ޅެން: ދަރީންނާ މެދު އިހުމާލު ނުވާށެވެ!

ޅެން: ދަރީންނާ މެދު އިހުމާލު ނުވާށެވެ!

 

 

ވެވޭ އިހުމާލަކުން ޅަދަރިން މަގުން ކައްސާލަމުން އެދަނީ

ދެވޭ އިތުބާރަކާއެކު ދޫވުމުން މަގު ގެއްލިގެން އެދަނީ

އައީ ދުނިޔޭގެ މާޙައުލަށް މުޅީން މަޢުސޫމު ޙާލަތުގައި

މިއީ ހަމަ ތެދު ޙަޤީޤަތްކަން ޤަބޫލުކުރަން ވެފައި މިވަނީ

އެދޭ ގޮތަކަށް ލެނބޭގޮތުގައި ލިބުނު ކުޑަދަރިފުޅާ މެދުގައި

ދެވޭ ތަޢުލީމަކާ ގުޅުމެއްނުވާ ތަރުބިއްޔަތެއް ދެވުނީ

ފަތާ ދުންފަތުގެ އަޅަކަށް ވެވި މުޅީން ބޭކާރު ދިރިއުޅުމެއް

އަތާފައިން ގޯސްހަދާއިރު ލަދުޙަޔާތްވެސް ކެނޑިގެނޭ އުޅެނީ

ގުޅޭ އެކުވެރި ކުދީންނާމެދު ބަލައި ވިސްނާނުލާ ތިބުމުން

އުޅޭގޮތް ނުބެލި މައިބަފައިން ހިތާމައިގަައި އުޅެން ޖެހެނީ

ލަފާގޮތުގައި ބަލައި ބޮޑުކުރި ކުދީންނާ މައިބަފައިން އުޅެނީ

އުފާވެރި ދުނިޔެއެއްގައި ކަން ކުރާހާ ކަންކަމުން އެނގެނީ

ދަރީން މީ ދެއްވި އަގުހުރި ބޮޑު އަމާނާތެއް ކަމަށް ދެކިގެން

ދަރީން ރަނގަޅަށް ބަލައި ބެލެހެއްޓުމަށް ވާޖިބުވެފައި އެވަނީ

ބަލައި ބޮޑުކުރި ގޮތާމެދުގައި ސުވާލު ވެވޭނެ މަޙްޝަރުގައި

ހަލާކަށް ނުޖެހިވާނޭ ގޮތް ބަލައި ވިސްނަން މިތަން މިވަނީ