ނޫސްބަޔާން: މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅުމަށް ސަރުކާރުން ހިންގާ ކަންކަން ކުށްވެރިކުރުން

ނޫސްބަޔާން: މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅުމަށް ސަރުކާރުން ހިންގާ ކަންކަން ކުށްވެރިކުރުން

 

ނަންބަރު: AP/PR/2016/08

 

ނޫސް ބަޔާން

 

މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅުމަށް ސަރުކާރުން ހިންގާ ކަންކަން ކުށްވެރިކުރުން

 

 

ނޫސްވެރިންނާ ދެކޮޅަށް އިއްޔެ ހިންގުނު އަނިޔާވެރި ޢަމަލުތައް ޢަދާލަތު ޕާޓީއިން ކުށްވެރިކުރަމެވެ. ނޫސްވެރިންނާ ދެކޮޅަށް ހިންގި އަނިޔާތަކަކީ ސަރުކާރުން މިނިވަން މީޑިއާތަކަށް ހުރަސްއެޅުމަށް ތަކުރާރުކޮށް ހިންގަމުންދާ ކަންކަމުގެ ތެރެއިން ހިމެނޭ ކަމެއްކަން މިޕާޓީން ދެކެމެވެ.

 

މިނިވަން މީޑިއާއަކީ ކޮރަޕްޝަނާއި ނާޖާއިޒު ފައިދާ ހޯދުމުގެ ވަބާއާ ދެކޮޅަށް އޮތް އެންމެ މުހިންމު އެއް ވަސީލަތެވެ. ސަރުކާރު ޖަވާބުދާރީ ކުރުމަށާއި ޑިމޮކްރަސީގެ ހަމަތައް ހިފެއްހެއްޓުމަށް މިނިވަން ކަމާއެކު މަސައްކަތް ކުރާނެ މީޑިއާތަކެއްގެ މުހިންމުކަން މިއަދު ދިވެހި ޤައުމަށް އިންތިހާއަށް ބޭނުންވެފައިވާއިރު، ސަރުކާރުން ގެންދަނީ މީޑިއާތައް ސަރުކާރުގެ ކޮންޓްރޯލް ދަށަށް ގަދަކަމުން ގެންދިޔުމަށް މަސައްކަތް ކުރަމުންނެވެ. އަދި ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް އެމީޑިއާއެއް ނުގެންދެވިއްޖެނަމަ، އެމީޑިއާއަކާއި ދެކޮޅަށް އެކި ސިފަސިފައިގައި ސަރުކާރުންދަނީ ބާރުގެ ބޭނުން ކުރަމުންނެވެ.

 

ދިވެހި ބްރޯޑްކާސްޓް މީޑިއާއަށް ބާރާއި ނުފޫޒު ފޯރުވުމަށް، ސަރުކާރު ހިންގާ ޕާޓީގެ އެކްޓިވިސްޓުންނަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މަޤާމުތައް ދިނުމަކީ ޑިމޮކްރަސީއާއި މީޑިއާގެ މިނިވަންކަމަށް ކުރިމަތިވާނެ އެންމެ ބޮޑު އެއް ހުރަސް ކަމުގައި މިޕާޓީން ދެކެމެވެ.

 

މި ފުރުސަތުގައި ދިވެހި ރައްޔިތުން އިޖުތިމާޢީ ގޮތުން ހޭލުންތެރިކުރުމަށާއި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ދިވެހި މީޑިއާތަކާއި ނޫސްވެރިން ކުރަމުންގެންދާ ހިތްވަރުގަދަ މަސައްކަތްތައް މިޕާޓީން ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.

 

26  ޖުމާދަލްއާޚިރާ 1437

04 އޭޕްރިލް 2016

 

ޢަދާލަތު ޕާޓީ

[pdf-embedder url=”http://www.adhaalath.org.mv/wp-content/uploads/2016/04/DOC040416-04042016.pdf”]
Download PDF