ޝައިޚް ޢިމްރާން

ޢަދާލަތު ޕާޓީގެ ރައީސް ޝައިޚް ޢިމްރާން ޢަބްދުﷲ އާމެދު ހިންގާފައިވާ އަނިޔާވެރި ޝަރީޢަތުގެ އުސް އަލިތައް

  • 14 ޖެނުއަރީ 2015

    ރައީސް ޔާމީނުގެ ސަރުކާރުން ހިންގާ ބޮޑެތި ކޮރަޕްޝަންގެ ޢަމަލުތަކާއި، ޤާނޫނުއަސާސީއާ ޚިލާފަށް ކުރަމުން ދާ ކަންތައްތަކާމެދު ކަންބޮޑުވުން ފާޅުކޮށް، ޤާނޫނު އަސާސީ ދިފާޢުކުރުމަށް ވަޢުދުވެވަޑައިގަތުން
  • 21 ޖެނުއަރީ 2015

    ކާނަލް ނާޒިމާއި މެދު ކުރެވޭ ޚިޔާނާތުގެ ތުހުމަތުތައް ސާފުކޮށްދިނުމަށް ކޮމިޝަނަރ އޮފް ޕޮލިސް ޝައިޚް ޢިމްރާން އާ ބައްދަލުކުރުން
  • 8 ފެބްރުއަރީ 2015

    މާޒީ ހަނދާން ނައްތާލައި، ހުރިހާ ޕާޓީތައް އެއްބައިވުމަށް ޝެއިޚް ޢިމްރާން ގޮވާލެއްވުން
  • 10 ފެބްރުއަރީ 2015

    ކާނަލް ނާޒިމްއާ މެދު ކުރެވޭ ތުހުމަތުތަކާމެދު ސީރިއަސް ސުވާލުތަކެއް އުފައްދަވައި، ކާނަލް ނާޒިމް ހައްޔަރު ކުރެވުނީ ސަރުކާރުގެ އިސް އޮފިޝަލުންތަކެއް ވެގެން އެމަނިކުފާނު ފްރޭމްކޮށްގެން ކަމަށް ހާމަކުރެއްވުން
  • 3 މާރިޗު 2015

    ޝެއިޚް ޢިމްރާން ހާމަކުރައްވަމުންދިޔަ ސިޔާސީ ކަންބޮޑުވުންތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ރައީސް ޔާމީން ޝައިޚް ޢިމްރާނާއި ބައްދަލުކުރެއްވުން. މި ބައްދަލުކުރެއްވުމަށްފަހު، ޤައުމު މިދަނީ ޚުދުމުޚުތާރު ވެރިކަމަކާ ދިމާލަށްކަމާއި، ހުރިހާ ޕާޓީތަކުން ބައިވެރިވާ މަޝްވަރާތައް ފެއްޓެވުމަށް ސަރުކާރަށް ގޮވާލެއްވި
  • 5 މާރިޗު 2015

    އަނިޔާވެރި ސަރުކާރުތައް މާ ގިނަ ދުވަހު ދެމި ނުއޮންނާނެކަން ހާމަކުރެއްވުން
  • 8 މާރިޗު 2015

    އަނިޔާވެރިކަމާއި ކޮރަޕްޝަން ފެތުރި، ޚުދުމުޚުތާރުވުމާއި ގުޅިގެން، ރައީސް ޔާމީނުގެ ސަރުކާރަށް ކުރަމުން އައި ތާއީދު އަނބުރާ ގެންދިއުމަށް ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމުން
  • 10 މާރިޗު 2015

    ސިޔާސީ ވާދަވެރިކަމަކީ އަނެކާއާ މެދު ޢަދުލު އިންސާފުން އެއްކިބާވެ އޭނާގެ ޙައްޤުތަކަށް އަރައިގަންނަންޖެހޭ ސަބަބަކަށް ހަދައިގެން ނުވާނެކަމަށް ބުނެ، ރައީސް ނަޝީދުގެ މައްޗަށް ހިންގުނު ޝަރީޢަތަކީ ޢަދުލުވެރި ޝަރީޢަތެއް ނޫން ކަމަށް ވިދާޅުވުން
  • 17 މާރިޗު 2015

    ޝައިޚް ޢިމްރާން ޢަބްދުﷲ ގެ ލީޑަރޝިޕްގެ ދަށުން "އަނިޔާވެރިކަމާދެކޮޅު ޤައުމީ އެއްބައިވަންތަކަމުގެ އިއްތިޙާދު" ގެ ނަމުގައި ޙަރަކާތެއް އުފައްދަވައި، ހުރިހާ ރައްޔިތުންނާއި ޖަމްޢިއްޔާތަކުންނާއި ސިޔާސީ ޕާޓީތަކުން އެ ޙަރަކާތުގައި ބައިވެރިވުމަށް ގޮވާލެއްވުން. ހަމަ މި ދުވަހު އެމްޑީޕީއިން މި ހަރަކާތުގައި ބައިވެރިވުމަށް ނިންމުން
  • 23 މާރިޗު 2015

    ޝެއިޚް ޢިމްރާނުގެ ލީޑަރޝިޕްގެ ދަށުން، ޤައުމީ އެއްބައިވަންތަކަމުގެ އިއްތިޙާދާއި އެ ހަރަކާތާ ގުޅިފައިވާ ޕާޓީތަކާއި، ޖަމްޢިއްޔާތަކާއި، އާއްމުންނާއެކު މުޒާހަރާތައް ކުރަން ފެއްޓެވުން
  • 10 އޭޕްރީލް 2015

    ޕާޓީތަކުގެ މަޝްވަރާއަށް ދިޔުމަށް ރައީސް ޔާމީނަށް ޑިމާންޑް ކުރުމުގެ ގޮތުން 1 މޭ 2015 (މޭ ޑޭ) ގައި މާލޭގައި ބޮޑު އެއްވުމެއް ބޭއްވުމަށް ނިންމެވުން
  • 23 އޭޕްރީލް 2015

    ސަރުކާރުން ހިންގަމުންދިޔަ ބޮޑެތި ކޮރަޕްޝަނުގެ ޢަމަލުތަކާއި، އަނިޔާވެރިކަމާއި ހަމަނުޖެހުމުގެ އަޑީގައި ހުންނެވީ ޓުއަރިޒަމް މިނިސްޓަރަކަށް ހުންނެވި އަޙްމަދު އަދީބު ކަމަށާއި، އަޙްމަދު އަދީބު މަޤާމުން ވަކިކުރުމަށް ރައީސް ޔާމީނަށް ޝެއިޚް ޢިމްރާން ގޮވާލެއްވުން
  • 27 އޭޕްރީލް 2015

    ޕީޕީއެމްއަށް ނިސްބަތްވާ މަޖިލީހުގެ ބައެއް މެންބަރުން މޭ ޑޭ މުޒާހަރާ ބޭއްވުމުގެ ކުރިން ޝެއިޚް ޢިމްރާން ހައްޔަރުކުރުމަށް ގޮވާލުން
  • 30 އޭޕްރިލް 2015

    ހުރިހާ ޕާޓީތަކުގެ މަޝްވަރާއަށް އައުމަށް ރައީސް ޔާމީނަށް ގޮވާލެއްވި ގޮވާލުން ޝެއިޚް ޢިމްރާން ތަކުރާރު ކުރެއްވުން
  • 1 މެއި 2015

    ރާއްޖޭގައި ބޭއްވި އެންމެ ބޮޑު އެއްވުން މާލޭގައި ބޭއްވުން. މި އެއްވުމަށްފަހު ސަރުކާރާމެދު ނަފުރަތު އުފެއްދުމުގެ ތުހުމަތުގައި ކަމަށް ބުނެ ޝެއިޚް ޢިމްރާނާއި، ސިޔާސީ ބައެއް އެހެންވެރިންނާއި އެކްޓިވިސްޓުން ހައްޔަރުކުރުން
  • 2 މެއި 2015

    އާއްމު ހަމަޖެހުމަށް ބުރޫއަރާފަދަ ވާހަކަތައް ދައްކަފާނެ ކަމަށް ބުނެ ޝެއިޚް ޢީމްރާން ޢަބްދުﷲ ގެ ބަނދުގެ މުއްދަތު އިތުރުކުރުމަށް ފުލުހުން އެދުމުން، ކްރިމިނަލް ކޯޓުން އިތުރު 15 ދުވަހަށް ބަންދުކުރުމަށް އަމުރުކުރުން
  • 4 މެއި 2015

    ޝެއިޚް ޢިމްރާން ބަންދުގެ މުއްދަތު އިތުރުކުރުމަށް ނިންމި ނިންމުން ހައި ކޯޓުގައި ދިފާޢީ ވަކީލުން އިސްތިޢުނާފުކުރުން
  • 7 މެއި 2015

    ބަންދުގެ މުއްދަތު އިތުރުކުރުމަށް ނިންމި ނިންމުން އިސްތިޢުނާފުކުރުމަށް ހުށައެޅި ހުށައެޅުން ހައިކޯޓުން ބަލައިގަތުން
  • 11 މެއި 2015

    އިސްތިޢުނާފުގެ ފުރަތަމަ އަޑުއެހުން ހައިކޯޓުގައި ބޭއްވުން
  • 14 މެއި 2015

    15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައި ކޯޓުން ދެމެހެއްޓުން
  • 17 މެއި 2015

    ޝެއިޚް ޢިމްރާން ގެ ބަންދުގެ މުއްދަތު އިތުރު 10 ދުވަހަށް ކްރިމިނަލް ކޯޓުން އިތުރުކުރުން
  • 18 މެއި 2015

    ޞިއްޙީ ފަރުވާއަށް ޝެއިޚް މާލެ ގެނައުން. ޝެއިޚް ޢިމްރާނަކީ ހަކުރުބަލި ހުންނަ ބޭފުޅެއް
  • 20 މެއި 2015

    ޝެއިޚް ޢިމްރާނުގެ މައްސަލަ ތަޙުޤީޤުކުރުމަށްފަހު ދައުވާކުރުމަށް ފުލުހުން ޕްރޮސެކިއުޓަރ ޖެނެރަލަށް ފޮނުވުން
  • 27 މެއި 2017

    - ޝެއިޚް ޢިމްރާނުގެ ޞިއްޙީ ޙާލުކޮޅު ގޯސްވަމުން ދިޔުމާ ގުޅިގެން، އެމަނިކުފާނު ގޭ ބަންދަށް ބަދަލުކުރުމަށް ހައިކޯޓުން އަމުރުކުރުން. - ހަމަ މިދުވަހު ކްރިމިނަލް ކޯޓުން 1 މަސްދުވަހުގެ މުއްދަތަށް ބޭރަށް ދަތުރުކުރުން މަނާކޮށް، ފުލުހުންގެ ބަންދުން ދޫކޮށްލުމަށް އަމުރުކުރުން - މޭޑޭ އެއްވުމަކީ ކާމިޔާބެއްކަމަށާއި، ޕާޓީތަކާ މަޝްވަރާ ފެށުމަށް ރައީސް ޔާމީނަށް އެ އެއްވުމުގެ ސަބަބުން މަޖުބޫރުވެއްޖެ ކަމަށާއި، މަޝްވަރާތައް ފެށުން އަވަސްކުރުމަށް ގޮވާލާ ގޮވާލުން ޝެއިޚް ޢިމްރާން ތަކުރާރުކުރެއްވުން
  • 28 މެއި 2015

    އަނިޔާވެރިކަމާ ދެކޮޅު ޤައުމީ އިއްތިޙާދުން މާލޭގައި ބޭއްވި އެއްވުމެއްގައި ޝެއިޚް ޢިމްރާން ބައިވެރިވެ ވަޑައިގެންނެވުން
  • 29 މެއި 2015

    އަނިޔާވެރިކަމާ ދެކޮޅު ޤައުމީ އިއްތިޙާދުން ފުވައްމުލަކުގައި ބޭއްވި އެއްވުމެއްގައި ޝެއިޚް ޢިމްރާން ބައިވެރިވެ ވަޑައިގެންނެވުން
  • 30 މެއި 2015

    އަނިޔާވެރިކަމާ ދެކޮޅު ޤައުމީ އިއްތިޙާދުން އައްޑޫ ސިޓީގައި ބޭއްވި އެއްވުމެއްގައި ޝެއިޚް ޢިމްރާން ބައިވެރިވެ ވަޑައިގެންނެވުން
  • 31 މެއި 2015

    ޕްރޮސެކިއުޓަރ ޖެނެރަލް ގެ ފަރާތުން ކްރިމިނަލް ކޯޓުގައި ޝެއިޚް ޢިމްރާން ގެ މައްޗަށް ޓެރަރިޒަމް ގެ ދަޢުވާ އުފުލުން
  • 1 ޖޫން 2015

    ދައުވާގެ ފުރަތަމަ އަޑުއެހުން 2 ޖޫން 2015 އަށް ތާވަލުކޮށް ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޟިރުކުރުމުން ފުލުހުންގެ މައްޗަށް ކްރިމިނަލް ކޯޓުން އަމުރު ނެރުން
  • 2 ޖޫން 2015

    ޓެރަރިޒަމް ދަޢުވާގެ ފުރަތަމަ އަޑުއެހުން ކްރިމިނަލް ކޯޓުގައި ބޭއްވުން. މި މަޖިލީހުގައި ދަޢުވާއަށް އިންކާރު ކުރުމާއި، މައްސަލައިގެ ހުކުމް ކުރަންދެން ޝެއިޚް ޢިމްރާން ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރުން
  • 4 ޖޫން 2015

    - މައްސަލަ ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކުރި އަމުރު ދިފާޢީ ވަކީލުން ހައިކޯޓުގައި އިސްތިޢުނާފު ކުރުން - ޝެއިޚް ޢިމްރާން މައްސަލަ ނިމެންދެން ބަންދުގައި ބެހެއްޓުމަށް ނިންމި މައްސަލަ ޢަދާލަތު ޕާޓީގެ ފަރާތުން ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށައެޅުން
  • 8 ޖޫން 2015

    ބޭސްފަރުވާ އަށް ޝެއިޚް ޢިމްރާން މާލެ ގެނައުން
  • 10 ޖޫން 2015

    - ބޭސްފަރުވާއަށް ޝެއިޚް ޢިމްރާން މާލެ ގެނައުން - ހައިކޯޓުގައި އިސްތިޢުނާފުކޮށްފައިވާ، ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރާ ގުޅޭ ލިޔުންތައް ކްރިމިނަލް ކޯޓުން ހައިކޯޓަށް ނުފޮނުވައި ހިފަހައްޓާ ކަމަށް ދިފާޢީ ވަކީލުން ވިދާޅުވުން
  • 14 ޖޫން 2015

    އިސްތިޢުނާފަށް ބޭނުންވާ ލިޔުންތައް ކްރިމިނަލް ކޯޓުން ހައިކޯޓަށް ފޮނުވުން
  • 21 ޖޫން 2015

    - އިސްތިޢުނާފަށް ހުށައަޅާފައިވާ ހުށައެޅުން ބަލައި ނުގަނެ ހައިކޯޓުން އެ ހުށައެޅުން ބޭރުކޮށްލުން - ފުލުހުންގެ ބަންދުގައި ހުންނެވި ޝެއިޚް އިމްރާންގެ ޞިއްޙީ ޙާލުކޮޅު ގޯސްވަމުންދާ ކަމަށްބުނެ ޢަދާލަތު ޕާޓީއިން ބަޔާން ނެރުން
  • 24 ޖޫން 2015

    ހައި ކޯޓަށް ހުށައެޅި އިސްތިޢުނާފުގެ ހުށައެޅުން ބަލައި ނުގަތުމަށް އެ ކޯޓުގެ ރެޖިސްޓްރާރ ނިންމި ނިންމުން މުރާޖަޢާކުރުމަށް އެ ކޯޓުގެ ބެންޗަށް ދިފާޢީ ވަކީލުން ހުށައެޅުން
  • 9 ޖުލައި 2015

    ބޭސްފަރުވާ އަށް ޝެއިޚް ޢިމްރާން މާލެ ގެނައުން
  • 23 ޖުލައި 2015

    ޝެއިޚް ޢިމްރާން ދޫނިދޫ ޑީޓެންޝަން ސެންޓަރުން ހުކުމް ތަންފީޒުކުރާ މީހުން ބަހައްޓާ މާފުށީ ޖަލަށް ބަދަލުކުރުން
  • 2 އޮގަސްޓް 2015

    ޝެއިޚް ޢިމްރާން މާފުށީ ޖަލަށް ބަދަލުކުރި ކުރުން މުރާޖަޢާ ކުރުމަށް ކްރިމިނަލް ކޯޓުގައި ދިފާޢީ ވަކީލުން އެދުން
  • 3 އޮގަސްޓް 2015

    ޝެއިޚް ޢިމްރާނާ މެދު ޢަމަލުކުރެވެމުން ދަނީ އަދުލުވެރިކަމާއެކު ނޫން ކަމަށާއި، އެއްވެސް އުޞޫލެއްގެ ދަށުން ނޫން ކަމަށް ބުނެ، އެމަނިކުފާނު ޙުކުމް ތަންފީޒު ކުރާ މީހުން ބައިތިއްބާ ޖަލަކަށް ބަދަލުކުރީ ކޮން ހަމައަކުން ކަން ސާފުކޮށްދިނުމަށް ހޯމް މިނިސްޓަރުގެ ކިބައިން ދިފާޢީ ވަކީލުން އެދުން
  • 5 އޮގަސްޓް 2015

    މާފުށީ ޖަލަށް ބަދަލުކުރި ކުރުން ކްރިމިނަލް ކޯޓުން މުރާޖަޢާކުރުމަށްފަހު، ޝަރީޢަތް ނިމެންދެން އެ މަނިކުފާނު ގޭ ބަންދަށް ބަދަލު ކުރުމަށް އެ ކޯޓުގެ އިސް ޤާޟީ ޢަބްދުﷲ މުޙައްމަދު އަމުރުކުރެއްވުން
  • 6 އޮގަސްޓް 2015

    - ދިފާޢީ ވަކީލުންނަށް އެއްވެސް މަޢުލޫމާތެއް ހިއްސާކުރުމަކާ ނުލައި ކުއްލިގޮތަކަށް ކްރިމިނަލް ކޯޓަށް ޝެއިޚް ޢިމްރާން ހާޟިރުކޮށް، ކުއްލި އަޑުއެހުމެއް ބާއްވައި، އެ ކޯޓުގެ ޤާޟީ ޢަބްދުލް ބާރީ ޔޫސުފް، ފުލުހުން ހުށައެޅި އިންޓެލިޖެންސް ރިޕޯޓެއް ކަމަށް ބުނާ ލިޔުމެއް ދިފާޢީ ވަކީލުންނަށްވެސް ދެއްކުމަކާ ނުލައި، އެ މައްޗަށް ބިނާކޮށް، އަނެއްކާވެސް ޝަރީޢަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބެހެއްޓުމަށް އަމުރުކުރުން - އިންޓެލިޖެންސް ރިޕޯޓަކީ ކޯޓުގެ އަޑުއެހުމުގައި ބޭނުންކުރެވޭނެ އެއްޗެއް ނޫންކަމަށާއި، އެ ރިޕޯޓުގައިވެސް އެހެން ބަޔާންކޮށްފައި އޮންނަ ކަމަށް ދިފާޢީ ވަކީލުން ބުނުން
  • 8 އޮގަސްޓު 2015

    ޝެއިޚް ޢިމްރާނުގެ މައްޗަށްކޮށްފައިވާ ޓެރަރިޒަމް ދައުވާގެ ޝަރީޢަތުގެ މަޖިލީހެއް ނުބޭއްވި ލަސްވަނީ ކޯޓުގައި މަރާމާތުގެ މަސައްކަތެއް ކުރަމުންދާތީ ކަމަށް އެ ކޯޓުގެ ޤާޟީ ޢަބްދުލް ބާރީ ޔޫސުފާއި ހަވާލާދީ ދިފާޢީ ވަކީލުން ބުނުން
  • 9 އޮގަސްޓް 2015

    ޝެއިޚް ޢިމްރާނާއި މެދު ޖަލުގައި ޢަމަލުކުރެވެމުންދަނީ ޢަދުލުވެރިކަމާއެކު ނޫންކަމަށާއި، ޝަރީޢަތް އިންސާފުވެރިނޫންކަމަށާއި، އެމަނިކުފާނާމެދު އަނިޔާވެރިނުވުމަށް އެމްޑީޕީން ބުނުން
  • 10 އޮގަސްޓް 2015

    - ހައި ކޯޓަށް އިސްތިޢުނާފުކުރި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިޢުނާފު ކުރުމަށް ދިފާޢީ ވަކީލުން ނިންމެވުން - ކްރިމިނަލް ކޯޓުގައި ހުއްޓި މަޑުޖެހިފައިވާ ޓެރަރިޒަމްގެ ދަޢުވާގެ ޝަރީޢަތްތައް އަވަސްކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ކްރިމިނަލް ކޯޓުގައި އެދުން
  • 16 އޮގަސްޓް 2015

    ޝެއިޚް ޢިމްރާނުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމް ދައުވާ އަޑުއައްސަވާ ޤާޟީންގެ ބެންޗު ޤާޟީ ޢަބްދުލްބާރީ ޔޫސުފާއި، ޤާޟީ ޢަބްދުﷲ ނަޝީދާއި، ޤާޟީ އަޙްމަދު ސަމީރު ޢަބްދުލްޢަޒީޒު ހިމެނޭ ގޮތަށް ކްރިމިނަލް ކޯޓުން އަލުން އެކުލަވާލުން.
  • 30 އޮގަސްޓު 2015

    ޝެއިޚް ޢިމްރާން ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށް، ޝަރީޢަތުގެ މަޖިލީހެއް ނުބާއްވައި ގިނަދުވަސްތަކެއް ހިނގުމަކީ އެމަނިކުފާނާމެދު ވެވޭ އަނިޔާއެއްކަމަށާއި، އެއަށްވުރެ ބޮޑެތި ސީރިއަސް ބައެއް ކުށްތަކުގައިވެސް ބަންދުގައި ބަހައްޓައިގެން ޝަރީޢަތް ނުކުރާ ކަމަށް ދިފާޢީ ވަކީލުން ބުނުން
  • 31 އޮގަސްޓް 2015

    ދޫނިދޫ ޑިޓެންޝަން ސެންޓަރުން ހިންމަފުށީ އައްސޭރި ޖަލަށް ޝެއިޚް ޢިމްރާން ބަދަލުކުރުން
  • 7 އޮކްޓޯބަރ 2015

    އައްސޭރި ޖަލުގައި ޝެއިޚް ޢިމްރާން ބަހައްޓާފައި ހުންނަ ޔުނިޓު ކަރެކްޝަނަލް ސާވިސް ގެ އޮފިސަރުން ބަލައި ފާސްކޮށް، ބައެއް ތަކެތި ފެނުނު ކަމަށް ބުނުން
  • 12 އޮކްޓޯބަރ 2015

    ގިނަ ދުވަސްތަކަކަށް މެދުކެނޑުމަށްފަހު ޝެއިޚް ޢިމްރާންގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމް ދަޢުވާގެ ޝަރީޢަތުގެ އަޑުއެހުމެއް 13 އޮކްޓޯބަރ 2015 އަށް ތާވަލުކުރުން
  • 13 އޮކްޓޯބަރ 2015

    - ޝެއިޚް ޢިމްރާން ހޯމް މިނިސްޓްރީ އިން ކަނޑައަޅާ ތަނެއްގައި ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކުރި އަމުރުގައި ފުރިހަމަކުރަން އަންގާފައިވާ ކަންކަން ފުރިހަމަކޮށްފައިނުވާތީ، ޝަރީޢަތް ނިމެންދެން އެމަނިކުފާނު ގޭގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކުރުން - ޝަރީޢަތުގެ މަޖިލީހުގައި އޮތީ ދެފަރާތުންވެސް ހެކި ހުށައެޅުން. ދައުލަތުން 16 ހެއްކެއް ހުށައެޅިއިރު، ދިފާޢުގެ ގޮތުގައި 1 ހެކި ހުށައަޅާފައިވޭ.
  • 17 ޑިސެމްބަރ 2015

    ޝެއިޚް ޢިމްރާނާއި އެހެނިހެން ސިޔާސީ ލީޑަރުން މިނިވަންކުރުމަށް ގޮވާލައި ޔޫރަޕިއަން ޕާލަމެންޓުން ބަޔާނެއް ނެރުން
  • 14 ޖެނުއަރީ 2016

    2 މަސްދުވަހުގެ މުއްދަތަކަށް މެދުކެނޑުމަށްފަހު ޝެއިޚް ޢިމްރާންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމް ދަޢުވާގެ ޝަރީޢަތުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުން 17 ޖެނުއަރީ 2016 އަށް ތާވަލުކުރުން
  • 17 ޖެނުއަރީ 2016

    - ތާވަލުކުރެވިފައިވާ ގަޑީއަށްވުރެ ގަޑިއެއްހާއިރު ފަހުން ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި، ކުރިން އެ މައްސަލަ އަޑުއެހުމަށް އެކުލަވާލި ބެންޗު އުވާލާފައިވާ ކަމަށާއި ދެން އެ މައްސަލަ އަޑުއައްސަވާނީ އެ ކޯޓުގެ ޤާޟީ ޢަބްދުލް ބާރީ ޔޫސުފް ކަމަށް ކުއްލިގޮތަކަށް ހާމަކުރެއްވުން - ޝަރީޢަތުގެ މަޖިލީހުގައި ދިފާޢީ ވަކީލުން ފާހަގަ ކުރެއްވި ނުކުތާތަކަށް ވަކިން ރައްދު ދެއްވައި، ދިފާޢީ ވަކީލުންނާއި ޝެއިޚް ޢިމްރާނަށް ފުރައްސާރަކުރައްވާ މޭރުމުން ޤާޟީންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ޤާޟީ ބާރީ ސުވާލުކުރެއްވުން - ޤާޟީ މިހާރުވެސް ހުންނެވީ މައްސަލައިގައި ވަކިގޮތެއް ނިންމަވައިގެންކަން ދޭހަވާފަދަ ބަސްފުޅެއް ނުސީދާކޮށް ޤާޟީ ބާރީ ވިދާޅުވުން
  • 18 ޖެނުއަރީ 2016

    ޝަރީޢަތުގެ އަޑުއެހުމެއް ބޭއްވުން
  • 21 ޖެނުއަރީ 2016

    - ޝަރީޢަތުގެ އަޑުއެހުމެއް 24 ޖެނުއަރީ 2016 އަށް ތާވަލުކުރުން - 17 ޖެނުއަރީ 2016 ގައި ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ޤާޟީގެ ފަރާތުން ހާމަވި ސުލޫކީ މައްސަލަތަކުގެ ސަބަބުން ޝެއިޚް ޢިމްރާނަށް އިންސާފުވެރި ޝަރީޢަތެއް ލިބިދާނެ ކަމާމެދު ސީރިއަސް ކަންބޮޑުވުންތަކެއް ހުރިކަމާއި އެ މައްސަލަ ބަލާ ޤާޟީ ބަދަލުކޮށްދިނުމަށް ކްރިމިނަލް ކޯޓުގެ އިސް ޤާޟީއާއި، ސުޕްރީމް ކޯޓުން ދިފާޢީ ވަކީލުން އެދުން - މައްސަލަ ބަލާ ޤާޟީ ބަދަލުކޮށްދިނުމަށް އެދިފައިވާ އެދުމާ މެދު ގޮތެއް ކަނޑައަޅަންދެން ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ޝަރީޢަތް މެދުކަނޑާލުމުގެ އަމުރަކަށް އެދި ހައި ކޯޓަށް ހުށައެޅުން
  • 24 ޖެނުއަރީ 2016

    ދަޢުލަތުގެ ފަރާތުން ހުށައެޅި ސިއްރު ހެއްކެއް، މޭޑޭ މުޒާހަރާގައި ހަމަނުޖެހުން ހިނގުމަށް މެދުވެރިވީ އެދުވަހު ޝެއިޚް ޢިމްރާން ދެއްކެވި ވާހަކަފުޅުގެ ސަބަބުން ކަމަށް ދެކޭ ކަމަށް ބަޔާންދިނުން
  • 26 ޖެނުއަރީ 2016

    ޤާޟީ ބަދަލުކޮށްދިނުމަށް އެދިފައިވާ އެދުމާމެދު ގޮތެއް ނިންމަންދެން، ޝަރީޢަތް މެދުކަނޑާލުމުގެ އަމުރެއް ނެރެދެވެން ނެތްކަމަށް ހައިކޯޓުން ނިންމުން
  • 29 ޖެނުއަރީ 2016

    ދިފާޢީ ހެކިންގެ ގޮތުގައި ޝެއިޚް ޢިމްރާނުގެ ފަރާތުން ހުށައެޅި ހެކިން ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމުން. އަދި އެކަން އެ ކޯޓުގެ އިސް ޤާޟީގެ ސަމާލުކަމަށް ގެނައުން
  • 31 ޖެނުއަރީ 2016

    ޝެއިޚް ޢިމްރާނުގެ މައްޗަށް ދަޢުވާކޮށްފައިވާ ޓެރަރިޒަމް ގެ މައްސަލަބަލާ ޤާޟީ ކަމަށް ބެލެވޭ މީހަކު، މޭޑޭގެ މުޒާހަރާ އެންމެ ފޯރިގަދަވާ ވަގުތު މުޒާހަރާގެ ތެރެއަށް އެއްޗެއް ވައްދާނެކަމަށް ބުނާ އޯޑިއޯ އަކާ ގުޅިގެން އެ މައްސަލަ ބަލައިދިނުމަށް ދިފާޢީ ވަކީލުން ފުލުހުންގެ ކިބައިން އެދުން
  • 7 ފެބްރުއަރީ 2016

    ޝަރީޢަތް ނިމެންދެން ގޭބަންދުގައި ބަހައްޓަން އަމުރުކޮށްފައިވާ ޝެއިޚް ޢިމްރާން އަލުން ފުލުހުންގެ ބަންދަށް ބަދަލުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކުރުން
  • 10 ފެބްރުއަރީ 2016

    ޝަރީޢަތުގެ އަޑުއެހުމެއް ބާއްވައި، ޝެއިޚް ޢިމްރާނު ދެއްކެވި ވާހަކަފުޅު ދިރާސާކުރުމަށް ބަހުގެ މާހިރެއްގެ ބަޔާން ނަންގަވާނެ ކަމަށް ކުރިން ވިދާޅުވި ވިދާޅުވުން އަނބުރާ ގެންދަވައި، ދެން އޮންނާނީ ޝަރީޢަތުގެ އެންމެ ފަހުގެ އަޑުއެހުން ކަމަށް ހާމަކުރެއްވުން
  • 14 ފެބްރުއަރީ 2016

    މި ދުވަހަށް ތާވަލު ކޮށްފައިވާ ޝަރީޢަތުގެ އަޑުއެހުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އެދުމުގެ މަތިން 15 ފެބްރުއަރީ އަށް ފަސްކުރުން
  • 15 ފެބްރުއަރީ 2016

    ޝަރީޢަތުގެ އެންމެ ފަހުގެ އަޑުއެހުން ބާއްވައި ދެފަރާތުގެ ޚުލާޞާ ބަޔާން ނެގުން
  • 16 ފެބްރުއަރީ 2016

    - ހަވީރު 4 ޖަހާއިރަށް ތާވަލުކޮށްފައިވާ ހުކުމް އިއްވުމުގެ އަޑުއެހުން ލަސްވަމުން ގޮސް ރޭގަނޑު 8:30 ގައި ބޭއްވި ޝަރީޢަތުގައި ޝެއިޚް ޢިމްރާން ޢަބްދުﷲ 12 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރުން - ޙުކުމަކީ އިންސާފުވެރި ހުކުމެއްކަމަށް ނުދެކޭ ކަމަށާއި ހައިކޯޓުގައި އިސްތިޢުނާފު ކުރާނެކަމަށް ދިފާޢީ ވަކީލުން ހާމަކުރެއްވުން
  • 17 ފެބްރުއަރީ 2016

    ޝެއިޚް ޢިމްރާނުގެ މައްޗަށް އިއްވި ހުކުމަށް ތާއީދުކޮށް މިނިސްޓްރީ އޮފް ފޮރިންގ އެފެއަރޒުން ބަޔާނެއް ނެރުން
  • 21 ފެބްރުއަރީ 2016

    ޝެއިޚް ޢިމްރާނުގެ މައްޗަށް އިއްވި ޙުކުމަކީ ސަރުކާރުން ކުރާ ނޭދެވޭ ކަންތައްތަކާ ދެކޮޅަށް ބަސްބުނާ ދީނީ ޢިލްމުވެރިންނަށް ދިން ނުރައްކާތެރި އިންޒާރެއް ކަމަށް ބުނެ ޢަދާލަތު ޕާޓީއިން ބަޔާން ނެރުން
  • 24 ފެބްރުއަރީ 2016

    ލޭގެ ޓެސްޓުތަކެއް ހެއްދުމަށްޓަކައި ޝެއިޚް ޢިމްރާން އައިޖީއެމް ހޮސްޕިޓަލަށް ގެނައުން
  • 28 ފެބްރުއަރީ 2016

    12 ނުކުތާއެއް ފާހަގަކޮށް، ޝެއިޚް ޢިމްރާނުގެ މައްޗަށް އިއްވި ހުކުމް ހައިކޯޓުގައި އިސްތިޢުނާފު ކުރުން
  • 24 މާރިޗު 2016

    އިސްތިޢުނާފުގެ ފުރަތަމަ އަޑުއެހުން ހައިކޯޓުގައި ބޭއްވުން. މި އަޑުއެހުމުގައި ޝެއިޚް ޢިމްރާނު އެދިވަޑައިގަތީ ފާހަގަކޮށްފައިވާ 12 ނުކުތާއަށް ރިޢާޔަތް ކޮށް، ކްރިމިނަލް ކޯޓުން އިއްވާފައިވާ ޙުކުމް ބާޠިލުކޮށްދިނުމަށް
  • 4 އޭޕްރިލް 2016

    ޖަލު މަރާމާތުކުރުމަށް ކަމަށްބުނެ، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ޝެއިޚް ޢިމްރާނު ގޭ ބަންދަށް ބަދަލު ކުރުން
  • 19 އެޕްރިލް 2016

    ހުރިހާ ޕާޓީތަކުގެ މަޝްވަރާއަށް އދ އިން ކަނޑައަޅުއްވާފައި ހުންނަވާ އދ ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓުމަންޓުގެ ސީނިއަރ އެޑްވައިޒަރ ތަމްރަތު ސަމުއެލް ޝެއިޚް ޢިމްރާނުގެ ގެކޮޅުގައި ޝެއިޚް ޢިމްރާނާއި ބައްދަލުކުރެއްވުން
  • 28 އޮކްޓޯބަރ 2016

    ޝެއިޚް ޢިމްރާނާއި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމް ގެ މައްޗަށް ޓެރަރިޒްމގެ ދަޢުވާ ނުކުރެވޭނެ ކަމަށާއި، ޕީޖީގައި އެކަމާ ދެކޮޅަށް ވަކާލާތުކުރެއްވި ކަމަށާއި ރައީސް ޔާމީނުގެ ސަރުކާރުގައި ޢަދުލުއިންސާފު ޤާއިމުކުރުން ފާލުން ނެއްޓިފައިވާކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު މީޑިއާގައި ހާމަކުރެއްވުން
  • 7 ފެބްރުއަރީ 2017

    ޝެއިޚް ޢިމްރާނަށް އިއްވާފައިވާ ޙުކުމުގެ އިސްތިޢުނާފު މައްސަލައިގެ އަޑުއެހުމެއް ނުބާއްވާތާ 10 މަސް ފަހުން 8 ފެބްރުއަރީ 2017 އަށް އަޑުއެހުމެއް ތާވަލުކުރުން
  • 8 ފެބްރުއަރީ 2017

    10 މަސް ފަހުން ތާވަލުކުރި ޝަރީޢަތް އެއްވެސް ސަބަބެއް ބަޔާންކުރުމަކާ ނުލައި ކެންސަލް ކުރުން
  • 21 މާރިޗު 2017

    އިސްތިޢުނާފުގެ ޝަރީޢަތެއް ބާއްވައި، މައްސަލައިގެ އަޑުއެހުންތައް ނިންމާލީ ކަމަށް ބަޔާންކުރުން. މައްސަލައިގެ އަޑުއެހުންތައް ކުރިން އެޕްރީލް 2016 ގައި ނިންމާލުމަށްފަހު އަލުން އަޑުއެހުމެއް ބޭއްވީ މައްސަލަ އޭރު ބެއްލެވި ބެންޗު ބަދަލުވުމާ ގުޅިގެންކަމަށް ފަނޑިޔާރުން ހާމަކުރެއްވި.
  • 22 އޭޕްރިލް 2017

    އިސްތިޢުނާފު މައްސަލައިގެ ހުކުމް އިއްވުމުގެ އަޑުއެހުން 23 އޭޕްރިލް 2017 އަށް ތާވަލުކުރުން
  • 23 އޭޕްރިލް 2017

    - ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް ހައިކޯޓުންވެސް ދެމެހެއްޓުން - އަހަރެއްހާ ދުވަހު ގޭ ބަންދުގައި ބެހެއްޓުމަށްފަހު، ހައި ކޯޓުގެ ހުކުމާވިދިގެން އަލުން ޝެއިޚް ޢިމްރާން އައްސޭރި ޖަލަށް ބަދަލުކުރުން
  • 26 މެއި 2017

    ރަމަޟާން މަހަށް ޝެއިޚް ޢިމްރާނު ޖަލުން ގޭ ބަންދަށް ބަދަލުކުރުން
  • 30 ޖޫން 2017

    ރަމަޟާން މަސް ނިމުމާއެކު ޝެއިޚް ޢިމްރާނު އަލުން ޖަލަށް ބަދަލުކުރުން
  • 2 ޖުލައި 2017

    ޝެއިޚް ޢިމްރާނު އަލުން ޖަލަށް ބަދަލުކުރުމަށްފަހު ކުރިން ޖަލުގައި ދެމުންގެންދިޔަ ޚާއްޞަ ޢިނާޔަތްތައް ކަނޑާލައި، އެންމެ ނުރައްކާތެރި ކުއްވެރިންނާއެކު، އެމަނިކުފާނުގެ ސިއްޙީ ހާލުކޮޅަށް ރިޢާޔަތްކުރުމެއް ނެތި ވަރަށް އަނިޔާވެރިކޮށް ޖަލުގައި ޢަމަލުކުރަމުން ދާކަމަށް ބުނެ އެ މައްސަލަ ބަލައި ދިނުން އެދި އެމަނިކުފާނުގެ އާޢިލާއާއި ޢަދާލަތު ޕާޓީން ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށައެޅުން
  • 10 ޖުލައި 2017

    ޑޮކްޓަރަށް ދެއްކުމަށް ޝެއިޚް ޢިމްރާނު އައިޖީއެމް ހޮސްޕިޓަލަށް ގެނައުން