ގުޅިފައިވާ ސިޔާސީ ޕާޓީތަކަށާއި ސަރުކާރަށް އެއްބަސްވެވޭ މެންބަރުންގެ މައްޗަށް އެކުލަވާލާ އިލެކްޝަންސް ކޮމިޝަނެއް އެކުލަވާލަން ގޮވާލުން

ގުޅިފައިވާ ސިޔާސީ ޕާޓީތަކަށާއި ސަރުކާރަށް އެއްބަސްވެވޭ މެންބަރުންގެ މައްޗަށް އެކުލަވާލާ އިލެކްޝަންސް ކޮމިޝަނެއް އެކުލަވާލަން ގޮވާލުން

ވިލާތުގެ އިއްތިހާދުން ދިވެހިރާއްޖެ އާ ގުޅޭގޮތުން ނެރެފައިވާ 2018 ވަނަ އަހަރުގެ މާރޗް މަހުގެ ޕޮލިޓިކަލް ރިޕޯޓުގައި ފާހަގަކޮށް އިރުޝާދު ދީފައިވާ މައްސަލަތަކުގެ ތެރެއިން މާތްވެގެންވާ އިސްލާމް ދީނާ ފުށުއަރާ މައިގަނޑު ދެ މައްސަލަ ފިޔަވައި ދެންހުރި ކަންކަމަކީ ދިވެހިރާއްޖޭގެ ވެރިކަންހިންގުމުގެ ނިޒާމު ހަރުދަނާކޮށް ޑިމޮކްރެޓިކް އުސޫލުން ދައުލަތް ހިންގުމަށާއި، ރައްޔިތުންގެ ކިބައިން އުފެދިފައި އޮންނަ ރައްޔިތުންގެ ވެރިކަމެއްގެ ސިފަ ދިވެހި ދައުލަތުގައި އަށަގެންނެވުމަށްޓަކައި ކޮންމެހެން ލާޒިމު ކަންކަން ކަމުގައި ގުޅިފައިވާ ޕާޓީތަކުން ދެކެމެވެ. އެހެންކަމުން އިންތިޚާބީ ނިޒާމު ހަރުދަނާކުރުމާ ގުޅޭގޮތުން ވިލާތުގެ އިއްތިހާދުން ފާހަގަކޮށްފައިވާ ކަންކަން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން ތަންފީޒުކުރުމަށް ދައުލަތުގެ އެންމެހައި މުއައްސަސާތަކަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގޮވާލަމެވެ. އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ޤަބޫލުކުރަނީ، ވިލާތުގެ އިއްތިހާދުން އިންތިޚާބާ ގުޅޭގޮތުން ހުށަހަޅާފައިވާ ކަންކަން ތަންފީޛުކޮށް މިނިވަން އިންސާފުވެރި އިންތިޚާބެއް ރާއްޖޭގައި ބޭއްވޭނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކާއި ސަރުކާރަށް އެއްބަސްވެވޭ މެންބަރުންގެ މައްޗަށް އެކުލެވޭ އިލެކްޝަންސް ކަމިޝަނަކުން ކަމަށެވެ.

އިންތިޚާބުގެ ކުރިން ޝަރުޢީ ކޯޓުތަކާއި އިލެކްޝަންސް ކަމިޝަނާއި ފުލުހުންގެ މުއައްސަސާ އާއި އެންޓި ކޮރަޕްޝަން ކަމިޝަން ފަދަ މުއައްސަސާތައް ހަރުދަނާކޮށް އެތަންތަނުގެ މިނިވަންކަން ކަށަވަރުކުރުމާއި، ދައުލަތުގެ ތެރޭގައި އިމެއްނެތް މިންވަރަށް ކޮރަޕްޝަން ފެތުރިފައިވާ ދަނޑިވަޅެއްގައި އިންތިޚާބުގެ ކެމްޕޭނަށް ޚަރަދުކުރާ ފައިސާގެ ކަންކަން ބެލެހެއްޓޭނެ އުސޫލެއް ޤާއިމުކުރުމާއި، ދައުލަތުގެ މުދަލާއި އެހެނިހެން ވަސީލަތްތައް ނާޖާއިޒުގޮތުގައި ކެމްޕޭނަށް ހޭދަކުރުން ހުއްޓުވުމާއި، އިންތިޚާބުގައި ވޯޓުލާން ބޭނުންވާ ރައްޔިތުންނަށް ފަސޭހައިން ރަޖިސްޓްވުމަށާއި އަދި އެކަމަށް އެކަށީގެންވާ ވަގުތު ލިބޭނެހެން ކަންކަން އިންތިޒާމްކުރުމާއި، އިންތިޚާބު ހިނގަމުންދާ ވަގުތު އިންތިޒާމުތައް ހުންނަންވާ ގޮތުގެ އަސާސީ އުސޫލުތަކާއި، އިންތިޚާބުގައި މަކަރުހެދުމަށް މަގުފަހިވާނެހެން ހުރިކަންކަން ބަދަލުކުރުމުގެ އިރުޝާދުތަކާއި އަދި މަދަނީ ޖަމުޢިއްޔާތަކާއި މީޑިޔާއަށް ޤާނޫނީގޮތުން އެތައް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މާހައުލެއްގައި އިންތިޚާބާ ގުޅުންހުރި އެންމެހައި ކަންކަމުގައި އެފަތާތްތަކުގެ ބައިވެރިވުން އެކަށީގެންވާ މިންވަރަށް ކަށަވަރުވެފައި އޮންނަންޖެހޭ ކަމަށް ދީފައިވާ އިރުޝާދަކީ 2014 ވަނަ އަހަރުއްސުރެ ދިވެހިރާއްޖޭގެ އިންތިޚާބީ ނިޒާމުގެ ތެރޭގައި ހުރި ބޮޑެތި މައްސަލަތައް ދިރާސާކުރުމަށްފަހު އެކަންކަން އިސްލާހު ކުރުމަށްޓަކައި ދީފައިވާ އިރުޝާދުތަކެކެވެ. އަދި ހަމަ މިކަންކަމަކީ ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމުޢިއްޔާތަކުންވެސް ކެނޑިނޭޅި ފާހަނގަކުރަމުން އަންނަ ބޮޑެތި މައްސަލަތަކެވެ.

މާތްވެގެންވާ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އާއި އެޤާނޫއަސާސީގެ ދަށުން ހެދިފައިވާ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފަށް ޝަރުޢީ ކޯޓުތަކަށް ނުފޫޒު ފޯރުވާގެން ސިޔާސީ ލީޑަރުންނާއި އިސްލާހަށް މަސައްކަތްކުރާ ފަރާތްތައް ނުޙައްޤުން ބަންދުކޮށް ބޮޑެތި ޣައިރުޤާނޫނީ ޙުކުމްތައް އިއްވަމުންދިއުމާއި، ސަރުކާރުގެ ޣައިރުޤާނޫނީ އަމުރަށް ތަބަޢަވެ ފުލުހުން މިފަދަ މައްސަލަތަކާގުޅޭ ހެކިއުފައްދާގެން ޣައިރުޤާނޫނީ ތަޙުޤީޤުތައް ކުރިޔަށް ގެންދާތީ އާއި އަދި އެއްވެސް ހަމައެއްނެތި ދައުލަތުގެ ނަމުގައި ޕޮރޮސެކިއުޓަރ ޖެނެރަލް މިފަދަ މައްސަލަތަކުގައި ދައުވާ ކުރަމުންދާކަމީ ވާދަވެރި އަދި ހަމަހަމަ އިންތިޚާބެއް ކަށަވަރުކުރުމަށްޓަކައި އެތައްކަމެއް އިސްލާޙުކުރަންޖެހޭކަމުގެ ހެއްކެކެވެ. ޝަރުޢީ ނިޒާމުގެ ތެރޭގައި ހިނގަމުންދާ ބޮޑެތި އެތައް މައްސަލައެއް ފާހަނގަކޮށް އެކަންކަން އިސްލާޙުކުރުމަށްޓަކައި 1 ފެބްރުއަރީ 2018 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިއްތިފާޤުން ނެރެފައިވާ އަމުރު ތަންފީޒުވުމަކީ މުއައްސަސާތަކަށް އިތުބާރު އުފެއްދުމަށްޓަކައި ކޮންމެހެން ކުރަންޖެހޭކަމެކެވެ. އަދި ދިވެހި ރައްޔިތުން އިންތިޚާބުކޮށްފައި އޮތް ރައްޔިތުންގެ މަޖިލީސް ހިނގާނެ އެންމެހާ ދޮރުތައް ބަންދުކޮށް އެމަޖިލީހުގައި ތަޅުއަޅުވާފައި އޮންނަ އޮތުމަކީ ނިޒާމުގެ ތެރެއިން ކަންކަން އިސްލާހުކުރުމަށް މެދުވެރިވެފައިވާ ބޮޑުގޮންޖެހުމެކެވެ.

އަދި ދަންނަވަމެވެ. ދިވެހިރާއްޖޭގައި މާތްވެގެންވާ އިސްލާމްދީނަށް ނިކަމެތިކަންލިބޭނެ އެއްވެސް ގޮވާލުމަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އިޖާބަދޭނެކަންކަމެއް ނޫނެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އަބަދުވެސް މަސައްކަތްކުރަމުންދަނީ މާތްވެގެންވާ އިސްލާމް ދީން އަމުރުކުރާ ފަދައިން އިންސާފު ޤާއިމުކުރުމަށާއި ސަރުކާރުން ހިންގަމުންގެންދާ އިސްލާމްދީނާދެކޮޅު ވައްކާމާއި ފަސާދައިގެ އެންމެހައި ކަންކަން ހުއްޓުވުމަށެވެ. ސަރުކާރުގެ ނޭއްގާނީ ޢަމަލުތަކާއި ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ އިސްލާމީވަންތަކަމަށް ބުރުއަރަމުންދާކަންވެސް މިފުރުސަތުގައި ފާހަގަކުރަމެވެ.

ބައިނަލްއަޤުވާމީ މުޢާޙަދާތަކުގައި ބައިވެރިވުމަށް ދިވެހިރާއްޖެއިން މިހާތަނަށް ގެންގުޅެމުން އަންނަ އުސޫލަކީ އެހެނިހެން އިސްލާމީ ޤައުމުތަކުންވެސް ޢަމަލުކުރަމުން އަންނަ ފަދައިން އެ މުޢާޙަދާތަކުގައި ހިމެނޭ އިސްލާމް ދީނާ ޚިލާފުކަންކަން ފިޔަވާ ދެންހުންނަކަންކަމަށް އެއްބަސްވުންކަމަށް ވާހިނދު، ބައިނަލްއަޤުވާމީ ފަރާތްތަކުން ދެމުންއަންނަ އިރުޝާދު ތަކަށްވެސް އެއުސޫލުން ޢަމަލުކުރަންވާނެ ކަމުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ދެކެމެވެ. އަނިޔާވެރިކަމުން އެއްކިބާވުމާއި، ހަމަހަމަ ކަމާއި އިންސާފުވެރިކަމާއި ޢަދުލުވެރިކަމަކީ މާތްވެގެންވާ އިސްލާމް ދީނުގައި އެންމެ ބޮޑަށް އަމުރުކުރައްވާފައިވާ ކަންކަން ކަމުގައިވާހިނދު، ވިލާތުގެ އިއްތިހާދުން އެކަންކަމަށް ގޮވާލުމަކީ އިސްލާމްދީނާއި ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން އެކަންކަން އެމަގުން ކުރުމަށް ސަރުކާރުގެ މައްޗަށް ލާޒިމުވެފައި އޮންނައޮތުން ނަފީވެގެންދާ ސަބަބެއް ނޫނެވެ. އިސްލާމްދީނާ ފުށުނާރާގޮތަށް ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުޢާޙަދާތަކުގައިވާކަންކަން ތަންފީޒުކުރުމަށް ގޮވާލާގޮވާލުންތަކަށް އިޖާބަދިނުމަކީ ދިވެހި ދައުލަތުގެ މައްޗަށް ލާޒިމުކުރާކަމެކެވެ.

ވީމާ، އިސްލާމްދީން އުޒުރަކަށް ހަދައިގެން އިންތިޚާބާ ގުޅޭ ކަންކަން އިސްލާހުކުރުމަށް ދެކޮޅުހެދުމުގެ ބަދަލުގައި، މިނިވަން އިންސާފުވެރި އިންތިޚާބަކަށް މަގުފަހިކުރުމަށްޓަކައި ވިލާތުގެ އިއްތިހާދުގެ އިރުޝާދުތައް ތަންފީޒުކުރުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކާއި ސަރުކާރަށް އެއްބަސްވެވޭ މެންބަރުންގެ މައްޗަށް އެކުލަވާލާ އިލެކްޝަންސް ކޮމިޝަނެއް އެކުލަވާލުމުގެ މަސައްކަތް ލަސްނުކޮށް ފެށުމަށް ސަރުކާރަށް ގޮވާލަމެވެ.

ބަޔާން ނެރުނީ: ގުޅިފައިވާ ސިޔާސީ ޕާޓީތަކުން