ކުރީގެ އިސްލާމިކް އެފެއާޒް މިނިސްޓަރ އަދި ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ މެމްބަރ ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީ އަވަހާރަވުން

ކުރީގެ އިސްލާމިކް އެފެއާޒް މިނިސްޓަރ އަދި ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ މެމްބަރ ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީ އަވަހާރަވުން

ކުރީގެ އިސްލާމިކް އެފެއާޒް މިނިސްޓަރ ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީ އަވަހާރަވުމަކީ ދިވެހި ޤައުމަށާއި ރައްޔިތުންނަށް ކުރިމަތިވި ނުހަނު ބޮޑު ހިތާމައެކެވެ. އެމަނިކުފާނު ދާއިމީގޮތެއްގައި ވަކިވެގެންދިޔުމަކީ އިސްލާމީ ޢިލްމު ފެތުރުމަށާއި ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްސިއްޔަތު ހަރުދަނާކުރުމަށާއި އަދި ސިޔާސީ އިސްލާޙީ މަސައްކަތަށް ކުރުމަތިވި ފޫބައްދަން ދަތި ގެއްލުމެކެވެ. މާތްﷲގެ ތަނަވަސް ޢިނާޔަތުން އެ މަރުޙޫމްގެ ފާފަފުއްސަވާ ފުރާނަފުޅަށް ރަޙުމަތްލެއްވުން އެދި ދުޢާ ދަންނަވަމެވެ. އަދި މި އުނދަގޫ ވަގުތުގައި އެމަރުޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން މިންވަރުކުރެއްވުން އެދި ދުޢާ ދަންނަވާހާލު އެ ޢާއިލާގެ ހިތާމާގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރޝިޕާއި އެންމެހައި މެންބަރުން ބައިވެރިވެ އިޚްލާސްތެރިކަމާއެކު ތައުޒިއާ ދަންނަވަމެވެ.

އިސްލާމީ ޢިލްމުގެ ދާއިރާއިން ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ މިންވަރަށް ތަޢުލީމު ޙާސިލިކުރެއްވުމަށްފަހު އެނބުރި ޤައުމަށްވަޑައިގެން ވޭތުވެދިޔަ ވިއްސަކަށް އަހަރު ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީ ދީނީ ރޮނގުންނާއި އިޖުތިމާޢީ އަދި ސިޔާސީ އެކިއެކި ދާއިރާތަކުން ދިވެހި ރައްޔިތުންނަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކަކީ ދިވެހި ތާރީޚުން ދުވަހަކުވެސް ފޮހެވިގެންދާނެ ކަންކަމެއްނޫނެވެ. އެމަނިކުފާނުގެ ނަންފުޅާ ގުޅިގެން އިސްލާމީ ޝަޚްސިއްޔަތާގުޅުން ހުރި އެތައްކަމެއް ތަރައްޤީވެގެން ގޮސްފައިވާއިރު އެ ޚިދުމަތްތަކުގެ ފުރިހަމަ އަޖުރު މާތްﷲގެ ޙަޒުރަތުން މިންވަރު ކުރެއްވުން އެދި ދުޢާ ދަންނަވަމެވެ. ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ފުރަތަމަ ރައީސްގެ ޙައިސިއްޔަތުންނާއި، ދިވެހިރާއްޖޭގެ ފުރަތަމަ އިސްލާމިކް އެފެއާޒް މިނިސްޓަރުގެ ޙައިސިއްޔަތުންނާއި، ދިވެހިރާއްޖޭގެ ފިޤުހު އެކެޑަމީގެ ފުރަތަމަ ރައީސްގެ ޙައިސިއްޔަތުންނާއި، އިސްލާމިކް ބޭންކިންގ ދިވެހިރާއްޖެއަށް ތަޢާރަފްކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅާއި އަދިވެސް އެމަނިކުފާނުގެ އެފަދަ އެތައް ޚިދުމަތްތަކެއްގެ ސަބަބުން ދިވެހި ޤައުމަށް އަގުނުކުރެވޭވަރުގެ މަންފާތަކެއް ކޮށްފިކަމީ ޙަޤީޤަތެކެވެ.

ކޮންމެ ޙާލަތެއްގައިވެސް ޙައްޤުބަސްފުޅު ވިދާޅުވުމާއި، މަޑުމައިތިރިކަމާއި، މިޒާޖުގެ ސާދާކަމަކީ ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީގެ ޙަޔާތްޕުޅުން ދެއްކެވި މަތިވެރި ނަމޫނާތަކެވެ. އަދި މި މަތިވެރި ނަމޫނާތަކަކީ އިސްލާމީ ދަޢުވަތު ފެތުރުމުގައި ދީނީ ޢިލްމުވެރިންނާއި ހަމައެހެންމެ އާންމު ރައްޔިތުންވެސް އިރުޝާދު ލިބިގަންނަންވީ ކަންކަމެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ދުޢާ އަކީ އަލްމަރުޙޫމް ޑރ ޢަބްދުލް މަޖީދު ޢަބްދުލް ބާރީގެ ފުރާނަފުޅަށް ރަޙްމަތްލައްވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރެއްވުމެވެ. އަދި އެ މަރުޙޫމްގެ ފާފަ ފުއްސަވާ ދަރަޖަ މަތިވެރި ކުރެއްވުމެވެ. ހަމަ އެހެންމެ އެ މަރުޙޫމް އާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން މިންވަރުކުރެއްވުމެވެ.

8 ރަމަޟާން 1439
23 މެއި 2018

ބަޔާން ނެރުނީ: ގުޅިފައިވާ ސިޔާސީ ޕާޓީތަކުން