ނޫސް ބަޔާން: އޮނަރަބަލް އާދަމް އާޒިމް ހައްޔަރުކުރުމާއި ގުޅޭ!

ނޫސް ބަޔާން: އޮނަރަބަލް އާދަމް އާޒިމް ހައްޔަރުކުރުމާއި ގުޅޭ!

ނަންބަރު: AP/PR/2017/10
ނޫސް ބަޔާން
އޮނަރަބަލް އާދަމް އާޒިމް ހައްޔަރުކުރުމާއި ގުޅޭ!

މޯލްޑިވްސް ޔުނައިޓެޑް އޮޕޮސިޝަންގެ ޝެޑޯ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އޮނަރަބަލް އާދަމް އާޒިމް ހައްޔަރު ކޮށްފައިވާ މައްސަލައާ ގުޅޭގޮތުން ދަންނަވަމެވެ. އިންޓެލިޖެންސް ރިޕޯޓްތަކުގެ މައްޗަށް ބިނާކޮށް ކަމަށްބުނެ ސަރުކާރާއި ވާދަވެރި ސިޔާސީ ފަރާތްތައް ހިފާހައްޔަރުކޮށް ނުހައްޤުން އަނިޔާދެމުން ގެންދިއުމަކީ ޢަދާލަތު ޕާޓީން އެއްވެސް މިންވަރަކަށް ބަލައިގަންނަކަމެއް ނޫނެވެ. އެހެންކަމުން އޮނަރަބަލް އާދަމް އާޒިމް ވަގުތުން މިނިވަންކުރުމަށް ކަމާގުޅޭ އެންހައި ފަރާތްތަކަށް މި ޕާޓީއިން ގޮވާލަމެވެ.

މި ޕާޓީން ދެކޭގޮތުގައި ސަރުކާރުގެ މި ޢަމަލަކީ ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔަރޑް މުހައްމަދު ނާޒިމް މިނިވަންކުރުމަށާއި ސަރުކާރުގެ އަނިޔާވެރިކަމާއި ކަރަޕްޝަނާއި ފަސާދައާ ދެކޮޅަށް ސާބިތުކަމާއެކު އަޑުއުފުއްލަވައި ކުރައްވާ މަސައްކަތްޕުޅުގެ ސަބަބުން އެމަނިކުފާނު ހުއްޓުވުމަށްޓަކައި ދައުލަތުގެ މުއައްސަސާތަކަށް ޤާނޫނާ ޚިލާފަށް ނުފޫޒު ފޯރުވާގެން ހިންގާފައިވާ ފިނޑި އަދި އަނިޔާވެރި ޢަމަލެކެވެ. ހަމައެހެންމެ ސަރުކާރުގެ މި އަމަލަކީ، ބާޒާރުގައި ތަކެތީގެ އަގުތައް އިންތިހާއަށް އުފުލި، ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ދޯހަޅިކަން ރައްޔިރުންނަށް ހާމަވެ، ކަރަޕްޝަނާއި ފަސާދަ އާއި އަނިޔާވެރިކަމުގެ ސަބަބުން ރައްޔިތުންގެ ކުރިމަތީގައި ސަރުކާރު ފަޞީހަތްވަމުން އަންނަ ދަނޑިވަޅެއްގައި އަސްލު މައްސަލަތައް ޙައްލުކުރަން މަސައްކަތްކުރުމުގެ ބަދަލުގައި ވާދަވެރި ސިޔާސީ ލީޑަރުން ހިފާހައްޔަރުކޮށްގެން ރައްޔިތުންގެ އަޑު ކަނޑުވާލުމަށް ސަރުކާރުން ރާވަމުންއަންނަ ކަމުގެ އިޝާރާތެއްވެސްމެއެވެ.

އަދި މިފުރުސަތުގައި، ދައުލަތުގެ އެކި މުއައްސަސާތަކަށް ޤާނޫނާ ޚިލާފަށް ނުފޫޒު ފޯރުވުމާއި، ވާދަވެރި ސިޔާސީ ފަރާތްތައް ހިފާހައްޔަރުކުރުމާއި، ރައްޔިރުންގެ އަސާސީ ޙައްޤުތައް ހިފެހެއްޓުމާއި ކަރަޕްޝަނާއި ފަސާދައިގެ ކަންކަން ނިމުމަކަށްގެނެސް ރައްޔިތުންނަށް ވަޢުދުވެފައިވާ، ރައްޔިތުން އެދޭފަދަ ވެރިކަމެއް ކުރުމަށް ޢަދާލަތު ޕާޓީން ސަރުކާރަށް ގޮވާލާގޮވާލުން ތަކުރާރުކުރަމެވެ.

13 ރަމަޟާން 1438
8 ޖޫން 2017