކުގައި، އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމާއި އަދަބުވެރިކަމާއެކު މުޢާމަލާތް ކުރަންޖެހޭކަމަށް ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުން ވިދާޅުވެއްޖެއެވެ.

ޢަދާލާތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުން މިހެން ވިދާޅުވީ ފަނޑިޔާރުކަމުގެ މަޤާމަށް އަންހެނަކު އިސްކުރުމާމެދު އުފެދިފައިވާ ބަޙުޘާގުޅިގެން އެ މަޖިލީހުން މިއަދު . ނެރުއްވި ބަޔާނުގައެވެ

މި ބަޔާނުގައި ފާހަގަ ކުރައްވާފައިވާ ބައެއް ކަންކަމުގެ ތެރޭގައި؛

  • ފަނޑިޔާރުކަމަށް އަންހެނަކު އިސްކުރުމުގެ މައްސަލައަކީ އިސްލާމީ ފިޤުހުވެރިންގެ މެދުގައި ޚިޔާލުތަފާތުވެފައިވާ މައްސަލައެއްކަން
  • މި މައްސަލައިގައި އިސްލާމީ ފިޤުހުވެރިންނާއި އިސްލާމީ ޤައުމުތަކުގެ އެކިއެކި މުއައްސަސާތަކުން ނެރެފައިވާ ރަސްމީ އަދި ޢިލްމީ ރައުޔުތަކަށް ބަލާއިރު މައިގަނޑު 3 ރައުޔެއް މި މައްސަލައިގައި ޢިލްމުވެރިން ގެންގުޅުއްވާކަން
  • ޢިލްމުވެރިން ގެންގުޅުއްވާ 3 ރައުޔަކީ
    1. ފަނޑިޔާރުކަމަށް އަންހެނަކު އައްޔަންކުރުމަކީ ހުއްދަނޫން ކަމެއްކަން
    2. ޙައްދާއި ޤިޞާޞްގެ މައްސަލަތަކުގައި ފަނޑިޔާރުކަމަށް އަންހެނަކު ޢައްޔަންކުރެވޭނެކަން
    3. ފަނޑިޔާރުކަމަށް އަންހެނަކު ޢައްޔަންކުރުމަކީ މުޠުލަޤުކޮށް ހުއްދަކަމެއްކަން
  • މި ރަޢުޔުތަކަށްބަލައި ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުން ރާޖިހުކުރަނީ ފަނޑިޔާކަމަށް އަންހެނަކު ޢައްޔަންކުރުމަކީ ހުއްދަނޫން ކަމެއްކަމަށް ބުނާ ރަޢުޔުކަން

މީގެ އިތުރުން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އުންމަތުގެ ޢިލްމުވެރިންގެ މެދުގައި އިޚްތިލާފް އުފެދިފައިވާ މިފަދަ މައްސަލަތަކުގައި އާންމު އަފްރާދުންނާއި ޢިލްމުވެރިން ޢަމަލުކުރަންޖެހޭގޮތް ވަނީ މިއުންމަތުގެ” މުޖްތަހިދު ޢިލްމުވެރިންނާއި އިމާމުންގެ ކިބައި ފެނި ބަޔާންވެފައެވެ. ފަހެ ޢިލްމުވެރިންގެ ތެރެއިން މުޖްތަހިދު ބޮޑެތި އިމާމުންގެ މެދުގައި ޚިޔާލުތަފާތުވެ މުއުތަބަރު ޚިލާފު އުފެދިފައިވާ މިފަދަ މައްސަލަތަކުގައި، އެމީހަކަށް ބުރަވެވޭ ރައުޔު އެއީ އެމައްސަލައިގައި އޮތް ހަމައެކަނި ރައުޔުކަމުގައި ދެކި، އެއާ ޚިލާފު ރައުޔަކަށް ތާއީދުކުރާ ފަރާތަކީ ދީނުގައި ނުވަތަ އަޤީދާގައި އުނި ފަރާތެއްކަމަށް، ނުވަތަ މަގުފުރެދިފައިވާ ފަރާތެއްކަމަށް، ނުވަތަ އިސްލާމީ ޝަރީޢަތަށް ގޮންޖަހާ ފަރާތެއްކަމަށް، ނުވަތަ އިސްލާމީ ޝަރީޢަތަށް ކާފަރުވެފައިވާ ފަރާތެއްކަމަށް ބުނެވޭނެ އެއްވެސް ހަމައެއްނެތެވެ. އަދި އެފަދަ ބަސްތައް ބުނުމުން ދުރުހެލިވާންޖެހެވެ. އިސްލާމީ ޝަރީޢަތުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފުއުފެދިފައިވާ މައްސަލަތަކުގައި ޚިޔާލު ތަފާތުވާ ޙާލަތްތަކުގައި ޢަމަލުކުރުން އޮތްގޮތަކީ އަނެކާގެ ރައުޔަށް އިޙްތިރާމް ކުރުމާއި، އިޚްލާސްތެރިކަމާއެކު، ކީރިތި ޤުރުއާނާއި، ސައްޙަ ޙަދީޘާއި، ޢިލްމުވެރިންގެ އިޖްމާޢާއި، ޤިޔާސް އާއި، ދެންވެސް ހުރި ޝަރުޢީ މަސްދަރުތަކުން ނަޤުލުވާ ދަލީލްތަކުގެ މައްޗަށް ބިނާކޮށް ޙައްޤަށް ވާސިލުވުމަށް މަސައްކަތްކުރުމެވެ. ފަހެ އިޚްލާސްތެރިކަމާއެކު ޚިލާފީ މައްސަލައެއްގައި ވަކި ރައުޔެއް އިޚްތިޔާރުކުރާ މީހާ އޭނާއަށް އިޚްތިޔާރުކުރެވުނީ އެކަމުގައި އޮތް ގޯސް ރައުޔުކަމުގައި ވީނަމަވެސް ފާފަވެރި ނުވާނެތެވެ. އެހެން ކަމުން މިފަދަ މައްސަލަތަކުގައި އަފްރާދުންގެ މެދުގައި ނަފްރަތުއުފެދި މުޖްތަމަޢު ބައިބައިވެ ޝަރުޢީގޮތުން މައްސަލައިގެ ކަންކަން އޮތްގޮތް އޮޅޭގޮތަށް ވާހަކަ ދައްކައި ޚަބަރު ފެތުރުމުން އެންމެހައި އަފްރާދުންނާއި، ވަކީން ޚާއްސަކޮށް ޝަރުޢީ ޢިލްމަށް ނިސްބަތްވާ ބޭފުޅުން ދުރުހެލިވާންޖެހެވެ. އަދިހަމަ، އިސްލާމީ ޝަރީޢަތަކީ ﷲ ސުބްހާނަޙޫ ވަތަޢާލާގެ ޙަޟްރަތުން ބާއްވައިލެއްވި އިލާހީ ޝަރީޢަތެކެވެ. މި ޝަރީޢަތުގައި ވާ ކަންކަމަކީ މީސްތަކުންގެ ހަވާ ނަފްސު ރުހޭގޮތަށް، ނުވަތަ ވަކި ޒަމާނެއްގައި މީސްތަކުންގެ މެދުގައި މަޤްބޫލުވާގޮތަށް، ނުވަތަ ވަކި މަކާނެއްގެ މީހުން ހިތްރުހޭ ގޮތަށް ހުންނަން ޖެހޭނެ ކަންކަމެއް ނޫނެވެ. އެހެނެއްކަމު އިސްލާމީ ޝަރީޢަތުގެ މަތިވެރިކަމާއި މާތްކަމަކީ މި ޝަރީޢަތުގެ ހަމަހަމަކަމާއި، ޝާމިލު ކަމާއި ފުރިހަމަ ކަމާއި އިންސާނީ ހަވާ ނަފްސުން މި ޝަރީޢަތް ބަރީއަވެފައިވާ ބަރީއަވުމެވެ. ތިމާގެ ހިތްރުހުނަސް ނުރުހުނަސް ޙައްޤުގެ ގޮތުގައި ދަލީލުތަކުގެ މައްޗަށް ޤަރާރުވެ ދީނުގެ ޙުކުމެއް އޮތްގޮތް ތިމާއަށް ސާފުވެ ބަޔާންވުމުން އެ ޙުކުމަށް ރުހި ޤަބޫލުވުން ފިޔަވާ އިތުރުގޮތެއް މުސްލިމުންގެ މައްޗަކަށް ނެތެވެ. އެހެނީ އިސްލާމް ކަމުގެ ޙަޤީޤީ މާނައަކީވެސް އެއީއެވެ.”

ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ ޢަދަދު 7 ފަނޑިޔާރުންނަށް އިތުރުކުރުމާ ގުޅިގެން، އިތުރުވި ދެ ޖާގައަށް ކުރިމަތިލުމަށް އެދޭފަރާތްތަކަށް ނަންހުށައެޅުމުގެ ފުރުސަތު މިހާރުވަނީ ޖުޑިޝަލް ސަރވިސް ކޮމިޝަންއިން ހުޅުވާލާފައެވެ. އަދި އެ ދެމަޤާމަށް ޢައްޔަންކުރުމަށް ރަޢީސުލް ޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ދެ ނަމެއްވެސް ވަނީ ހުށައަޅުއްވާފައެވެ.

ޢިލްމުވެރިންގެ މަޖިލީހުން ނެރެފައިވާ ބަޔާން.