ޢަދާލަތު ޕާޓީގެ ޤައުމީ މަޖިލިސް ބާއްވާން ތާވަލުކޮށްފި

ޢަދާލަތު ޕާޓީގެ ޤައުމީ މަޖިލިސް ބާއްވާން ތާވަލުކޮށްފި

ޢަދާލަތު ޕާޓީގެ ޤައުމީ މަޖިލިސް އަންނަ އަހަރުގެ ފެބުރުއަރީ 26 އަދި 27 ގައި ބާއްވާގޮތައް ނިންމައިފިއެވެ. ހިނގަމުންދާ އައު ދައުރަށް އެކި މަޤާމްތަކަށް މީހުން ހޮވުމަށް ބާއްވާ މި މަޖިލީހަކީ، ޢަދާލަތު ޕާޓީގެ އެންމެ އިސް ރުކުނެވެ. ޤައުމީ މަޖިލީހުގެ ކުރިން، ޕާޓީގެ ރައީސާއި، ނައިބު ރައީސް ކަމުގެ އިންތިޚާބާއި، ދާއިރާ ރައީސުންނާއި ގޮފިތަކުގެ ހިންގާ ކޮމިޓީގެ އިންތިޚާބު މިއަހަރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އޭގެ އިތުރުން، ޢަދާލަތު ޕާޓީގެ ޒުވާނުންގެ މަޖިލީހާއި، އަންހެނުންގެ މަޖިލީހާއި، ފަނޑިޔާރުންގެ މަޖިލީހަށް ކުރިމަތިލުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވައިލެވޭނެއެވެ.

ޤައުމީ މަޖިލީހަކީ ކޮންމެ ދައުރެއް ނިމުމުން ބޭއްވުމަށް ޢަދާލަތު ޕާޓީގެ ދުސްތޫރު ބަޔާންކޮށްފައިވާ ޕާޓީގެ އެންމެ އިސް ރުކުނެވެ. އެގޮތުން ޤައުމީ މަޖިލީހުގައި ޢިލްމުވެރިންގެ މަޖިލީހުގެ ހުރިހާ މެންބަރުންނާއި މަޝްވަރާ މަޖިލީހުގެ ހުރިހާ މެންބަރުންނާއި ފަނޑިޔާރުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނާއި އިދާރީ މަޖިލީހާއި އަންހެނުންގެ މަޖިލީހާއި ޒުވާނުންގެ މަޖިލީހުގެ އިތުރުން ދާއިރާތަކާއި ގޮފި ތަކުގެ މަންދޫބުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ޤައުމީ މަޖިލީހުގެ ބައްދަލުވުން އަޑުއެހުމަށް ޕާޓީގެ ޢާއްމު މެންބަރުންނަށް ފުރުޞަތު ލިބިގެންވެއެވެ.