ނޫސް ބަޔާން: ދިވެހި ސަރުކާރުން ޤަތަރުގެ ދައުލަތާ ގުޅުން ކަނޑާލި މައްސަލަ ކުށްވެރިކުރުން.

ނޫސް ބަޔާން: ދިވެހި ސަރުކާރުން ޤަތަރުގެ ދައުލަތާ ގުޅުން ކަނޑާލި މައްސަލަ ކުށްވެރިކުރުން.

ނަންބަރު: AP/PR/2017/09
ނޫސް ބަޔާން
ދިވެހި ސަރުކާރުން ޤަތަރުގެ ދައުލަތާ ގުޅުން ކަނޑާލި މައްސަލަ ކުށްވެރިކުރުން.
ދިވެހި ސަރުކާރުން، ދިވެހި މުސްލިމު ރައްޔިތުންގެ ނަމުގައި ޤަތަރުގެ ދައުލަތާއި ދެމެދު ޤާއިމްވެފައިވާ ޚާރިޖީ ގުޅުން ކަނޑާލުމަކީ ޢަދާލަތު ޕާޓީން ނުހަނު ބޮޑަށް އިންކާރުކުރާ ކަމެކެވެ. އަދި ދިވެހި ސަރުކާރުގެ މި ޢަމަލު ޢަދާލަތު ޕާޓީން އިންތިހާޔަށް ކުށްވެރިކުރަމެވެ. ރަމަޟާންމަހަކީ މުސްލިމުންގެ މެދުގައި ގުޅުން ބަދަހިކޮށް އެކުވެރިކަން އާލާކުރަން ޖެހޭ ބަރަކާތްތެރި މޫސުމަކަށް ވީހިނދު، މި މަހުގެ މާތްކަމަށްވެސް ބެލުމެއްނެތި އިސްލާމީ ދައުލަތަކާއި، ދިވެހި ދައުލަތާ ދެމެދު ދިގު ޒަމާންތަކެއް ވަންދެން ޤާއިމުވެފައިވާ އުޚުއްވަތްތެރިކަމުގެ ބަދަހި ގުޅުން، ދިވެހި ރައްޔިތުންގެ އަދި ރައްޔިތުންގެ މަޖިލިހުގެ އެއްވެސް ރަޢުޔެއްނެތި، ކުއްލި ގޮތަކަށް ކަނޑާލުމަކީ ރައީސް ޔާމީނުގެ ސަރުކާރުން ހިންގަމުން އަންނަ މިބާވަތުގެ ނޭއްގާނީ ކަންކަމަށް އިތުރުވެގެން ދިޔަ ބޮޅެކެވެ.
ހަމައެހެންމެ ޤަތަރަކީ އިޤްތިޞާދީ ގޮތުންނާއި، ޢުމްރާނީ ތަރައްޤީގެ ދާއިރާއިންނާއި، ތަޢުލީމާއި ސިއްޙަތުގެ އިތުރުންވެސް އެކި ދާއިރާތަކުން ދިވެހި ރައްޔިތުންނަން އަގުނުކުރެވޭފަދަ ބޮޑެތި ޚިދުމަތްތަކެއް ފޯރުކޮށްދީފައިވާ އަދި މިހާރުވެސް ފޯރުކޮށްދެމުން އަންނަ އެކުވެރި އިސްލާމީ ދައުލަތަކަށް ވީހިނދު، ދިވެހި ސަރުކާރުގެ ވިސްނުންތެރިކަމެއްނެތް މި ޢަމަލުގެ ސަބަބުން ދިވެހި ދައުލަތަށާއި ދިވެހި ރައްޔިތުންނަށް ސީދާގޮތުންނާއި ނުސީދާގޮތުން މިކަމުގެ ގެއްލުން ފޯރާނެކަމުގައި ދަންނަވަމެވެ.
އިސްލާމީ ދުނިޔޭގެ އިތުރުން، ސަރަޙައްދީ ފެންވަރުގައްޔާއި ބައިނަލްއަޤުވާމީ ސިޔާސަތުގެ ދާއިރާގައި ދިވެހިރާއްޖެ އިން ޒަމާނުއްސުރެ ހިފަހައްޓަމުންއަންނަ ބެލެންސްޑް ޚާރިޖީ ސިޔާސަތު ބަދަލުކޮށް ބައިނަލްއަޤުވާމީ ބޮޑެތި ބާރުތަކުގެ ތެރޭގައި ހިނގާ، ދިވެހިންނާ އެއްވެސް ގުޅުމެއްނެތް، ހަމަނުޖެހުންތަކުގެ ތެރެއަށް ދިވެހިރާއްޖެ ވެއްދުމުގެ ސަބަބުން ދިވެހިރާއްޖެ ދަނީ އެކަހެރިވަމުންނެވެ. އަދި ވިޔަފާރައާއި އެހެނިހެން ގޮތްގޮތުން ނިކަމެތިވަމުންއަންނަ ދަނޑިވަޅެއްގައި، އިސްލާމީ ޤައުމުތަކުގެ މެދުގައި އުފެދޭ ދެބަސްވުންތަކުގެ ތެރެއަށްވަދެ އިސްލާމީ އުންމަތް އިތުރަށް ބައިބައިކޮށް ނިކަމެތިކުރަން މަސައްކަތްކުރުމަކީ އިންތިހާޔަށް ނުރައްކާތެރި އަދި ބިރުވެރި ކަމެއްކަމުގައި ޢަދާލަތު ޕާޓީންދެކެމެވެ.
އެހެންކަމުން ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފުކަމަށް ފެންނާންހުރި އުޒުރުތަކުގެ މައްޗަށް ބިނާކޮށް އިސްލާމީ ޤައުމުތަކުގެ މެދުގައި ފިތުނަވެރިކުރުމަށް ކުރެވެމުންދާ ކަންކަމުން އެއްކިބާވެ އޮތުމަށް ޢަދާލަތު ޕާޓީގެ ފަރާތުން ދިވެހި ސަރުކާރަށް ގޮވާލަމެވެ. ހަމައެހެންމެ ބައިނަލްއަޤުވާމީ އަރައިރުންތަކުގެތެރެއަށް ވަދެ، ދިވެހި ޤައުމު އިތުރަށް ނިކަމެތިކުރުމުގެ ބަދަލުގައި ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ހިފެހެއްޓޭނެހެން ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު އަލުން ބައްޓަންކޮށް، މިނިވަން ޚާރިޖީ ސިޔާސަތެއް ގެންގުޅުމަށް ސަރުކާރަށް ގޮވާލަމެވެ. ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ނިންމުންތަކަކީ މިނިވަންކަމާއި ބޭރުގެ އެއްވެސް ފަރާތެއްގެ ނުފޫޒް ނުފޯރާނެ ފަދަ ހަރުދަނާ ނިންމުން ތަކަކަށް ވާންޖެހޭ ކަމުގައިވެސް ޢަދާލަތު ޕާޓީއިން ދެކެމެވެ.

10 ރަމަޟާން 1438
5 ޖޫން 2017