ނޫސް ބަޔާން: ރައްޔިތުންގެ މަޖިލިހުގެ ރައީސް ޢަބްދުﷲ މަސީޙްގެ މައްޗަށް އިތުބާރުނެތްކަމުގެ މައްސަލަ 45 މެންބަރުން ސޮއިކުރައްވައި ހުށަހަޅުއްވައިފި

ނޫސް ބަޔާން: ރައްޔިތުންގެ މަޖިލިހުގެ ރައީސް ޢަބްދުﷲ މަސީޙްގެ މައްޗަށް އިތުބާރުނެތްކަމުގެ މައްސަލަ 45 މެންބަރުން ސޮއިކުރައްވައި ހުށަހަޅުއްވައިފި

ނަންބަރު: AP/PR/2017/14
ނޫސް ބަޔާން

ރައްޔިތުންގެ މަޖިލިހުގެ ރައީސް ޢަބްދުﷲ މަސީޙްގެ މައްޗަށް އިތުބާރުނެތްކަމުގެ މައްސަލަ 45 މެންބަރުން ސޮއިކުރައްވައި ހުށަހަޅުއްވައިފި

ޢަދާލަތު ޕާޓީ (އޭ.ޕީ.)ގެ ރައީސް އިމްރާން ޢަބްދުﷲ އާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް.)ގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އާއި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ.)ގެ ރައީސް މުޙަންމަދު ނަޝީދު އާއި ޖުމްހޫރީ ޕާޓީ (ޖޭ.ޕީ.)ގެ ލީޑަރ ޤާސިމް އިބްރާހިމް އިސްވެ ތިއްބަވައިގެން 24 މާޗް 2017 ދުވަހު ސޮއިކުރެއްވި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހު ބޮއްސުންލައި، ސަރުކާރުގެ ތެރޭގައި ވައްކަމާއި، ކޮރަޕްޝަން އިންތިހާއަށް ބޮޑުވެ، މިނިވަން މުއައްސަސާތައް ސަރުކާރުގެ އިޝާރާތަށް މަސައްކަތްކުރަން ފަށައި، ރައްޔިތުންގެ ޙައްޤުތައް ނިގުޅައިގަނެ، ރައްޔިތުންނަށް އަނިޔާވެރިވެ، ދިރިއުޅުމުގެ އަގު އަތްނުފޯރާ ފަށަށް ދިއުމުން، ދިވެހި ރައްޔިތުން އިސްނަގައިގެން ގެންނަންބޭނުންވި ބަދަލުތައް ގެނައުމަށް އެހީތެރިވެދީ، ދިވެހި ރައްޔިތުންގެ އަޑު އަހައި، ދިވެހި ރައްޔިތުންގެ އިހްސާސްތަކާއި ވިންދާއެއްގޮތަށް، މި ހަތަރު ސިޔާސީ ޕާޓީން ގުޅިގެން މަސައްކަތްކުރުމަށެވެ.
ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީ ކޯލިޝަނެއްގެ ތެރެއިން ވެރިކަން ކުރުމުގެ މެންޑޭޓެއް ލިބިވަޑައިގެނެވެ. އެކޯލިޝަން ރޫޅި ޖުމްހޫރީ ޕާޓީ އާއި ޢަދާލަތު ޕާޓީ އާއި އަދި ޚުދު އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕީ.ޕީ.އެމް. އިންވެސް އެމަނިކުފާނަށް ކުރައްވާފައިވާ ތާއީދު ވަނީ އަނބުރާ ގެންގޮސްފައެވެ. ނިމި ދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓުގައި، ރައީސް ޔާމީނު ތަމްސީލް ކުރެއްވި، އަދި އެމަނިކުފާނުގެ ފޮޓޯ ފުޅާއިއެކު ކެމްޕޭނަށް ނުކުމެވަޑައިގެންނެވި ޕީ.ޕީ.އެމްގެ ކެންޑިޑޭޓުންނަށް ލިބިވަޑައިގަތީ ޖުމްލަ ވޯޓުގެ %27 އެވެ.
މިއަދު، 3 ޖުލައި 2017 ވީ އާދީއްތަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ 45 މެންބަރުން ސޮއިކުރައްވާ މަޖިލީހުގެ ތަނަވަސް އަޣުލަބިއްޔަތާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ވަނީ ހުށަހަޅުއްވާފައެވެ. ރައީސް ޔާމީނަށް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލިއްޖެއެވެ.
ދިވެހިރާއްޖޭގެ މުސްތަޤިއްލު މުއައްސަސާތަކާ، ޝަރީއަތް ހިންގަވާ އެންމެހާ ފަރާތްތަކާއި، ރާއްޖޭގެ ދިފާއީ އެންމެހާ ބާރުތަކާއި، އަދި ދިވެހިރާއްޖޭގެ ތައްރައްޤީގެ ބައިވެރިން ކަމުގައިވާ ބޭރުގެ އެންމެހާ ފަރާތްތަކުގެ ކިބައިން އަޅުގަނޑުމެން އެދެނީ ރައްޔަތުންގެ ނިންމުމަށާއި އަދި ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ނިންމުމަށް އިޙްތިރާމް ކުރެއްވުމަށެވެ.
ގުޅިފައިވާ ޕާޓީތަކުން އެދެނީ ހުރިހާ ފަރާތަކުންވެސް 2018 ވަނަ އަހަރުގެ އިންތިޚާބަކީ ސިޔާސީ ޕާޓީތަކުން އިޚްތިޔާރުކުރާ ކެންޑިޑޭޓުންތަކަކަށް ވާދަކުރެވޭ މިނިވަން އިންސާފުވެރި އިންތިޚާބެއްކަން ކަށަވަރުކުރަން ކުރަންޖެހޭ މަސައްކަތްތައް ކޮށްދެއްވުމަށެވެ. އަދި މިނިވަން މުއައްސަސާތަކުގެ މުސްތަޤިއްލުކަން ޤާއިމުކުރުމަށާއި؛ ޤާނޫނުއަސާސީއާ ޚިލާފަށް އަދި ޑިމޮކްރެޓިކް އުޞޫލުތަކާ ޚިލާފަށް ފާސްކޮށްފައިހުރި ޤާނޫނުތައް އިޞްލާޙުކުރުމަށާއި؛ އަދި ސިޔާސީ ސަބަބުތަކަށްޓަކައި ނުޙައްޤުން ހައްޔަރުކޮށް، ތަޙްޤީޤު ކުރަމުންދާ ނުވަތަ ދައުވާ އުފުލި ނުވަތަ ދައުވާ އުފުލުމުގެ މަގުމަތީގައިވާ މީހުންނާއި ޙުކުމްކޮށްފައިވާ މީހުން މިނިވަންކުރުމަށާއި؛ ފުލުހުންނާއި ސިފައިންގެ މަސައްކަތުގައި ސިޔާސީ ކުލަ ޖެހުނަ ނުދިނުމަށާއި އަދި ފަނޑިޔާރުންގެ ނިންމުންތަކަށް ސަރުކާރުގެ ނުފޫޒް ފޯރުވިޔަ ނުދިނުމުގެ މަސައްކަތް ކޮށްދެއްވުމަށެވެ.
ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހު ބަދަލުވެފައިވާ މި ދަނޑިވަޅު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޤާނޫނީ ދައުރު ފުރިހަމައަށް އަދާކުރުމުގެ ފުރުސަތު މެންބަރުންނަށް ލިބިދިނުމަކީ މުހިންމުކަމެކެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޤާނޫނީ ދައުރު އަދާކުރުމަށް ޤާނޫނު ނިވާފަތްގަނޑަކަށް ބޭނުންކޮށްގެން ޤާނޫނާ ޚިލާފަށް އެއްވެސް ފަރާތަކުން މަސައްކަތްކުރުމުގެ ފުރުސަތު ނުދިނުމަށާއި، މެންބަރުންގެ މަސައްކަތްތައް ކުރުމުގައި ޤާނޫނީ އިމުގެތެރެއިން ވާގިވެރިވެދިނުމަށް ދިވެހި ފުލުހުންނާއި ސިފައިންނާއި އަދި ދައުލަތުގެ މުއައްސަސާތަކުގެ ކިބައިން އެދެމެވެ.

9 ޝައްވާލް 1438
3 ޖުލައި 2017