ކޮވިޑް-19އާއި ގުޅިގެން އާންމުކުރި އޮޑިޓް ރިޕޯޓްގައި ހުރި ކަންކަމާމެދު ޢަދާލަތު ޕާޓީއިން ކަންބޮޑުވުން ފާޅުކޮށްފި

ކޮވިޑް-19އާއި ގުޅިގެން އާންމުކުރި އޮޑިޓް ރިޕޯޓްގައި ހުރި ކަންކަމާމެދު ޢަދާލަތު ޕާޓީއިން ކަންބޮޑުވުން ފާޅުކޮށްފި

ޢަދާލަތު ޕާޓީއިން މިކަމާގުޅިގެން ބުނެފައިވަނީ “ކޮވިޑް-19 އާއި ގުޅިގެން އެކިއެކި އިދާރާތަކުން ކޮށްފައިވާ ޚަރަދުތަކާ ގުޅޭ އޮޑިޓް ރިޕޯޓުތަކުން ފެންމަތިވެފައިވާ ބޮޑެތި މައްސަލަތަކަކީ މި ޕާޓީގެ ނުހަނު ކަންބޮޑުވުން ހުރިކަންކަން” ކަމަށެވެ.

ހެލްތު މިނިސްޓްރީގެ އޮޑިޓު ރިޕޯޓުން ފާހަގަވި ކަންކަން ތަހުގީގު ކުރަން ރައީސުލް ޖުމްހޫރިއްޔަ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ފުލުހުންނަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަންގަވާފައެވެ. މިގޮތުން “ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާ ފަދައިން، ތަހުޤީޤީ އިދާރަތަކުން މިކަންކަން އަވަހަށް ބައްލަވާ، އެއްވެސް ތަފާތުކުރުމެއްނެތި މިކަމުގައި ޒިންމާވާ އެންމެހައި ފަރާތްތަކަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ” ކަމަށް އަދާލަތު ޕާޓީއިން ބުނެފައި ވެއެވެ.

ކޮވިޑާ ގުޅިގެން ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީން މަސައްކަތް ކުރި ގޮތް ބެލުމަށް ރައީސުލް ޖުމްހޫރިއްޔާގެ ޚާއްސަ އެންގުމެއްގެ ގޮތުގައި މިއަދު ވަނީ ކަމާއި ބެހޭ ފަރާތްތަކަށް ހަވާލުކޮށްފައެވެ.