ދިވެހި ރާއްޖެ ޖަޒީރާ ގައުމެއް ގޮތުގައި ތަރައްގީ ކުރެވޭނެ: ޝިދާތާ

ދިވެހި ރާއްޖެ ޖަޒީރާ ގައުމެއް ގޮތުގައި ތަރައްގީ ކުރެވޭނެ: ޝިދާތާ

ދިވެހި ރާއްޖެ ޖަޒީރާ ގައުމެއް ގޮތުގައި ތަރައްގީ ކުރެވޭނެކަމަށް އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ މުޤައްރިރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ. ކުޅުދުއްފުށީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޝިދާތާ ވިދާޅުވީ ކޮންކުރީޓު ޖަންގައްޔެއްގެ ތެރެއަށް ރައްޔިތުން ޖަމާ ނުކޮށް ޖަޒީރާ ގައުމެއް ގޮތުގައި ދިވެހިރާއްޖެ ތަރައްގީ ކުރެވޭނެ ކަމަށާއި ގުޅިފައިވާ ޕާޓީ ތަކުގެ މެނިފެސްޓޯގައި އެކަންކުރާނެ ގޮތް ލިޔެފައި ވާނެކަމަށެވެ. މި ތަރައްގީ ގެނައުމުގެ ގާބިލުކަން އެބަހުރި ކަމާށާއި، އެބޭފުޅުންގެ ވިސްނުމުގައި މިކަން ބިންވަޅު ނެގިފައިވާކަން ޝިދާތާ ކަށަވަރު ކޮށްދެއްވިއެވެ.

ޝިދާތާ ހާމަކުރެއްވީ އިދިކޮޅު ޕާޓީ ތަކުން ކުރިޔަށް ދާނީ ރައްޔިތުންނާއި ގާތުން، ރައްޔިތުންގެ ބޭނުންތައް އަޑު އަހައިގެން ކަމަށެވެ. އަދި ރައްޔިތުން އެދޭ ފުރިހަމަ ސިއްހީ ހިދުމަތްތަކާއި އަސާސީ ހިދުމަތްތައް ފޯރުކޮށްދޭނެ ކަމަށެވެ. އެކަމަނާ އިތުރަށް ވިދާޅުވީ މިއަދުގެ ސަރުކާރުން ކުރާ ކަންތައްތަކާއި ރައްޔިތުންގެ ބޭނުންތަކާއި ދިމާ ނުވަނީ ގައުމަށް އިސްކުރެވިފައިވާ ފަރާތުން ރައްޔިތުންގެ އަޑު ނާއްސަވާތީ ކަމަށެވެ. އިދިކޮޅު ޕާޓީ ތަކުގެ ރިޔާސީ ކެނޑިޑޭޓު އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ހުވާ ކުރާ ވަގުތުން ފެށިގެން ރައްޔިތުންގެ ހުވަފެން ތަކުގައި ކުލަ ޖެހިގެން ދާނެ ކަމުގެ ޔަގީންކަންވެސް ޝިދާތާ ދެއްވިއެވެ.

މީގެ އިތުރުން މިހާރުގެ ސަރުކާރުން ފެނިގެން ދަނީ ރައްޔިތުން ބިކަ ކޮށްލާ މަންޒަރު ކަމަށްވެސް ޝިދާތާ ވިދާޅުވިއެވެ. ބޭރު ގައުމުތަކަށް މި ޖަޒީރާ ރައްތައް ވިއްކާ، އެމީހުންގެ އަތްދަށަށް ރައްތައް ދޫކޮށްލާތަނާއި، ބޮޑެތި ޓަވަރު ތަކާއި ބްރިޖު ތަކުގެ ސިފައިގައި ކޮރަޕްޝަން އުފެއްދެމުގެ މަސައްކަތް ނޫންކަމެއް ކުރާތަން ނުފެންނަކަމަށް އެކަމަނާ ވިދާޅުވިއެވެ. މިހެންކަމުން މިހާރުގެ ސަރުކާރަށް ވޯޓު ދޭންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި މި ސަރުކާރަކީ ވައުދު ނުފުއްދޭ، އިންތިހާއަށް އަނިޔާވެރި އަދި އިންސާފެއް ނެތް ސަރުކާރެއްކަންވެސް ޝިދާތާ ފާހަގަކުރެއްވިއެވެ.

މި އިންތިޚާބަކީ އަނިޔާވެރިކަމާއި ޖަރީމާތަކާއި އިދިކޮޅަށް ރައްޔިތުންނަށް ލިބޭ ވަރަށް މުހިއްމު ފުރުސަތެއް ކަމާއި، މި ފުރުސަތުގައި ނަހަމަގޮތުގައި ޖަލުގައި ތިބި ބޭފުޅުންނަށް އިންސާފު ހޯއްދަވާ، އިތުރު ރައްޔިތުންނަށް އަނިޔާކުރަން ފުރުސަތު ނުދީ، ބޯކޮށް ވޯޓު އެޅުއްވުމަށް ޝިދާތާ ގޮވާލެއްވިއެވެ. މިއީ ރައްޔިތުންނާއި ގާތުން މަސައްކަތް ކުރާ، އިހްލާސްތެރި، ތެދުވެރި ވެރިއެއް ގެނެވެން އޮތް ފުރުސަތު ކަމަށްވެސް އެކަމަނާ ފާހަގަ ކުރެއްވިއެވެ.

ރޭކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ގުޅިފައިވާ ޕާޓިތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހާއި ޕާޓީތަކުގެ އިސްވެރިންގެ އިތުރުން ގިނައަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވެވަޑައިގެންނެވިއެވެ.