ނޫސް ބަޔާން: ޢަދާލަތު ޕާޓިގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް ފަޟީލަތުއްޝައިޙް އިލްޔާސް ޙުސައިންގެ ޕާސްޕޯޓް ހިފެހެއްޓުމާ ގުޅޭ.

ނޫސް ބަޔާން: ޢަދާލަތު ޕާޓިގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް ފަޟީލަތުއްޝައިޙް އިލްޔާސް ޙުސައިންގެ ޕާސްޕޯޓް ހިފެހެއްޓުމާ ގުޅޭ.

ނަންބަރު: AP/PR/2018/17
ނޫސް ބަޔާން
ޢަދާލަތު ޕާޓިގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް ފަޟީލަތުއްޝައިޙް އިލްޔާސް ޙުސައިންގެ ޕާސްޕޯޓް ހިފެހެއްޓުމާ ގުޅޭ.

ޢަދާލަތު ޕާޓިގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް ފަޟީލަތުއްޝައިޙް އިލްޔާސް ޙުސައިން ވޯޓު ލެއްވުމަށް ހަމަޖެހިފައިވަނީ ރާއްޖެއިން ބޭރުގައި ކަމަށްވާތީ ފުރާވަޑައިގަތުމަށް މިއަދު ހެނދުނުގެ ވަގުތެއްގައި ގަން އިންޓަނޭޝަނަލް އެއަޕޯޓަށް ވަޑައިގެންނެވުމުން އެމަނިކުފާނުގެ ޕާސްޕޯޓް ހިފަހައްޓާ ރާއްޖެއިން ބޭރަށް ފުރުން ހުއްޓުވާފައިވާތީ އެކަން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް، ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އެމަނިކުފާނުގެ ވޯޓު ދިނުމުގެ ޙައްޤާއި، ދަތުރުފަތުރުކޮށް އުޅުމުގެ ޙައްޤާއި މިނިވަންކަމާއެކު ޚިޔާލުފާޅުކޮށް އުޅުމުގެ ޙައްޤާއި އަދި ވަކިން ޚާއްސަކޮށް ދީނީ ގޮތުން ރައްޔިތުން ހޭލުންތެރިކޮށް ހެޔޮލަފަޔާއި އިރުޝާދު ދިނުމުގެ މަތިވެރި މައްސޫލިއްޔަތަށް ހުރަސްއެޅުމަށްޓަކައި ހިންގަމުންދާ މިފަދަ ފިނޑި އަދި ޤާނޫނާ ޚިލާފު އެންމެހާ ކަންކަން ވަގުތުން ހުއްޓާލުމަށް ކަމާގުޅުންހުރި އެންމެހާ މުއައްސަސާތަކަށް ޢަދާލަތު ޕާޓީން ގޮވާލަމެވެ.

ޢަދާލަތު ޕާޓީން ދެކޭގޮތުގައި ދިވެހި ދައުލަތުގެ ޝަރުޢީ މުއައްސަސާތަކަށް ނާޖާއިޒު ނުފޫޒު ފޯރުވާގެން ޢަބްދުﷲ ޔާމީނުގެ މުގުލުގައި ހުންނަވާގެން ހިންގާފައިވާ ޣައިރު ޤާނޫނީ މި އަމަލަކީ ދިވެހިރާއްޖޭގެ ކަމުވޮށިވެގެންވާ ދީނީ ޢިލްމުވެރިންގެ ތާއީދު ގެއްލި ދިވެހި ރައްޔިތުންގެ ތާއީދު ބޮޑުތަނުން ގެއްލިފައިވާތީ އެކަމުގެ ރުޅިވެރިކަމާއި ޙަސަދަވެރިކަމުގައި ރިޔާސީ އިންތިޚާބާ ދިމާކޮށް ހިންގި ބަދަލުހިފުމުގެ އަމަލެކެވެ. ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި އިސްލާމް ދީނާ ޚިލާފަށް ހިންގާ ކަންކަމާމެދު ޙައްޤުބަސް ވިދާޅުވާ ދީނީ ޢިލްމުވެރިންގެ އަގުވައްޓާލާ، ހިފާ ހައްޔަރުކޮށް އަނިޔާކުރުމާއި ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ބާތިލުކުރުމާއި، ޕާސްޕޯޓް ހިފެހެއްޓުމާއި، ދީނުގެ ދައުވަތު ދިނުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މެދުވެރިކޮށްފައިވާ ހުރަސްތައްފަދަ އެތައްކަމަކީ 23 ސެޕްޓެމްބަރ 2018 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ޢަބްދުﷲ ޔާމީނުގެ އަނިޔާވެރި އަދި ދީނުގެ ދައުވަތަށް ހުރަސްއަޅާ ސަރުކާރު ބަދަލުކުރުމަށް ލާޒިމްވާ ސަބަބުތަކެވެ.

އަދި ދަންނަވަމެވެ. މިފަދަ އެންމެހާ ޢަމަލުތަކުން ކަށަވަރުވާ ކަމަކީ، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެއްވެސްގޮތަކުން ޢަބްދުﷲ ޔާމީނަށް ކުރި ހޯދިއްޖެނަމަ، ޢަދާލަތު ޕާޓީގެ ރައީސް ޢިމްރާން ޢަބްދުﷲ އާމެދު އަމަލުކުރެވިގެން ދިޔަ އަނިޔާވެރި ބޭއިންސާފު މަގުން ފަޟީލަތުއްޝައިޙް އިލްޔާސް ޙުސައިން އާމެދު ޢަމަލުކޮށް ދިގުމުއްދަތަކަށް ޖަލުގޮޅީގައި ބަންދުކުރުމުގެ ވިސްނުން ޢަބްދުﷲ ޔާމީން ގެންގުޅޭކަމެވެ. އަދި އޭނާ ހިންގާ އިސްލާމް ދީނުގައި ނަހީކުރައްވާފައިވާ ކަންކަމާމެދު ޙައްޤުބަސް ވިދާޅުވާ ކޮންމެ ދީނީ ޢިލްމުވެރިއެއްގެ އަޑު ކަނޑުވާލުމަށްޓަކައި ކޮންމެފަދަ ބޮޑު އަނިޔާއެއްވެސް ނުޙައްޤުން ދިނުމަށް އެއްވެސް މިންވަރެއްގެ ފަސްޖެހުމެއް ނެތްކަމެވެ.

ވީމާ، އިސްލާމް ދީނުގެ ދައުވަތުގެ ދާއިރާގައި ޙަރަކާތްތެރިވާ ދީނީ ޢިލްމުވެރިންނާއި ޙަރަކާތްތެރިންނާއި އެންމެހާ ދިވެހި މުސްލިމް ރައްޔިތުން އެއްބައިވަންތަވެ އިހުނަށްވުރެ ބޮޑަށް އިންތިޚާބުގައި ޢަބްދުﷲ ޔާމީންގެ ސަރުކާރު ބަދަލުކުރުމުގެ މުހިންމުކަން ބޮޑުވެފައިވާތީ، އިސްލާމް ދީނުގެ ދައުވަތުގެ ދިފާއުގައި އަދި ފަޟީލަތުއްޝައިޙް އިލްޔާސް ޙުސައިން ފަދަ ދީނީ އިލްމުވެރިންގެ ދިފާއުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓު ދެއްވުމަށް ޢަދާލަތު ޕާޓީން ގޮވާލާ ގޮވާލުން ތަކުރާރުކޮށް އެކަމަށް އާދޭހާއެކު އިލްތިމާސްކުރަމެވެ.

12 މުޙައްރަމް 1440
22 ސެޕްޓެމްބަރ 2018