ޢާއްމުކޮށް އިޢުލާނުކުރުމަކާ ނުލައި ފަތުރުވެރިކަމަށް ރަށްރަށް ދޫކުރެވޭގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ގުޅޭ

ޢާއްމުކޮށް އިޢުލާނުކުރުމަކާ ނުލައި ފަތުރުވެރިކަމަށް ރަށްރަށް ދޫކުރެވޭގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ގުޅޭ

ނަންބަރު: AP/PR/2016/14
ނޫސް ބަޔާން

ޢާއްމުކޮށް އިޢުލާނުކުރުމަކާ ނުލައި ފަތުރުވެރިކަމަށް ރަށްރަށް ދޫކުރެވޭގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ގުޅޭ

ޢާއްމުކޮށް އިޢުލާނުކުރުމަކާ ނުލައި ފަތުރުވެރިކަމަށް ރަށްރަށާއި، ބިންބިމާއި ފަޅުތައް ކުއްޔަށް ދެވޭގޮތަށް ޓުއަރިޒަމާބެހޭ ޤާނޫނަށް ބަދަލު ގެނައުމަށް ސަރުކާރުގެ ފަރާތުންވަނީ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައި، ސަރުކާރު ހިންގާ ޕާޓީގެ މެންބަރުންގެ ވޯޓާއެކު އެކު އެ ބިލު 21 ޖޫން 2016 ގައި މަޖިލީހަށް ވަނީ ބަލައިގެންފައެވެ. ބަލާލި ކޮންމެ ދިމާލަކުން ރައީސް ޔާމީނުގެ ސަރުކާރުގެ ކޮރަޕްޝަން ފެންނަމުންދާ މި ދަނޑިވަޅުގައި މި ބިލަކީ ކޮރަޕްޝަނަށް ހުޅުވިގެންދާ އިތުރު ބިޔަ ދޮރެއްކަމުގައި ޢަދާލަތު ޕާޓީއިން ދެކެމެވެ. އަދި މި ބިލަކީ ސަރުކާރުން ބޭނުންވާ ވަކި ބަޔަކަށް ރާއްޖޭގެ ރަށްތަކާއި ބިންތަކާއި ފަޅުތައް ދިނުމަށްޓަކައި ހުށަހަޅާފައިވާ ވަރަށް ޙީލަތްތެރި ބިލެއް ކަމުގައިވެސް ދެކެމެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ސިނާޢަތެއްގެ ގޮތުގައި ކުރިއަރައިގެން ދިޔަ އެންމެ މައިގަނޑު އެއް ސަބަބަކީ ފަތުރުވެރިކަމަށް ރަށްތައް ދޫކުރުމުގައި މާޒީގައި ގެންގުޅެފައިވާ ދެފުށްފެންނަ، ހާމަކަންބޮޑު އަދި ދެމެހެއްޓެނިވި އުޞޫލުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ލިބިފައިވާ އިންވެސްޓަރުންގެ އިތުބާރާއި އެ އިންވެސްޓަރުން މިސިނާޢަތުގައި ކޮށްފައިވާ ކާމިޔާބު އިންވެސްޓްމެންޓުތަކެވެ. ޙަޤީޤަތް މިހެންއޮތް އިރު ސިޔާސީ ބޭނުންތަކަކަށްޓަކައި ސަރުކާރުން ހުށަހާޅާފައި މިވާ ބިލަކީ މި ބިލުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތާމެދު އިންވެސްޓަރުންގެ އިރުބާރު ގެއްލި، މިސިނާޢަތުގެ ވިޔަފާރީގެ ވާދަވެރިކަން ގެއްލި، ވަކި ބައެއްގެ މުށުތެރެއަށް މި ސިނާޢަތުގެ ކޮންޓްރޯލް ވެއްޓި، މި ސިނާޢަތަށް އަގުނުކުރެވޭވަރުގެ ގެއްލުން ލިބޭނެ ބިލެކެވެ. ފަތުރުވެރިކަމުގެ ސިނާޢަތަކީ ސީދާގޮތުންނާއި ނުސީދާ ގޮތުން އެތައް ހާސް ދިވެހި ޢާއިލާއެއްގެ ދިރިއުޅުން ބަރޯސާވެފައިވާ ސިނާޢަތަކަށްވާއިރު މިސިނާޢަތަށް ލިބޭ މިފަދަ ބޮޑެތި ގެއްލުންތަކަކީ ރައްޔިތުންނަށް ލިބޭނެ ފޫނުބެއްދޭވަރުގެ ނިކަމެތިކަމެކެވެ.
ރާއްޖޭގެ ފަހުގެ ތާރީޚުގައި ހިނގާފައިވާ އެންމެ ބޮޑު ކޮރަޕްޝަނުގެ މައްސަލަކަމަށްވާ އެމް.އެމް.ޕީ.އާރު.ސީ ގެ ކޮރަޕްޝަނުގެ މައްސަލައިގައި ދައުރުވެފައިވާ ފައިސާ އަކީވެސް ޢާއްމުކޮށް އިޢުލާނުކުރުމަކާ ނުލައި އަދި ވާދަވެރި ބީލަމުގެ އުޞޫލެއް ނެތި ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކަކާއި ފަޅުތަކަކާ ގުޅޭ ފައިސާކަން ފާހަގަކުރަމެވެ. މިހެންމިކަން އޮތް އިރު އަނެއްކާވެސް ސަރުކާރުން ހަމަމިކަން އެހެން މަގަކުން ކުރަން އުޅުމަކީ ޢަދާލަތު ޕާޓީއިން ވަރަށް ބޮޑަށް ކުށްވެރިކުރާކަމެވެ.
މަތީގައި ބަޔާންކޮށްފައިވާ ސަބަބުތަކަށްޓަކައި ސަރުކާރުގެ ފަރާތުން މިބިލު އަނބުރާ ގެންދިޔުމަށް ޢަދާލަތު ޕާޓީގެ ފަރާތުން ގޮވާލަމެވެ. އަދި ފަތުރުވެރިކަމަށާއި އެހެނިހެން ސިނާޢަތްތަކަށްވެސް ރާއްޖޭގެ ރަށްރަށާއި ބިންބިމާއި ފަޅުތައް ދޫކުރުމުގައި ޢާއްމުކޮށް އިޢުލާނުކޮށްގެން، ވާދަވެރި ބީލަމުގެ އުޞޫލުން، ހާމަކަންބޮޑު، ދެފުށްފެންނަ ގޮތެއްގައި ކުއްޔަށް ދޫކުރުމަށް ގޮވާލަމެވެ. އަދި ކޮރަޕްޝަނަށް ދޮރު ހުޅުވޭ ގޮތަށް ޤާނޫނުތައް ފަރުމާނުކުރުމަށާއި ޢަމަލުތައް ނުބެހެއްޓުމަށް ރައީސް ޔާމީނުގެ ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް ގޮވާލަމެވެ.

17 ރަމަޟާން 1437
22 ޖޫން 2016

[pdf-embedder url=”http://www.adhaalath.org.mv/wp-content/uploads/2017/01/APPR201614-Regarding-ammendment-to-tourism-Law.pdf”]
Download PDF