އިއްތިހާދުގައި ހިމެނޭ ހުރިހާ ޕާޓީތަކަކަށް އެއްބަސްވެވޭ މެނިފެސްޓޯއެއް ވަރަށް އަވަހަށް ދައްކާނެ

އިއްތިހާދުގައި ހިމެނޭ ހުރިހާ ޕާޓީތަކަކަށް އެއްބަސްވެވޭ މެނިފެސްޓޯއެއް ވަރަށް އަވަހަށް ދައްކާނެ

އިއްތިހާދުގައި ހިމެނޭ ހުރިހާ ޕާޓީތަކަކަށް އެއްބަސްވެވޭ މެނިފެސްޓޯއެއް ވަރަށް އަވަހަށް ދައްކާނެ ކަމަށް އަދާލަތު ޕާޓީގެ ނައިބްރައީސް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގައި އިއްތިހާދުގައި ހިމެނޭ ޕާޓީތަކުން ނެރުމަށް ތައްޔާރު ވަމުން އަންނަ މެނިފެސްޓޯގައި އަދަލަތު ޕާޓީއިން ހިމަންން ބޭނުންވާ ކަންކަމާ ގުޅޭ ގޮތުން ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަލީ ޒާހިރު ވިދާޅުވީ މިހާރުވެސް އިއްތިހާދުގައި ހިމެނޭ ޕާޓީތަކުގެ މެދުގައި އެއްބަސްވެފައިވާ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

އެގޮތުން އިސްލާމް ދީން ރައްކާތެރިކޮށް ޙިމާޔަތް ކުރުމާއި ދިވެހިރާއްޖޭގެ ބިމާއި ސިނާޢި ސަރަޙައްދުތައް ރައްކާތެރިކޮށް ބެލެހެއްޓުމާއި ޚަރާބު ކުރެވިފައިވާ ރައްޔިތުންނަށް ފުދުންތެރި އިޤްތިޞާދެއް ހޯދައިދިނުން ހިމެނޭ ކަމަށެވެ.

މީގެ އިތުރުން ޚަރާބުކުރެވިފައިވާ ވެރިކަމުގެ ނިޒާމު އަލުން އިސްލާހުކޮށް އިޢާދަ ކުރުން ހިމެނޭ ކަމަށެވެ.

“އޭގެ ތެރޭގައި އަޅުގަނޑުމެންގެ ލެޖިސްލޭޓިވް އެޖެންޑާއެއް އޮންނާނެ. އޭގެ ދަށުން މިހާރު ޤާނޫނާ ޚިލާފަށް، ޤާނޫނުގެ ރޫޙާ ޚިލާފަށް، ނަމުގަ ހެދިފައިވާ ޤާނޫނުތަކާ ޤަވާއިދުތަކަށް ގެނެވިފައިވާ އިސްލާހުތައް އަލުން މުރާޖާކޮށް ޤާނޫނީ ހަމައިގެ ތެރެއަށް އެކަންކަން ފެއްތުމާއި އަދި ހަމަ އެހެންމެ ޖުޑިޝަރީގެ މިނިވަންކަން ކަށަވަރު ކުރުމާއި ޖުޑިޝަރީއަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުން” އަލީ ޒާހިރު ވިދާޅުވިއެވެ.

އަލީ ޒާހިރު ވިދާޅުވީ ބްރިޖާއި އިމާރާތް އެޅުމުގެ ކުރިން ޤާނޫނީ ގޮތުން ރައްޔިތުންނަށް ކަށަވަރުވާންޖެހޭ ޙައްޤުތަކެއް އެބަހުރި ކަމަށާއި އެފަދަ ޙައްޤުތައް ރައްޔިތުންނަށް ހޯދައިދިނުމަށް މަސައްކަތް ކުރުމަށް އިއްތިހާދުގެ ލީޑަރުންގެ މެދުގައި އެއްބަސްވެވިފައިވާ ކަމަށެވެ.

މި ޕްރޮގްރާމްގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން އަލީ ޒާހިރު ވިދާޅުވީ އިއްތިހާދުން ރައްޔިތުންނަށް ހުށަހަޅާ މެނިފެސްޓޯގައި ހިމެނޭ ކަންކަން ތަންފީޒު ކުރުމަށްޓަކައި ކަނޑައަޅާ ވަކި ޓައިމްލައިނެއް އޮންނާނެ ކަމަށާއި ގުޅިގެން މަސައްކަތް ކުރާއިރު ތަންފީޒު ކުރަން ފަސޭހަވެގެންދާނެ ކަމަށެވެ.

އިއްތިހާދުގެ މެނިފެސްޓޯގެ ވާހަކަ އަލީ ޒާހިރު ދައްކަވާފައި މިވަނީ އެ މެނިފެސްޓޯގައި ހިމެނުމަށް އަދާލަތުން ހުށަހަޅާ ސިޔާސަތުތައް މިއަދު އާއްމު ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އަދާލަތު ޕާޓީން ތައްޔާރު ކޮށްފައިވާ މެނިފެސްޓޯގައި މައިގަނޑު ތިން ދާއިރާ އަކަށް އަލިއަޅުވާލާފައި ވެއެވެ.

އޭގެ ތެރޭގައި ހިމެނެނީ ދިވެހިންގެ ދީނާއި ހެޔޮވެރިކަމުގެ އިތުރުން ފުދުއްތެރި ދިރިއުޅުމެވެ.

ސިޔާސީ މަޝްރަހާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އަލީ ޒާހިރު ވަނީ ގުޅިފައިވާ ޕާޓީތަކުން އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓާއި ރަނިންމޭޓާ ދެމެދު ގުޅުން ކުޑަ ކަމަށް ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަށް ދޮކުރައްވައި އެއަށް ރައްދުވެސް ދެއްވާފައެވެ. އޭނާ ވިދާޅުވީ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހް އާއި ރަނިންމޭޓް ފައިސަލް ނަސީމާ ދެމެދު އޮތް ގުޅުން އެ ދެބޭފުޅުން އެންމެ ފުރަތަމަ ކުރެއްވި ދަތުރުފުޅުންވެސް ރައްޔިތުންނަށް ފެނިފައިވާނެ ކަމަށެވެ.