ނޫސް ބަޔާން: އަލްމަސްޖިދުލް އަޤްޞާއާއި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޢުދުވާން ކުށްވެރިކުރުން

ނޫސް ބަޔާން: އަލްމަސްޖިދުލް އަޤްޞާއާއި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޢުދުވާން ކުށްވެރިކުރުން

AP-PR/2021/02

الحَمْدُ للهِ وَكَفَى، وَالصَّلَاةُ وَالسَّلَامُ عَلَى نَبِيِّنَا الْمُصْطَفَى وَعَلَى آلِه وَصَحْبِهِ أَجْمَعِيْن. أَمَّا بَعْدُ:
ބައިންލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ޢަދާލަތު ޕާޓީން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. މުސްލިމުންގެ ފުރަތަމަ ޤިބްލަ ކަމުގައިވާ އަލްމަސްޖިދުލް އަޤްޞާ އާއި އެމިސްކިތް ހިމެނޭ ބަރަކާތްލެއްވިގެންވާ ބިމުގެ ހުރުމަތްކަނޑައި އެބިމުގެ ވަޒަންވެރިން ގަދަބާރުން އެބިމުން ބޭރުކޮށްލަން ހިންގޭ ޖަރީމާތަކަކީ ބައިނަލްއަޤުވާމީ މަސްރަހުގައި ހައްލުނުކުރެވި އޮތް އެންމެ ގިނަ ދުވަސްވީ އެންމެ ބޮޑު މައްސަލައެވެ. އަދި މިކަމަކީ މެދުއިރުމަތީގެ މަޞްލަޙަތާއި ދުނިޔޭގެ ޞުލްޙަ އާގުޅިފައިވާ ޙައްސާސް މައްސަލައަކަށްވީ ހިނދު ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިނގާ ޖަރީމާތައް ހުއްޓުވާ އެބައި މީހުންގެ ޙައްޤުތައް ރައްކާތެރި ކޮށްދިނުމަށް ބައިނަލްއަޤުވާމީ މުޖުތަމައު ނުކުޅެދިފައިވުމަކީ އިންސާނީ ނަސްލަށް އޮތް ލަދުވެތިކަމެކެވެ.
މުޅި ދުނިޔޭގައި ކޮވިޑް-19 ގެ ވަބާ ހަލުވިކަމާއެކު ފެތުރެމުންދާ ވަގުތުގައި އަދި ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކުގައި، ޒަމާންތަކެއް ވަންދެން ހިސާރުކޮށްފައި އޮތް މުސްލިމު އާބާދީއެއްގެ ބަޔަކު ގެދޮރުން ނެރެލައި، ހަނގުރާމައިގެ ޤާނޫނުތަކަށްވެސް ނުފެތޭގޮތަށް ހައްދުފަހަނައަޅާފައިވާ ހަރުކަށި އަނިޔާވެރި ލާއިންސާނީ އަމަލުތައް ހިނގައި، އަލްމަސްޖިދުލް އަޤްޞާގައި އަލިފާން ރޯކޮށްލުމަކީ މުޅި އިސްލާމީ އުންމަތަށް މަލާމާތްކޮށް ރުޅިއަރުވާލުމަށް ރާވައިގެން ހިނގާ އަމަލުތަކެކެވެ. ވީމާ މި ވިޔާނުދާ އަމަލުތައް ހުއްޓުވުމަކީ ބައިނަލްއަޤުވާމީ މުޖުތަމައުގެ ކޮނޑުގައި އެޅިފައި އޮތް ޒިންމާއެއްކަން ފާހަގަކޮށް، އިޒުރޭލުގެ އަނިޔާވެރި އަދި ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް ޢަދާލަތު ޕާޓީން ގޮވާލާ ގޮވާލުން ތަކުރާރުކުރަމެވެ.
އިސްލާމީ ޤައުމެއްގެ ހައިސިއްޔަތުންނާއި އިންސާނީ ކަރާމަތަށް އިޙްތިރާމުކުރާ ރައްޔިތެއްގެ ހައިސިއްޔަތުން ދިވެހިންނަކީ ފަލަސްތީނުގެ ޙައްޤުގައި އަބަދުވެސް ވަކާލާތުކުރާ ބައެއްކަން މިފުރުސަތުގައި ފާހަގަކުރާ ހާލު، ފަލަސްތީނުގެ މުސްލިމް އަޚުންނާއި އުޚުތުންނަށް ނަސްރުދެއްވުމަށާއި އަލްމަސްޖިދުލް އަޤްސާގެ މިނިވަންކަމަށް އެދި ދުއާކުރުމަށް މިފުރުސަތުގައި ދިވެހި ލޮބުވެތި ރައްޔިތުންނަށް ހަނދުމަފުޅުކޮށް އަރުވަމެވެ.
މުސްލިމުންގެ ފުރަތަމަ ޤިބުލަ، އަލްމަސްޖިދުލް އަޤްޞާއާއި ފަލަސްޠީނުގެ ބިންތައް އަނިޔާވެރި އިޒްރޭލުގެ ކިބައިން ސަލާމަތް ކުރައްވައި ފަލަސްޠީނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަނިޔާ ލިބެމުންދާ މުސްލިމުންނަށް ނަޞްރު ދެއްވާށި! އާމީން!
وآخِرُ دَعْوَانَا أَنِ الْحَمْدُ للهِ رَبِّ العَالَمِيْن، وَصَلَّى اللَّهُ وَسَلَّمَ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِه وَصَحْبِهِ أَجْمَعِيْن.
30 رَمَضَان 1442
12 މެއި 2021