ދިވެހި ރައްޔިތުންގެ ޚަޒާނާއިން ވަގަށްނަގާފައިވާ ފައިސާ ހޯދުމާ ގުޅޭ!

ދިވެހި ރައްޔިތުންގެ ޚަޒާނާއިން ވަގަށްނަގާފައިވާ ފައިސާ ހޯދުމާ ގުޅޭ!

ނަންބަރު: AP/PR/2016/05

ނޫސް ބަޔާން

ދިވެހި ރައްޔިތުންގެ ޚަޒާނާއިން ވަގަށްނަގާފައިވާ ފައިސާ ހޯދުމާ ގުޅޭ!

ދެހާސް ސޯޅަ ވަނަ އަހަރުގެ ފެބުރުއަރީ ހަ ވަނަ ދުވަހު ނެރުނު އެމްއެމްޕީއާރުސީގެ ޚާއްސަ އޮޑިޓުގައި، ދިވެހި ރައްޔިތުންގެ ޚަޒާނާއިން ވަގަށްނަގާފައިވާ އެއް ބިލިއަނަށް ވުރެގިނަ ރުފިޔާ ހޯދުމަށްޓަކާ ކަމާގުޅޭ މުއައްސަސާތަކުން ތަޙުޤީޤު އަވަހަށް ފަށާފައި ނުވާތީ ޢަދާލަތު ޕާޓީން ނުހަނު ކަންބޮޑުވެއެވެ. ވަކިން ޚާއްސަކޮށް، މި ބޮޑު ޚިޔާނާތަށް މަގުފަހިވީ، ދެހާސް ސާދަ އޮކްޓޯބަރ ނަވާވީސް ވަނަ ދުވަހު ނެރެފައިވާ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަމާދު ފިޔަވަޅު އަޅާފައި ނުވާތީ ކަމަށް ފަހުގެ އޮޑިޓް ގައި ފާހަގަކޮށްފައިވާތީ، މި މައްސަލަ ތަޙުޤީޤުނުކޮށް އަޅާނުލާ ދޫކޮށްލައިފި ނަމަ، ނުވަތަ ތަޙުޤީޤުކުރުން ލަސްވަމުންދާނަމަ މިއަށްވުރެ މާބޮޑު ޚިޔާނާތަކަށް މަގުފަހިވެދާނެތީ މިމައްސަލަ ލަސްނުކޮށް ވީހާވެސް އަވަހަކަށް ތަޙުޤީޤުކުރަން ފެށުމަށް ދިވެހި ފުލުހުންނަށާއި ކަމާގުޅޭ އެންމެހާ މުއައްސަސާތަކަށް ގޮވާލަމެވެ.

އަދި ހަމައެހެންމެ، މި މައްސަލާއާ ގުޅުން ހުރި ބައެއް ފަރާތްތަކުން ޢާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިކަމުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އާއިލާ އާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް ޢިއްޒަތްތެރި މެންބަރުންނާއި އެ މެންބަރުންނާ ގުޅުންހުރި ފަރާތްތަކާއި ވެރިކަންކުރާ މައި ޕާޓީގެ މައްޗަށް ތުހުމަތު ކުރެވޭތީ، މި ޚިޔާނާތުގެ ޙަޤީޤަތް ހޯދާ އެކަން ރައްޔިތުންނާ ހަމަޔަށް ތިލަކޮށް އެފަރާތްތަކާމެދު ފިޔަވަޅުއެޅުމުގެ މުހިންމުކަން ވަކިން ބޮޑުވެގެންދާކަންވެސް ފާހަގަކުރަމެވެ. އަދި މި ޚިޔާނާތުގެ ތުހުމަތުގައި ތަހުޤީޤުކުރެވެން ޖެހޭ ފަރާތްތަކުން ތަހުޤީޤަށް ފުރިހަމަޔަށް އެއްބާރުލުން ދިނުމަށާއި ތަޙުޤީޤަށް ހުރަސްއެޅިދާނެފަދަ އެއްވެސް ޢަމަލެއް، މަޤާމުގެ ހައިސިއްޔަތުގެ ބޭނުންކޮށްގެން ވިޔަސް އެނޫންގޮތަކުން ވިޔަސް، ނުހިންގުމަށް އިލްތިމާސްކުރަމެވެ.

ދިވެހި ރައްޔިތުންގެ ޚަޒާނާއިން މިފަދަ ބޮޑެތި ޢަދަދުތަކަށް އެއްވެސް ބިރެއްނެތި ޚިޔާނާތްތެރިވަމުން ދާދިއުމާމެދު އަޅާނުލައިފި ނަމަ، ދިވެހިރާއްޖޭގެ މާލިއްޔަތު އެއްކޮށް ބަނގުރޫޓުވެ، އިޤްތިސާދީ އަދި އިޖުތިމާޢީ ބޮޑެތި މައްސަލަތަކާ ކުރިމަތި ލާންޖެހިދާނެ ކަމުގެ ބިރު އޮތްކަންވެސް މިފުރުސަތުގައި ފާހަގަކުރަމެވެ.

[pdf-embedder url=”http://www.adhaalath.org.mv/wp-content/uploads/2017/01/APPR201605-MMPRC-ge-audit-aa-gulhey.pdf”]
Download PDF