މި ސަރުކާރު އައީ މީޑިއާގެ މިނިވަންކަން ކަށަވަރު ކުރަން ވަޢުދުވެގެން، އެ ވަޢުދާ އެއްގޮތަށް ޢަމަލު ކުރާނަން – ޝައިޚް އިމްރާން ޢަބްދުﷲ

މި ސަރުކާރު އައީ މީޑިއާގެ މިނިވަންކަން ކަށަވަރު ކުރަން ވަޢުދުވެގެން، އެ ވަޢުދާ އެއްގޮތަށް ޢަމަލު ކުރާނަން – ޝައިޚް އިމްރާން ޢަބްދުﷲ

Photo: https://en.sun.mv/51008

ނޫސްވެރިކަމުގެ މިނިވަންކަމަށް ލިބިފައިވާ ކުރިއެރުން:

ރާއްޖެ ޓީވީގެ “ފަލަސުރުހީ” ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން ޢަދާލަތު ޕާޓީގެ ރައީސް އަދި ހޯމް  މިނިސްޓަރު ޝައިޚް އިމްރާން ޢަބްދުﷲ ވަނީ ރާއްޖޭގެ ނޫސްވެރިކަމަށް އައިސްފައިވާ ހެޔޮ ބަދަލުތަކުގެ ތަފްސީލ ދެއްވާފައެވެ. މިދިޔަ ދެ އަހަރު ނޫސްވެރިކަމަށް ބޮޑެތި ކުރިއެރުން ލިބިފައިވާ މިންވަރު ބަޔާންކުރަމުން މިނިސްޓަރ ވިދާޅުވީ ރިޕޯޓާރސް ވިތައުޓު ބޯޑާރސް އިން ނެރޭ ޕްރެސް ފްރީޑަމް އިންޑެކްސްގައި 2019 ވަނަ އަހަރު 20 އިންސައްތަ ކުރިއެރުމެއް ލިބިފައިވާކަމަށެވެ. އަދި 2020 ވަނަ އަހަރު 19 އިންސައްތަ ކުރިއަރާފައިވާކަމަށެވެ.

ސަރުކާރުގެ ސިޔާސަތު ހާމަކުރައްވަމުން މިނިސްޓަރ ވިދާޅުވީ “އަޅުގަނޑުމެން ޤަބޫލު ކުރާ ހަމައެއް ނުސްވެރިން ކިޔާ ފާޑު ކިޔުން ބަލައިގަތުން. މީޑިއާ އާއި އެކު ވެރިކަމުގެ ނިޒާމާއި ރައްޔިތުންގެ ކަންކަން އިސްލާހް ކުރަން މަސައްކަތް ކުރުން” ކަމަށެވެ.

މިސަރުކާރުގެ ފުރަތަމަ މަސައްކަތަކީ “އަބުރުގެ ޤާނޫނު” އުވާލުން:

މިދިޔަ ސަރުކާރުގައި ގިނަ އަދަދެއްގައި ޖޫރިމަނާގެ ޝިކާރައަކަށްވި ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ ކުރެއްވި މަސައްކަތަކީ އޭރު އަބުރުގެ ގާނޫނުގެ ނަމުގައި ހަދާފައިވާ ގާނޫނެއް އުވާލުމުގެ މަސައްކަތް ކަމަށެވެ. އަދި އެކަމަށް ބާރު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ އެއްވެސް މީޑިއާ އިދާރާއަކާ ދެކޮޅަށް މިނިވަން ނޫސްވެރިކަން ކޮށްގެން އެއްވެސް ނޫސްވެރިއަކާ ދެކޮޅަށް ފިޔަވަޅު އަޅާފައެއް ނުވާނެ ކަމަށާއި ވަރަށް މިނިވަންކަމާއެކު ސަރުކާރަށް ފާޑުކިޔުމުގެ ފުރުސަތު ދީފައިވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރު އައީ މީޑިއާގެ މިނިވަންކަން ކަށަވަރުކޮށް ދިނުމުގެ ވައުދާއެކު:

މިވެރިކަމަށް މި ސަރުކާރު އައީ މީޑިއާގެ މިނިވަންކަން ކަށަވަރުކޮށް ދިނުމުގެ ވައުދާއެކު ކަމަށާއި އެއާ އެއްގޮތަށް ސަރުކާރުން އަމަލު ކުރަމުން ގެންދާ ކަމަށެވެ. އަދި މިނިސްޓަރ ވިދުވީ މިހާރު ނޫސްވެރިންނާއި ނޫސްތަކާއި މީޑިއާތަކަށް މިވަނީ ވަރަށް ބޮޑު މިނިވަންކަމެއް ދީފައިކަމަށެވެ. އަދި މިސަރުކާރު އައުމަށްފަހު ސަރުކާރާއި މީޑިއާގެ ހުރިހާ އިދާރާތަކާ އޮތީ ރަނގަޅު ގުޅުމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ ކުރިން ރައީސް އޮފީހުގައި އޮންނަ ނޫސް ކޮންފަރެންސްތަކަށް ބައެއް މީޑިއާ ތަކަށް އެއްގޮތަކަށްވެސް ދައުވަތު ނުލިބޭ ކަމަށާއި އެހަނަސް މިހާރު ހުރިހާ މީޑިއާތަކަށް އެފުރުސަތު ހަމަހަމަ އަށް ލިބިގެންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

“ނޫސްވެރިކަމުގެ މިނިވަންކަން ނަހަމަ ގޮތުގައި ބޭނުންކުރަމުންދޭ.”

ނޫސްވެރިކަމުގެ މިނިވަންކަން ރާއްޖެއަށް ލިބިފައިވާ މިންވަރާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން މިނިސްޓަރ އިމްރާން ވަނީ ވަރަށް މިހިންމު ވާހަކައެއް ވިދާޅުވެފައެވެ. މިނިވަން ނޫސްވެރިކަމެއް ކުރުމުގެ ފުރުސަތު ލިބިދީފައި ވީނަމަވެސް، ބައެއް ފަރާތްތަކުން އެ މިނިވަންކަން ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ ދިއުމަކީ ރައްޔިތުންގެ ކަންބޮޑުވުމެއް ކަމަށެވެ.

“މިނިވަންކަން ކަމުގެ ބޭނުންކުރަން ޖެހެނީ ހެޔޮ ގޮތުގައި” ކަމަށް ވިދާޅުވެ މިނިސްޓަރ ވިދާޅުވީ ކޮވިޑްގެ ހާލަތުގެ ނާޖާއިޒް ފައިދާ ނަގައިގެން ބައެއް ކަހަލަ ޚަބަރުތައް ފެތުރުމަކީ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަމައި ބިރުވެރިކަން އުފެދި ރައްޔިތުންނަށް މިކަންކަމުން ސަލާމަތްވުމަށް ލިބިދެންޖެހޭ އެންމެ ރަނގަޅު ފުރުސަތުން ރައްޔިތުން މަހުރޫމުވެގެންދާނެ ކަމެއްކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

ރާއްޖެ ޓީވީގެ “ފަލަސުރުހީ” ޕްރޮގްރާމުގައި ވާހަކަ ދައްކަމުން މިނިސްޓަރ އިމްރާން ވަނީ ނޫސްވެރިންގެ މަސައްކަތް ފާހަގަކުރައްވާފައެވެ.