ނޫސް ބަޔާން: ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހީމް ހައްޔަރުކުރުމާ ގުޅޭ!

ނޫސް ބަޔާން: ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހީމް ހައްޔަރުކުރުމާ ގުޅޭ!

ނަންބަރު: AP/PR/2017/06
ނޫސް ބަޔާން
ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހީމް ހައްޔަރުކުރުމާ ގުޅޭ!

ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ ޢިއްޒަތްތެރި މެމްބަރ އޮނަރަބަލް ޤާސިމް އިބްރާހީމް ހައްޔަރުކޮށްފައިވަނީ ދިވެހި ދަޢުލަތުގެ މިނިވަން މުސްތަޤިއްލު މުއައްސަސާތަކުގެ މައްޗަށް ޤާނޫނީ ހަމަތަކުގެ ބޭރުން ސިޔާސީ ނުފޫޒު ފޯރުވައިގެން، ހަމަޔާއި އިންސާފުގެ ބޭރުން ކަމަށްވާތީ، ޢަދާލަތު ޕާޓީގެ ފަރާތުން މިކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.
ޢަދާލަތު ޕާޓީން ދެކޭގޮތުގައި ސަރުކާރުގެ ފިނޑި އަދި ދަށުދަރަޖައިގެ މިފަދަ ޣައިރު ޤާނޫނީ ޢަމަލުތަކަކީ ރައްޔިތުންގެ ތާއީދު ގެއްލި ސިޔާސީ ބާރުވެރިކަން ބީވަމުންދާތީ އެކަން ފޮރުވުމަށްޓަކައި ހިންގާ އަނިޔާވެރި ޢަމަލުތަކެކެވެ. ހަމައެހެންމެ މިފަހަކަށް އައިސް ސަރުކާރު ޤާނޫނުގެ އިމުގެ ތެރެއަށް ވައްދާ ޤައުމު މަސަލަސްކުރުމަށްޓަކައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން، ރައްޔިތުންގެ މަޖިލީސް މިނިވަންކުރުމަށްޓަކައި ކުރަމުން އަންނަ މަސައްކަތަށް ޤާނޫނުގެ ބޭރުން ނުފޫޒުފޯރުވާ، ބިރުވެރިކަމާއި އަނިޔާވެރިކަން ފަތުރައިގެން އެ މަސައްކަތް ހުއްޓުވުމަށްޓަކައި ދުރާލާ ރާވައިގެން ހިންގާ ޖަރީމާތަކެކެވެ.
އޮނަރަބަލް ޤާސިމް އިބްރާހީމް ހައްޔަރުކުރުމާއެކު ހިނގަމުންމިދާ ރިޔާސީ ދައުރު ފެށުނުފަހުން ވާދަވެރި ސިޔާސީ ފަރާތްތައް އެކީ ނައްތާލުމަށް ސަރުކާރުން ކުރިޔަށްގެންދާ ޤާނޫނާ ޚިލާފު މަސައްކަތް އިންތިހާޔަށް ގޮސް ވާދަވެރި ހުރިހާ ސިޔާސީ ޕާޓީ ތަކުގެ ލީޑަރުން ބަންދުކޮށްފައިވުމުން ދޭހަކޮށްދެނީ ސުލްހަވެރިކަމާއި އަމާންކަމާއެކު ހަމަޖެހޭ ޑިމޮކްރެޓިވު ވެރިކަމެއް ކުރުމުގެ ޤާބިލުކަން ރައީސް ޔާމީނުގެ ކިބާގައި އެއްވެސް މިންވަރަކަށް ނެތްކަމެވެ.
އެހެންކަމުން ވާދަވެރި ސިޔާސީ ފަރާތްތަކަށް ޖެއްސުންކުރުމަށްޓަކައި ދަޢުލަތުގެ މުއައްސަސާތަކާއި ވަސީލަތްތަކުގެ ބޭނުން ނަހަމަގޮތުގައި ހިފުން ހުއްޓާލުމަށާއި އޮނަރަބަލް ޤާސިމް އިބްރާހީމާއި އެހެން ސިޔާސީ ލީޑަރުން ވަގުތުން މިނިވަންކުރަން ޢަދާލަތު ޕާޓީގެ ފަރާތުން ގޮވާލަމެވެ.
ހަމައެހެންމެ އަނިޔާވެރިކަމާއި ބޭއިންސާފާއި ކަރަޕްޝަނާއި ފަސާދަ ނެތިކޮށްލުމަށާއި ރައީސް ޔާމީނުގެ ވެރިކަން ޤާނޫނުގެ އިމުގެ ތެރެއަށް ވެއްދުމަށްޓަކައި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އާއި ޤާނޫނުތަކުން ތަންދޭ އެންމެ މަތީ ދަރަޖާގައި އިހުތިޖާޖުކުރުން މަތީ ދެމިތިބުމަށް ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލިހުން ނިންމާފީމެވެ.

9 ރަޖަބު 1438
6 އޭޕްރިލް 2017