ނޫސް ބަޔާން : ރައްޔިތުންގެ މެދުގައި ލޭއޮހޮރުވުން ހިންގުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ކުށްވެރިކުރުން!

ނޫސް ބަޔާން : ރައްޔިތުންގެ މެދުގައި ލޭއޮހޮރުވުން ހިންގުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ކުށްވެރިކުރުން!

ރައްޔިތުންގެ މެދުގައި ލޭއޮހޮރުވުން ހިންގުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ކުށްވެރިކުރުން!
31 އޮގަސްޓް 2016 ވަނަ ދުވަހުގެރޭ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު ޑރ. މުޙައްމަދު ޝައިނީ، ސަންގު ޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ލޭއޮހޮރުވަން ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައިވާތީ ޢަދާލަތު ޕާޓީން އެކަން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަމެވެ. މިފަދަ ފިނޑި އަދި ހައްދުފަހަނައަޅާފައިވާ ޓެރެޜިޒަމްގެ ޢަމަލުތަކުން ދޭހަކޮށްދެނީ ރައީސް ޔާމީނާއި އެމަނިކުފާނުގެ ސަރުކާރުގެ ނާތަހުޒީބުކަމާއި ހައްދުފަހަނައަޅާފައިވާ މިންވަރުކަމުގައިވެސް މި ޕާޓީން ފާހަނގަ ކުރަމެވެ.

މިފަދަ ހައްދުފަހަނައަޅާ ދިއުމާއި، ބިރުވެރިކަން އުފެއްދުމަށްޓަކައި ހިންގާ ޓެރެޜިޒަމްގެ ޢަމަލުތަކަކީ އެއްވެސް ޒަމާނެއްގައި އެއްވެސް މިންވަރަކަށް އެއްވެސް މީހެއްގެ ކިބައިން ބަލައިގަނެވޭނެ ޢަމަލުތަކެއް ނޫނެވެ. އަދި މިއީ ރައްޔިތުންގެ އިތުބާރުގެއްލި ބޭޒާރުވެފައިވާ ސަރުކާރެއް ދެމެހެއްޓޭނެ ގޮތެއްވެސް ނޫނެވެ. އުފެދި ބޮޑުވަމުންއަންނަ ޖީލުތަކަށް ނަމޫނާދައްކަން ތިބޭ ފަރާތްތަކުން މިފަދަ ލާއިންސާނީ ކަންކަމަށް ހިތްވަރުދިނުމުގެ ސަބަބުން މުޖުތަމަޢުގެ އަމާންކަން ގެއްލި، އިޖުތިމާޢީ ފޭރާން އިތުރަށް ހަލާކުވެދާނެ ކަމުގެ ބިރުވެރިކަން އޮތްކަމުގައިވެސް މި ޕާޓީން ދެކެމެވެ.

ތަހުޒީބު އުސޫލުތަކާއެއްގޮތަށް، ޑިމޮކްރެޓިކް ހަމަތަކުގެ މަތިން މަޝްވަރާކޮށްގެން ސިޔާސީ ޚިޔާލުތަފާތުވުންތައް ހައްލުކުރުމުގެ ވިސްނުންދޫކޮށް، ސަރުކާރުން ލޭއޮހޮރުވުމަށް ހިތްވަރުދީ މަގުފަހިކޮށް ބާރުއެޅުމަކީ، ދިވެހި ރައްޔިތުންގެ އިތުބާރުގެއްލި ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ރައީސް ޔާމީނުގެ ސަރުކާރު އެކަހެރިވަމުންދާތީ ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވައްދައިގެން އަނިޔާވެރި ވެރިކަން ދަމަހައްޓަން ހިންގާ ޢަމަލެއްކަމުގައި ފާހަނގަކުރަމެވެ. ނަމަވެސް ސަރުކާރުގެ ކަރަޕްޝަނާއި ފަސާދައާއި ބޭއިންސާފާ އަނިޔާވެރިކަމާ ދެކޮޅަށް ސުލްޙަވެރިކަމާއެކު އިޙްތިޖާޖުކުރާ ދިވެހި ރައްޔިތުން، މިފަދަ ފިނޑި ޓެރަރިޒަމްގެ އިންޒާރުތަކަށް ބޯނުލަނބާނެކަމުގެ ފުރިހަމަ ޔަޤީންކަން ޢަދާލަތު ޕާޓީއަށް އަބަދުވެސް އޮވެއެވެ.

އަދި ދަންނަވަމެވެ. ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކުން، ސިޔާސީ ނުފޫޒުތަކުގެ ސަބަބުން ރައީސް ޔާމީނުގެ ސަރުކާރުގެ ވެރިން ހިންގަވާ މިފަދަ ނުރައްކާތެރި ޓެރަރިޒަމްގެ ޢަމަލުތަކާމެދު އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ހިނދު، ސުލްޙަވެރިކަމާއެކު އެއްވެއުޅުމާއި ޚިޔާލުފާޅުކުރުމަށް ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހުދޫދުގެ ތެރެއިން ސަރުކާރު ޖަވާބުދާރީކުރުވުމަށް މަސައްކަތްކުރެއްވުމުގެ ސަބަބުން، ޢަދާލަތު ޕާޓީގެ ރައީސް ފަޟީލަތުއްޝައިޚް ޢިމްރާން ޢަބްދުﷲ އާއި އެތައް ދިވެހި ރައްޔިތުން ބޭއިންސާފު ޝަރީޢަތުގެ އަނިޔާ ތަޙައްމަލުކުރަމުން އަންނަކަންވެސް މިފުރުސަތުގައި ފާހަނގަކުރަމެވެ.

29 ޛުލްޤައިދާ 1437
1 ސެޕްޓެމްބަރ 2016

[pdf-embedder url=”http://www.adhaalath.org.mv/wp-content/uploads/2016/09/APPR201617A-Rayyithunge-medhugai-ley-ohoruvun.pdf”]
Download PDF