ނޫސް ބަޔާން: މާލޭގެ އަމާންކަން ގެއްލެމުންދާ މައްސަލައާ ގުޅޭ!

ނޫސް ބަޔާން: މާލޭގެ އަމާންކަން ގެއްލެމުންދާ މައްސަލައާ ގުޅޭ!

 

ނަންބަރު: AP/PR/2016/13

ނޫސް ބަޔާން

 

މާލޭގެ އަމާންކަން ގެއްލެމުންދާ މައްސަލައާ ގުޅޭ!

 

 

1437 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހާ ބައްދަލުކުރާ މި ދަނޑިވަޅުގައި މާލެތެރޭގެ އަމާންކަން ގެއްލި، ބިރުވެރިކަން ޢާންމުވެ، މާރާމާރީ އާއި ތަޅާފޮޅުން ގިނަވެ، ދިވެހި މުސްލިމް މުވާޠިނުންގެ ފުރާނަގެއްލި ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ބޮޑެތި ގެއްލުންތައް ކުރިމަތިވަމުން ދިއުމަކީ ޢަދާލަތު ޕާޓީން އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ. މުސްލިމުންގެ ލޭ ޙުރުމަތްތެރިވެގެންވާ ހިނދު، ޙައްޤަކާނުލާ މުސްލިމެއްގެ ލޭ އޮހޮރުވާ ނުލުމަށް މިފުރުޞަތުގައި އެންމެހާ ފަރާތްތަކަށް ގޮވާލަމެވެ.

 

އަދި ދަންނަވަމެވެ. ޢަދާލަތު ޕާޓީ ޤަބޫލުކުރާގޮތުގައި، މާރާމާރީ އާއި ތަޅާފޮޅުމާއި މީހުން މެރުންފަދަ ބޮޑެތި ކުށްތައް ހުއްޓުވާ، މުޖުތަމަޢުގެ އަމާންކަމާއި ސުލްޙަމަސަލަސްކަން ކަށަވަރުކުރުމަކީ ކޮންމެ އިސްލާމީ ދައުލަތެއްގެ ވެސް އެންމެ އިސް ވާޖިބެވެ. އެހެންކަމުން ދިވެހި ރައްޔިތުންގެ ލެއާއި މުދާ ޙިމާޔަތްކޮށް ދިވެހި މުޖުތަމަޢުގެ އަމާންކަން ކަށަވަރުކުރުމަށްވުރެ ވަކިން ބޮޑު އެޖެންޑާއެއް ދިވެހި ދައުލަތުގެ ކުރިމަތީގައި އޮވެގެން ވާނެކަމުގައި މިޕާޓީން ނުދެކެމެވެ.

 

އެހެންކަމުން ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކާއި ކަމާގުޅުންހުރި އެހެން މުއައްސަސާތަކުން އަހަންމިޔަތުކަން ދޭކަންކަން އަލުން ތަރުތީބުކޮށް، މުޖުތަމަޢުގެ އަމާންކަން ޤާއިމްކުރުމަކީ އެންމެ އަހަންމިއްޔަތުކަންދޭކަން ކަމުގައި ހަދަންޖެހޭވެ. ވަކި ބައެއްގެ ޒާތީ ސިޔާސީ މަސްލަޙަތު ޙިމާޔަތްކުރުމަށްޓަކައި މުއައްސަސާތަކުގެ ވަގުތާއި ވަސީލަތްތައް ބޭނުންކުރުން ހުއްޓާލާ މުޖުތަމަޢުގެ ޢާންމު މަސްލަޙަތު ޙިމާތަތްކުރަން ޖެހޭވެ. ސިޔާސީ ލީޑަރުން ނުޙައްޤުން ހިފާ ހައްޔަރުކޮށް، ފްރޭމްކޮށް ޖަލަށްލާ، ސިޔާސީ ޙަރަކާތްތެރިންނަށް ބިރުދައްކާ، ސުލްޙަވެރި ސިޔާސީ ޙަރަކާތްތައް ހުއްޓުވުމުގެ ބަދަލުގައި ކުށުގެ ވެށިން ޒުވާނުން ދުރުކޮށް ކުށްވެރިން ހުއްޓުވުމަށް އަމާޒުހިފަން ޖެހޭވެ.

 

އަމަން ޤާއިމް ކުރުމަށްޓަކައި ޢަދުލުއިންސާފު ކޮންމެހެން ޤާއިމްކުރަންޖެހޭ ހިނދު، ދިވެހި މުޖުތަމަޢުގެ އަމާންކަން ކަށަވަރުކުރުމަށްޓަކައި ސަލާމަތީ ބާރުތަކާއި ޝަރުޢީ ކޯޓުތަކާއި މިނިވަން މުއައްސަސާތަކުގެ ތެރެއަށް ސިޔާސީ ނުފޫޒު ފޯރުވުން މިހިނދުން މިހިނދަށް ހުއްޓުވަންޖެހޭކަމުގައި މިޕާޓީން ދެކެމެވެ.

 

29 ޝަޢުބާން 1437

05 ޖޫން 2016

[pdf-embedder url=”http://www.adhaalath.org.mv/wp-content/uploads/2016/06/APPR201613-Regarding-gang-violence.pdf”]
Download PDF