ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 71 ވަނަ މާއްދާއަށް ގެނައި އިސްލާޙު ކުށްވެރިކުރުން.

ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 71 ވަނަ މާއްދާއަށް ގެނައި އިސްލާޙު ކުށްވެރިކުރުން.

ނޫސްބަޔާން

ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 71 ވަނަ މާއްދާއަށް ގެނައި އިސްލާޙު ކުށްވެރިކުރުން.

الحمد لله رب العالمين، والصلاة والسلام على نبينا محمد وعلى آله وأصحابه أجمعين، ومن تبعهم بإحسان إلى يوم الدين.
12 އޯގަސްޓް 2015 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2 ވަނަ ދައުރުގެ 23 ވަނަ ޖަލްސާއިން ފާސްކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 71 ވަނަ ނަންބަރަށް ގެނެސްފައިވާ އިސްލާޙަކީ ޤާނޫނު އަސާސީގެ 70 ވަނަ މައްދާގެ ރޫޙާއި ޚިލާފަށް ފާސްކޮށްފައިވާ އިސްލާހެއް ކަމުގައި ޢަދާލަތު ޕާޓީއިން ދެކެމެވެ. އަދި މި އިސްލާޙް މިޕާޓީގެ ފަރާތުން ކުށްވެރި ކުރަމެވެ.
މި އިސްލާޙުގެ ސަބަބުން ދަޢުލަތުގެ މާލިއްޔަތާއި ގުޅުންހުރި އެއްވެސް މައްސަލައެއްގައި، ސަރުކާރުގެ ފަރާތުން ފިޔަވައި ރައްޔިތުންގެ މަޖިލީހުގެ އެހެން މެންބަރުންނަށް، އެއްވެސް ހުށަހެޅުމެއް އަދި އިސްލާޙެއް ހުށަހެޅުމުގެ ދޮރުވަނީ ބަންދުވެފައެވެ. މި އިސްލާޙުގެ ސަބަބުން ޢަދާލަތު ޕާޓީގެ ފަރާތުން، މަކުނުދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްއުސްތާޛާ އަނާރާ ނަޢީމު ހުށަހަޅުއްވާފައިވާ “ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު” (ޤާނޫނު ނަންބަރު 2010/8) އަށް ހުށަހަޅުއްވާފައިވާ އިސްލާޙް މަޖިލީހުން ބޭރުވެގެން ދާނެއެވެ. އަލްއުސްތާޛާ އަނާރާ ނަޢީމު ހުށަހަޅުއްވާފައިވާ މިއިސްލާޙަކީ ނުކުޅެދުން ތެރިކަން ހުންނަ މީހުންނަށް ސަރުކާރުން މިހާރު ދެމުންގެންދާ މާލީއެހީ، 2000 ރުފިޔާއިން 5000 ރުފިޔާ އަށް ބޮޑުކުރުމަށް ހުށަހަޅާފައިވާ އިސްލާޙެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދަށް އިއްޔެ ގެނެވުނު އިސްލާޙުގެ ސަބަބުން ރައްޔިތުންނާއި ގުޅުންހުރި މިފަދަ މުހިންމު މައްސަލަތައް ހުށަހެޅުމުގެ ފުރުޞަތު، ރައްޔިތުން ތަމްސީލުކުރަމުންގެންދާ ގިނަ ޢަދަދެއްގެ މަޖިލީސް މެންބަރުންނަށް ގެއްލިގެން ގޮސްފައިވެއެވެ.
ޢަދާލަތު ޕާޓީއިން ދެކޭގޮތުގައި މަޖިލީހުގެ ޤަވާއިދުގެ 71 ވަނަ މާއްދާއަށް އިއްޔެ ގެނެވުނު އިސްލާޙަކީ ނިކަމެތި ޢާއްމު ރައްޔިތުންނަށް ދަތިކުރުމަށާއި، ސަރުކާރުގެ އެތެރޭގައި ހިންގަމުންގެންދާ ކޮރަޕްޝަންގެ ޢަމަލުތައް ފޮރުވައި އެމައްސަލަތަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީސްފަދަ މުހިންމު މުއައްސަސާތަކުގައި ވާހަކަ ދެއްކުމުގެ ދޮރު ބަންދު ކުރުމަށް ސަރުކާރުން ހިންގާފައިވާ ފިނޑި ޢަމަލެކެވެ. މަޖިލީހުގެ ޤަވާޢިދަށް ގެނެވުނު މިބަދަލުގެ އަނެއް ބޭނުމަކީ، ފައިސާގެ އިނާޔަތްތައް ޢާއްމު ރައްޔިތުންނަށް ފަހިކޮށްދޭ ހަމައެކަނި ފަރާތަކީ ސަރުކާރުކަމުގައި ޢާއްމު ރައްޔިތުންނަށް ވިސްނައި ދިނުމާއި، އިންތިޚާބު ތަކާއި ގާތްކޮށް ދައުލަތުގެ ޚަޒާނާ ނާޖާއިޒު ގޮތުގައި ބޭނުންކުރުމަށް މަގުފަހި ކުރުމެވެ.
ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ އަޣުލަބިއްޔަތު އޮތުމުން ރައްޔިތުންނަށް ލިބެންވާ ފައިދާ އެންމެ އެދެވޭ ގޮތުގައި ލިބެމުން ނުދާކަންވެސް މިޕާޓީއިން ދެކެމެވެ. އޭގެ ބަދަލުގައި ރައްޔިތުންގެ ދިރިއުޅުމަށް ދަތިވާފަދަ ގޮތްގޮތަށް ޤާނޫނުތައް ބައްޓަންވެގެންދާ މަންޒަރު މިހާރަކަށް އައިސް ފެންނަމުން ދާކަން ފާހަގަ ކުރަމެވެ. ޚިޔާލު ފާޅުކުރުމާއި ޑިމޮކްރަސީގެ ރޫޙު ނެތިވެ، ޚުދުމުޚްތާރު ވެރިކަމަކާ ދިމާއަށް ޤައުމު މިސްރާބުޖަހާފައިވާކަން ދިވެހި ރައްޔިތުގެ ސަމާލުކަމަށް މިފުރުޞަތުގައި ގެންނަމެވެ.
وَصَـلَّى اللَّهُ وَسَلَّمَ وَبَارَكَ عَلى سَيِّدِنَا مُـحَمَّدٍ، وَعَلى آلِهِ وَصَحْبِهِ أَجْـمَعِيْنَ.
27 ޝައްވާލް 1436
12 އޮގަސްޓް 2015

Download PDF

[pdf-embedder url=”http://www.adhaalath.org.mv/wp-content/uploads/2015/08/AP.PR_.2015.16-Regarding-Changes-to-Majilis-Regulation.pdf”]