ނޫސްބަޔާން: ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާގެ އަގު ވައްޓާލުމަށް ކުރާ މަސައްކަތް ކުށްވެރިކުރުން.

ނޫސްބަޔާން: ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާގެ އަގު ވައްޓާލުމަށް ކުރާ މަސައްކަތް ކުށްވެރިކުރުން.

AP-PR/2021/03

الحَمْدُ للهِ وَكَفَى، وَالصَّلَاةُ وَالسَّلَامُ عَلَى نَبِيِّنَا الْمُصْطَفَى وَعَلَى آلِه وَصَحْبِهِ أَجْمَعِيْن. أَمَّا بَعْدُ:

ސިޔާސީ މަޤުޞަދުތަކެއް ޙާސިލުކުރުމަށް އެއްވެސް ހަމައެއްލަމައެއް ނެތި، ހާމަކަން ބޮޑުގޮތެއްގައި، ދިވެހިރާއްޖޭގެ ސުޕުރީމް ކޯޓާއި އެންމެހާ ޝަރުޢީ ކޯޓުތައް ހިމެނޭހެން ޝަރުޢީ ދާއިރާގައި ހިމެނޭ ހުރިހާ މުއައްސަސާތަކާއި، ޤާނޫނު ހަދާ މަޖިލީހާއި، ސަލާމަތީ ޚިދުމަތްތަކުގެ ހައިބަތާއި ޤަދަރު ގެއްލުވާލާ، ތަކުރާރުކޮށް ޤާނޫނާ ޚިލާފު އަމަލުތައް ހިންގަމުން ގެންދިޔަ ވެރިކަމެއް އިންތިޚާބުގެ ޒަރީއާއިން ބަދަލުކޮށް، އަދުލުއިންސާފުގެ ދާއިރާ މިނިވަން ކުރުމަށް ސަރުކާރުން ވެފައިވާ ވަޢުދު ކާމިޔާބުކަމާއެކު ފުދެމުން ދިއުމަކީ ޢަދާލަތު ޕާޓީން އުފަލާއެކު ބަލައިގަންނަ ކަމެކެވެ.

އަދި ސަރުކާރުގެ ނުފޫޒެއްނެތި ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވެ، ހިންގާފައިވާ ބޮޑެތި ޖަރީމާތަކުގެ މައްސަލަތައް ބަލަމުންދާ ދަނޑިވަޅެއްގައި ޝަރުޢީ ދާއިރާގެ އަގުވާއްޓާލާ، ޢަދުލު އިންސާފަށް ހުރަސްއެޅުމަށް ބައެއް ސިޔާސީ ފަރާތްތަކުން ކުރާ މަސައްކަތް ޢަދާލަތު ޕާޓީން ކުށްވެރިކުރަމެވެ. ސިޔާސީ ވާދަވެރިކަމުގައި ހިންގާ މިފަދަ ޢަމަލުތަކަކީ އިންސާފުވެރި މުޖުތަމައެއް ބިނާކޮށް ހެޔޮވެރިމުގެ ހިޔާވަހިކަން ދިވެހިންނަށް ހޯދައިދިނުމަށް ކުރެވޭ މަސައްކަތް މަޑުޖެހި، އަންނަން އޮތް ޖީލުތަކަށް ހަމަޖެހޭ ސުލްހަވެރި ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ފޯރުކޮށްދިނުމަށް އެޅޭ ހުރަހެއް ކަމުގައިވެސް މިޕާޓީން ދެކެމެވެ.

އަދި ދަންނަވަމެވެ. ޝަރުޢީ ކޯޓުތަކުގައި ބަލަމުންދާ މައްސަލަތަކަށް ނުފޫޒު ފޯރުވުމަށްޓަކާ ފަނޑިޔާރުންގެ އަބުރަށް އަރައިގަނެ، ޙަޤީޤަތާ ޚިލާފު ދޮގު މައުލޫމާތު ފަތުރާ، މުޖުތަމައުގެ ހަމަޖެހުން ނަގާލަން އުޅުމަކީ ދިވެހި ރައްޔިތުންގެ މާލިއްޔަތުން ކޮށްފައިވާ ވައްކަން ފޮރުވާ މައްސަލަތަކުން ރެކިގަންނަން އޮތް ގޮތެއް ނޫނެވެ.

ހަމައެއާއެކު އަދުލުއިންސާފަށް ހުރަސްއަޅާ، އަމިއްލަ ޒާތީ މަންފާއަށްޓަކައި ދައުލަތުގެ މުއައްސަސާތަކުގެ ހައިބަތާއި ޤަދަރު ކުޑަކޮށްލުމަށް ކުރެވޭ ނޭއްގާނީ މަސައްކަތާމެދު ސަމާލުވުމަށް އެންމެހާ ދިވެހި ރައްޔިތުންނަށް ގޮވާލަމެވެ.

وآخِرُ دَعْوَانَا أَنِ الْحَمْدُ للهِ رَبِّ العَالَمِيْن، وَصَلَّى اللَّهُ وَسَلَّمَ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِه وَصَحْبِهِ أَجْمَعِيْن.

28 /1/ 1442

5 / 9 / 2021