• ފުރަތަމަ ސަފްޙާ
  • ޑައުންލޯޑްސް
    • މޮޓޯ، ނިޝާން، ކުލަ އަދި ދިދަ
  • ޢަދާލަތު ޕާޓީ
    • ޢަދާލަތު ޕާޓީގެ ދުސްތޫރު
  • މީޑިއާ
    • ޤަރާރު
    • ނޫސްބަޔާން
    • ޚަބަރު
    • ކަރުދާސް
    • އިޢުލާން
    • އެހެނިހެން
  • ގުޅުއްވާ
  • މެމްބަރުން
✕

’ނަފްރަތުގެ ޢަމަލު‘ ބަޔާންކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ގުޅޭގޮތުން ޢަދާލަތު ޕާޓީއިން ނެރޭ ޤަރާރު

ޖޫން 2, 2021

AP-QR/2021/01

ޤަރާރު

الحَمْدُ للهِ وَكَفَى، وَالصَّلَاةُ وَالسَّلَامُ عَلَى نَبِيِّنَا الْمُصْطَفَى وَعَلَى آلِه وَصَحْبِهِ أَجْمَعِيْن. أَمَّا بَعْدُ:

ދިވެހި ރައްޔިތުންނަކީ ޒަމާނުއްސުރެ މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތުގެ މަތީގައި ޞުލްޙަވެރިކަމާއި އަމާންކަމާއި އެއްބައިވަންތަކަމާއެކު ސާދާ ދިރިއުޅުމެއް އުޅެމުން އައި ރައްޔިތުންތަކެއް ކަމުގައި ވީނަމަވެސް، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ދުނިޔެއަށް އައިސްފައިވާ ބަދަލުތަކާއެކު ދިވެހިރައްތުިންގެ އެއްބައިވަންތަކަމަށް ނުރަނގަޅު އަސަރުކޮށްފައިވާހިނދު، އޭގެ ތެރޭގައި މާތްވެގެންވާ އިސްލާމްދީން ނިކަމެތިކޮށް ކުޑައިމީސްކުރުމަށްޓަކައި އިސްލާމް ދީނާ ދެކޮޅަށް ހިންގާ ޙަރަކާތްތަކާއި، އިސްލާމް ދީނުގެ ނަމުގައި ހަރުކަށިކަން އިސްކޮށް އިސްލާމް ދީނުގެ ޞައްޙަ އުނގަންނައިދިނުންތަކާ ޚިލާފަށް ދީނުގެ ނަމުގައި ހިންގާ ޙަރަކާތްތައްވެސް ހިމެނޭކަން ޢަދާލަތު ޕާޓީއިން ޤަބޫލުކުރާ ޙާލު،

ނަފްރަތުގެ ޢަމަލު ހުއްޓުވަން ޖެހެނީ އޭގެ ސަބަބުން މުޖުތަމަޢުގައި ފިތުނަފަސާދަ އާއި ބައިބައިވުން އުފެދި އިޖުތިމާޢީ ހަމަތައް ގެއްލިގެން ދާތީވެ، މުޖުތަމަޢުގެ ވިލުންވެރިކަމާއި މަސަލަސްކަން އިތުރުކޮށް އިސްލާމީ މުޖުތަމަޢުތަކުގައި ހިފަހައްޓަން ޖެހޭ ރިވެތި އަޚުލާޤީ ހަމަތައް ހިފަހައްޓަން ކަމުގައި ވީހިނދު، ޤާނުނު ނަންބަރު 9/2014 ( ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) އިޞްލާޙުކުރުމަށް 25 މެއި 2021 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުން އިސްވެ ބަޔާންކުރެވުނު މަޤުޞަދު ޙާޞިލުކޮށް މުޖުތަމަޢުގެ ހަމަޖެހުން ޤާއިމުކުރުމަށް ހުރަސްއެޅިދާނެކަމަށް ފެންނާތީ އާއި،

ބައިނަލްއަޤުވާމީ ޖަމާޢަތްތަކުންނާއި، އިޖުތިމާޢީ ޢިލްމުވެރިންނާއި، ފަންނީ މާހިރުން ފާހަގަކުރާ ގޮތުގައި ނަފްރަތުގެ ޢަމަލު ހިންގުންފަދަ އިޖުތިމާޢީ މައްސަލަތައް ޙައްލުކުރުމުގައި ޢަދުލުގެ ނިޒާމުގެ ތެރެއިން ޖިނާއީ ފިޔަވަޅު އެޅުމަށް އިސްކަން ދިނުމުގެ ބަދަލުގައި، ކަނޑައަޅާ ތަންފީޒުކުރެވޭ އިޖުތިމާޢީ ސިޔާސަތުތަކެއްގެ ތެރެއިން ނަތީޖާ ނެރުމަށް އަމާޒުހިފަންޖެހޭތީ އާއި، ވަކިން ޚާއްޞަކޮށް މަދަނީ އަދި ސިޔާސީ ޙައްޤުތަކާ ބެހޭ ބައިނަލްއަޤުވާމީ މުޢާޙަދާގެ 19 އަދި 20 ވަނަ މާއްދާގެ ދަށުން ނަފްރަތުގެ ބަސްމަގާއި އެއާ ގުޅިފައިވާ އެފަދަ ކުށްތައް ހުއްޓުވުމަށް އެ މުޢާޙަދާގައި ބައިވެރިއިވާ ޤައުމުތަކުން ޢަމަލުކުރުމަށް ކަނޑައަޅާފައިވާ ރަބާޠު ޕްލޭން އޮފް އެކްޝަން 2012 ގެ މައްޗަށް ބިނާކޮށް ދިވެހިރާއްޖޭގައިވެސް މަސައްކަތްތަކެއް ކުރަމުންދާ ވަގުތެއްގައި، މި ފާހަގަކުރެވުނު އދ ގެ އެކްޝަން ޕްލޭނާއި ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ފުށުއަރާ ގޮތަށް އެޅޭ ކޮންމެ ފިޔަވަޅަކީ ޤައުމުގެ އިޖުތިމާޢީ ޙާލަތު އިތުރަށް ގޯސްވެ ޞުލްޙަމަސަލަސްކަން ގެއްލިދާނެ ކަމެއްކަމަކަށް ވެފައި،

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 10 ވަނަ މާއްދާގައި ދިވެހިދައުލަތުގެ ދީނަކީ އިސްލާމްދީން ކަމާއި ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަޞްދަރަކީ އިސްލާމްދީންކަމާއި އަދި އިސްލާމްދީނުގެ އަސްލަކާއި ޚިލާފު އެއްވެސް ޤާނޫނެއް ނުހެދޭނެކަމަށް ބަޔާންކުރާތީ އާއި، ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ޚިޔާލުފާލުކުރުމުގެ މިނިވަންކަމުގެ ޙައްޤު

ދިފާޢުކޮށް ދަމަހައްޓަންޖެހޭ އެންމެ މުހިންމު ސަބަބަކީ، މުޖުތަމަޢުގެ ކަންކަމާމެދު ބަޙުޘްކޮށް ބަސްބުނެ ލަފަޔާއި އިރުޝާދު ދިނުމަކީ މުޖުތަމަޢުގެ ބަދަހިކަމާއި ޤައުމުގެ ކުރިއެރުމާއި ތަރައްޤީ އަށް ކޮންމެހެން ލާޒިމުކަމެއް ކަމުގައިވެފައި، އިސްވެ ބަޔާންކުރެވުނު އިޞްލާޙުގެ ނަތީޖާއެއްގެގޮތުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤަށް އުނިކަން ލިބޭތީއާއި،  ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި ދީނީ މުއައްސަސާތަކާއި، ދީނީ ޖަމްޢިއްޔާ ޖަމާޢަތްތަކަށް ދީނާ ގުުޅުންހުރި ކަންކަމުގައި ބަސްބުނެ ހެޔޮކަންކަމަށް ގޮވާލުމާއި މުންކަރާތްތައް ނަހީކުރުމަށް ހުރަސްއެޅިދާނެ ފިޔަވަޅުތަކަކީ ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމަކަށްވެފައި،

އަދި ޢަދާލަތު ޕާޓީ އުފެއްދުމުގެ އެންމެ އަސާސީ އެއް މަޤުޞަދަކީ ހެޔޮކަންކަމަށް ގޮވާލުމާއި މުންކަރާތްތައް ނަހީކޮށް ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ހަރުދަނާކޮށް ހިފެހެއްޓުން ކަމުގައި ވެފައި، ޢަދާލަތު ޕާޓީގެ ލަނޑުދަނޑިތަކުގެ ތެރޭގައި ޢަދާލަތު ޕާޓީގެ ދުސްތޫރުގައި ބަޔާންކުރަނީ (3.5) ފާޙިޝް ޢަމަލުތަކާއި މުންކަރާތްތަކަށް އިންކާރުކުރުމާއެކު، އެފަދަކަންތައްތައް ހުއްޓުވަން މަސައްކަތް ކުރުމުގެ އިތުރުން، ދިވެހިރާއްޖޭގައި އެފަދަ ކަންކަން އަށަގަތަ ނުދިނުމާއި، (3.6) ދިވެހި މުޖުތަމަޢަކީ އެންމެހައި ބާޠިލު ޢަޤީދާތަކާއި، ލާދީނީ އޮއިވަރުތަކުން ރައްކައުތެރިކުރެވިފައިވާ، އަމަންއަމާންކަމާއި،  ސުލްޙަމަސަލަސްކަން ޤާއިމުކުރެވިފައިވާ މުޖުތަމަޢަކަށް ހެދުން ކަމުގައި ވާތީ،

ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން އިޤުރާރުވަނީ:

1 25 .މެއި 2021 ވަނަ ދުވަހު، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް އިޞްލާޙުގެނައުމަށް ހުށަހަޅާފައިވާ ބިލުގެ 1 ވަނަ އިޞްލާޙުގައި އެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ (i) އަދި (ii) އާމެދު ޢަދާލަތު ޕާޓީގެ ކަންބޮޑުވުންތަކަށް ސަރުކާރާއި ކަމާ ގުޅުންހުރި އެހެން ފަރާތްތަކާއެކު މަޝްވަރާކޮށް ޙައްލުހޯދުމަށާއި،

2 .ނަފްރަތުގެ ޢަމަލު‘ ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގައި ނުވަތަ އެހެން ޤާނޫނެއްގައިވެސް ބަޔާންކުރާނަމަ، މާތްވެގެންވާ އިސްލާމް ދީނުގެ އެންމެ މަތީ މަޞްލަޙަތަށް ރިޢާޔަތްކުރުމަށާއި އަދި އެކަމަށްޓަކައި އދ ފަދަ ބައިނަލްއަޤުވާމީ ޖަމާޢަތްތަކުން ބަލައިގެންފައިވާ ހަމަތަކާއި، ކަމާގުޅޭ ޢިލްމީ ދިރާސާތަކުގެ މައްޗަށް ރިޢާޔަތްކޮށް ދީމުޤްރާތީ މުޖުތަމަޢުތަކުގައި ގެންގުޅޭ ހަމަތަކަށް ފެތޭ ގޮތަށް އެކަން ކުރުމަށް ގޮވާލުމަށާއި،

3 .ނަފްރަތުގެ ޢަމަލުތަކާއި އިސްވެ ބަޔާންކުރެވުނު ބިލު އިތުރަށް ދިރާސާ ކޮށް އަދާލަތު ޕާޓީގެ މެންބަރުންނާއި ދިވެހި ރައްޔިތުން ހޭލުންތެރި ކުރުމަށެވެ.

وآخِرُ دَعْوَانَا أَنِ الْحَمْدُ للهِ رَبِّ العَالَمِيْن، وَصَلَّى اللَّهُ وَسَلَّمَ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِه وَصَحْبِهِ أَجْمَعِيْن.

21 شَوَّال 1442

02 ޖޫން 2021

[googlepdf url=“https://www.adhaalath.org.mv/wp-content/uploads/2021/06/AP_QR_2021_01_02_06_2021_Qaraaru_ނަފްރަތުގެ_ޢަމަލު_ބަޔާންކޮށް_ރައްޔިތުންގެ.pdf“ download=“Download“ ]

  • Click to share on Twitter (Opens in new window)
  • Click to share on Telegram (Opens in new window)
  • Click to share on WhatsApp (Opens in new window)
  • Click to share on Pocket (Opens in new window)
  • Click to print (Opens in new window)
© 2025 Betheme by Muffin group | All Rights Reserved | Powered by WordPress