މިނިވަންކަމާއެކު ޚިޔާލުފާޅުކުރުމުގެ ޙައްޤު ހަނިކުރުމާ ގުޅޭ!

މިނިވަންކަމާއެކު ޚިޔާލުފާޅުކުރުމުގެ ޙައްޤު ހަނިކުރުމާ ގުޅޭ!

ނަންބަރު: AP/PR/2016/16
ނޫސް ބަޔާން

މިނިވަންކަމާއެކު ޚިޔާލުފާޅުކުރުމުގެ ޙައްޤު ހަނިކުރުމާ ގުޅޭ!

މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާ ގޮތެއްގެމަތީން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ޚިޔާލުތައް ދުލާއި ޤަލަމުން އަދި އެނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީން ކޮންމެ މީހަކަށްމެ ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤަކަށް ވާހިނދު، އަދި އަސާސީ ޙައްޤުތައް ހަނިކުރެވޭނީ އިސްލާމީ ޝަރީޢަތުގައި އެކަމެއް ހަނިކުރެވެން އޮންނަ މިންވަރަށް ޑިމޮކްރެޓިކް މުޖުތަމަޢުތަކުގައި އެކަންކޮށް އުޅޭ އުސޫލުންކަން ކަނޑައެޅިގެން އެނގެން އޮތް ހިނދު، މި ދެ އަސާސް ގެމައްޗަށް ރިޢާޔަތްކުރުމެއް ނެތި އަދި މި ދެ އަސާސް ގެ ދަށުން ހަނިކުރެވޭނެ މިންވަރަށްވުރެ އިތުރަށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤު ހަނިކުރުމަކީ ޢަދާލަތު ޕާޓީން އިންތިހާއަށް ކަންބޮޑުވާކަމެކެވެ.
އިސްލާމް ދީނުގައި ދައުލަތް ހިންގުމުގެ އެންމެ އަސާސީ އެއް ރުކުނަކީ ދައުލަތުގެ ކަންކަމާމެދު ރައްޔިތުންނަށް ފެންނަ ޚިޔާލާއި ޝުޢޫރުފާޅުކޮށް، ދައުލަތުގެ ކަންކަމާމެދު ބިނާކުރަނިވި މޭރުމަކުން ފާޑުކިޔައި، ކަންކަން އިސްލާޙުގެ މަގަށް ގެންދިއުމުގެ ދޮރު ފުޅާކޮށް ތަނަވެސް ވެފައި އޮތުންކަމުގައި ވާތީއާއި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ ރޫޙަކީވެސް އެއީކަމުގައިވެފައި، ޑިމޮކްރެޓިކް މުޖުތަމަޢުތަކުގައި ޢަމަލުކުރެވޭ ގޮތަކީވެސް އެއީ ކަމުގައި ވާހިނދު، އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ ސަބަބުން (1) ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި ހިނގާކަންކަމާމެދު ރައްޔިތުންނަށް ފެންނަ ޚިޔާލާއި ޝުޢޫރު ފާޅުކޮށް ކަންކަން އިސްލާޙުކުރުމުގެ ދޮރު ބަންދުވެ، (2) ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި ހިނގާކަންކަން ރައްޔިތުންނާއި ހަމަޔަށް ގެނެސްދިނުމާއި އަދި ރައްޔިތުންގެ ޚިޔާލާއި ޝުޢޫރުފާޅުކުރުމުގެ އެންމެ އަސާސީ ވަސީލަތް ކަމަށްވާ މިނިވަން ނޫސްވެރިކަމާއި ސޯޝަލް މީޑިޔާ ހުއްޓުމަކަށްއައިސް، (3) އިސްލާމް ދީން އޮޅުންފިލުވާދިނުމަށާއި ދީނުގެ ޢިލްމުފެތުރުމަށް ދަންނަބޭކަލުންނަށް ފަހިކޮށްދީފައި އޮންނަން ޖެހޭ ތަނަވަސް ފުރުސަތު ބޮޑުތަނުން ހަނިވެގެންދާނެއެވެ.
ޢަދާލަތު ޕާޓީން ދެކޭގޮތުގައި މި ބިލަކީ، ސަރުކާރާއި ދައުލަތުގެ އެހެން މުއައްސަސާތަކުގެ ތެރޭގައި ހިންގަމުންގެންދާ ކަރަޕްޝަނާއި ފަސާދައިގެ ބޮޑެތި ޖަރީމާތަކާއި ހާމަކަން ބޮޑު ވައްކަންތައް ފޮރުވާ، އެކަންކަމުގެ މަޢުލޫމާތު ހާމަކުރަމުން އަންނަ މީޑިޔާތަކާއި ނޫސްވެރިންނާއި އެކަންކަން ހުއްޓުވުމަށްޓަކައި މަސައްކަތްކުރާ ދިވެހި ރައްޔިތުންނަށް ޙައްޤުނޫން ބޮޑެތި އަދަބު ދިނުމަށްޓަކައި ފަރުމާކޮށްފައިވާ ހީލަތްތެރި ބިލެކެވެ. އެހެންކަމުން ދައުލަތް އެމައްޗަށް އުފެދިގެންވާ އަސާސަކީ ރައްޔިތުންކަމަށް ވެފައި، ދައުލަތުގެ އެންމެހާ ބާރުތައް ދެމިއޮންނީ ރައްޔިތުންގެ ކިބާގައި ކަމަށްވާހިނދު، ޤާނޫނުއަސާސީގެ ދައުރު ހަނިކޮށް ދައުލަތް ހިންގުމަށްޓަކައި ރައްޔިތުންނަށް ފުރިހަމަ ބާރު ލިބިދޭގޮތަށް ފަރުމާކޮށްފައިވާ ވެރިކަން ހިންގުމުގެ ނިޒާމު ރޫޅާލުމަށްޓަކައި މި ކުރެވޭ މަސައްކަތް ހުއްޓުވުމަށް ދިވެހި ރައްޔިތުންނަށް ގޮވާލާ އިލްތިމާސްކުރަމެވެ.

27 ޝައްވާލް 1437
1 އޮގަސްޓް 2016

[pdf-embedder url=”http://www.adhaalath.org.mv/wp-content/uploads/2016/08/APPR201616-Minivan-kamaaeku-khiyaal-faalhukurumuge-haqqu-haniykurumaai-gulhey.pdf”]
Download PDF