ރައީސް ޔާމީން ހައްޔަރުކޮށް މިނިވަން އިންސާފުވެރި ތަޙުޤީޤެއް ހިންގުމަށް ގޮވާލުން

ރައީސް ޔާމީން ހައްޔަރުކޮށް މިނިވަން އިންސާފުވެރި ތަޙުޤީޤެއް ހިންގުމަށް ގޮވާލުން

ނަންބަރު: AP/PR/2016/19
ނޫސް ބަޔާން
ރައީސް ޔާމީން ހައްޔަރުކޮށް މިނިވަން އިންސާފުވެރި ތަޙުޤީޤެއް ހިންގުމަށް ގޮވާލުން

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމާމެދު ކުރެވޭ ރިޝްވަތު ހިފުމާއި، ތަޙުޤީޤީ އިދާރާތަކަށާއި ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވުމާއި، ވެރިކަމުގެ ބާރުތައް ނަހަމަގޮތުގައި ބޭނުންކުރެއްވުމާއި، ރައްޔިތުންގެ ލާބަ އާއި މަންފާއަށްޓަކައި އުފައްދާފައިހުރި މުއައްސަސާތަކުގެ ބޭނުން އަމިއްލަ މަޞްލަޙަތަށްޓަކައި ރައްޔިތުންނަށާއި ދައުލަތަށް ސީދާގޮތުންނާއި ނުސީދާގޮތުން ގެއްލުން ލިބޭނެހެން ބޭނުންކުރެއްވުމާއި، މިނިވަން މީޑިޔާގެ މަސައްކަތާބެހުމާއި، ދައުލަތާއި އަމިއްލަ ފަރުދުންގެ މުދަލާއި ރައްޔިތުންގެ ފުރާނައަށް ގެއްލުންދިނުމަށް ރޭވުމާއި ނުވަތަ މަގުފަހިކޮށްދިނުމާއި އަދި މިނޫންވެސް މިފަދަ ބޮޑެތި ޖަރީމާތަކުގެ ތުހުމަތު ދިވެހިރާއްޖޭގެ އަސްދަނޑިން ބޭރުވެ، ބައިނަލްއަޤުވާމީ ބޮޑެތި މީޑިޔާތަކުގެ ފަލަސުރުޚީއަށް އަރަމުން އަންނަހިނދު،
ރިޝްވަތު ދިނުމާއި، ރިޝްވަތު ހިފުމާއި، ފަނޑިޔާރުންގެ މަސައްކަތާބެހި ފަނޑިޔާރުންގެ މައްޗަށް ނުފޫޒު ފޯރުވުމާއި، ފުރާނައާއި މުދަލުގެ ޙުރުމަތް ނަގާލަން މަސައްކަތްކުރުމާއި ނުވަތަ ރޭވުމާއި ނުވަތަ ހިތްވަރުދިނުމާއި ނުވަތަ އެފަދަ އަނިޔާވެރި އެންމެހާ ޢަމަލުތައް ފޮރުވަން މަސައްކަތްކުރުމާއި، ވެރިކަމުގެ އަމާނާތަށާއި ރައްޔިތުންގެ މާލިއްޔަތުގެ ތެރޭގައި ހިމެނޭ ބިންބިމާއި ފަޅުފަޅާއި ކަނޑާއި ރުއްގަހާއި އެނޫންވެސް ރައްޔިތުންގެ މައްޗަށް މާތްﷲ ތަނަވަސްކުރައްވާފައިވާ ނިޢުމަތްތަކަށާއި ދައުލަތުގެ ޚަޒާނާގައި ހިމެނޭ ފައިސާއަށް ޚިޔާނާތްތެރިވުމަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ނަހީކުރައްވާފައިވާ ބޮޑެތި މުންކަރާތްތައް ކަމުގައިވާތީ އާއި އަދި އެކަންކަމަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އާއި ޤާނޫނުތަކުގައިވެސް މަނާކުރެވިގެންވާ ކަންކަންކަމުގައި ވީހިނދު،
މިކަންކަމާމެދު ފިޔަވަޅު ނާޅައިފިނަމަ ދިވެހިރައްޔިތުންނަށާއި ދިވެހިރާއްޖޭގެ މާލިއްޔަތަށާއި ދިވެހި ދައުލަތަށް ފޫނުބެދޭވަރުގެ ބޮޑެތި ގެއްލުންތައް ކުރިމަތިވެ، ދިވެހި ދައުލަތް ރޫޅި ދިވެހި ރައްޔިތުން ނިކަމެތިވެ، ދައުލަތުގެ މިނިވަން މުސްތަޤިއްލު މުއައްސަސާތަކުގެ އަގުވެއްޓި، ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ދިވެހިރާއްޖެއާއި ދިވެހި ރައްޔިތުން ފަޟީޙަތްވެދާނެތީ، އިސްލާމީ ޝަރީޢަތާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އާއި ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ލަސްނުކޮށް ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމާއި އަދިވެސް އިސްވެދެންނެވުނު ކަންކަމުގެ މައްޗަށް ތުހުމަތުކުރެވޭ އެހެންފަރާތްތައް ހައްޔަރުކޮށް މިނިވަން މުސްތަޤިއްލު ޖިނާއީ ތަޙުޤީޤެއް ހިންގުމަށް ކަމާގުޅުންހުރި އެންމެހާ ފަރާތްތަކަށް ގޮވާލަމެވެ.

7 ޛުލްޙިއްޖާ 1437
8 ސެޕްޓެމްބަރ 2016
[pdf-embedder url=”http://www.adhaalath.org.mv/wp-content/uploads/2017/01/APPR201619-Raees-Yamin-hayyaru-koh-minivan-insaaf-veri-thahuqeeqeh-hingumah-govaalun.pdf”]
Download PDF