ޅެން: ހެޔޮ ޢަމަލުކުރުން އޮތީ މިތާނގާ…

ޅެން: ހެޔޮ ޢަމަލުކުރުން އޮތީ މިތާނގާ…

 

ރުހިވޮޑިގަތުން އިލާހީ ހޯދުން އޮތީ މިތާނގާ

ހުރިހާ ހިނދަކު ކުރަންވީ ހެޔޮކަން އޮތީ މިތާނގާ

ފުރުޞަތު ނަގާލި ނަމައީ ނުވެވޭނެ އެއްކަމެއްވެސް

ކުރުމަށްޓަކާ އުފާވާ ގޮތަކަށް އެދުހު އެތާނގާ

މީ ހިނދުކޮޅެއް ތިބެން އައި ދަތުރެއްގެ މަގުމަތީގާ

ވީހިނދު ދަތުރު ހަދަންވީ ހުރިހާ ހިނދަކު މިތާނގާ

މަރުވާ ދުވަސް އެނގޭނަމަ “ކަރުމަރު” ހިފަން މި ތިބެފާ

ފަރުވާވެ ހެޔޮ ޢަމަލުވެސް ވެވިދާނެ އަދި މިތާނގާ

މަޚްލޫޤަކަށް އެނގޭނޭ އެއްވެސް ގޮތެއް ނެތީމާ

މަޖުބޫރުވޭނެ ނޫންތޯ ތައްޔާރުވާން މިތާނގާ

ކުރެވޭ ޢަމަލުތަކާ އަދި ބަސްތައް މިބުނެ އުޅޭހާ

ހުރެޔޭ ރިކޯޑުވެވިފާ ފެންނާނެ އަދި އެތާނގާ

އައިހާ ބަޔަކު ވުޖޫދަށް ފައިމަގުގަ ހުސްގަޔާ ގޮސް

ހައިރާންވެފައި ތިބޭނީ މަޙްޝަރު ދުހުން އެތާނގާ

އިންސާފު ޢަދުލުވެރިކޮށް ކުރެވެން އެތާ ފެށީމާ

އިންސާނަކަށް ނުވާނޭ ދެބަހެއް ވެވެން އެތާނގާ

ގުނަވަންތަކާއި އަތްފައި ހެކިދޭން އެތާ ފެށީމާ

ބުނެލަން ބަހެއް އުޅޭހިނދު އަނގަ ބަންދުވޭ އެތާނގާ

އެންގެވި ގޮތާ ޚިލާފަށް ދުނިޔޭގަ އުޅުނު މީހުން

ދެން ރޮއި ހިތާމަ ކުރިޔަސް ލިބެނީ ޖަޒާ އެތާނގާ