އިސްމާޢީލް ޢަބްދުއްސަލާމް އަޙްމަދު ހަނިއްޔާ ޝަހީދުކޮށްލުމާ ގުޅިގެން ނެރޭ ބަޔާން
إِنَّا لِلّهِ وَإِنَّا إِلَيْهِ رَاجِعونَ
إِنَّ لِلَّهِ مَا أَخَذَ وَلَهُ مَا أَعْطَى وَكُلٌّ عِنْدَهُ بِأَجَلٍ مُسَمًّى
ޞިހްޔޫނީ ޔަހޫދީންގެ އަނިޔާވެރި ވަކިތަކުން މުސްލިމުންގެ ފުރަތަމަ ޤިބްލަ އަލްމަސްޖިދުލް އަޤްޞާ މިނިވަންކުރުމަށާއި, ފަލަސްޠީނުގެ ރައްޔިތުންނަށް ޞިހްޔޫނީން ދެމުންދާ އަނިޔާތަކުން ސަލާމަތްކުރުމަށް ޖިހާދު ކުރަމުން އަންނަ ޙަރަކަތުލް މުޤާވަމަތުލް އިސްލާމިއްޔާ (ޙަމާސް) ގެ ސިޔާސީ ގޮފީގެ އިސް ވެރިޔާ އިސްމާޢީލް ޢަބްދުއްސަލާމް އަޙްމަދު ހަނިއްޔާ ޝަހީދުކޮށްލެވުމުގެ ހިތާމައިގައި މި ޕާޓީން ބައިވެރިވެ, ޝަހީދު އިސްމާޢީލް ހަނިއްޔާގެ ޢާއިލާއަށާއި ފަލަސްޠީނުގެ ރައްޔިތުންނަށާއި މުޅި އިސްލާމީ އުންމަތަށް ތަޢުޒިޔާ ދަންނަވަމެވެ.
1962 ވަނަ އަހަރު ޣައްޒާގެ އައްޝާޠިއު ރެފިއުޖީ ކޭމްޕަށް އުފަންވެ ވަޑައިގެންނެވި އިސްމާޢީލް ހަނިއްޔާ ކިޔަވާ ވިދާޅުވީ ޣައްޒާގެ އިސްލާމިކް ޔުނިވަރސިޓީންނެވެ. އަދި އަލްމަސްޖިދުލް އަޤްޞާ މިނިވަން ކުރުމުގެ މަތިވެރި ޖިހާދާ ގުޅިވަޑައިގެން ޣައްޒާގައި ހިނގަމުން އައި ޙަމާސްގެ އިދާރާގެ އިސްވެރިއަކަށް 1997 ވަނަ އަހަރު ޢައްޔަންކުރެވުނެވެ. 2006 ވަނަ އަހަރު ބޭއްވުނު ފަލަސްޠީނުގެ ބަރުލަމާނީ އިންތިޚާބު ޙަމާސްއިން ކާމިޔާބުކޮށް ފަލަސްޠީނުގެ ބޮޑުވަޒީރެއްގެ ގޮތުގައި އިސްމާޢީލް ހަނިއްޔާ އިންތިޚާބު ކުރެވުނެވެ. އަދި 2006 އިން 2017 އާ ހަމައަށް ޣައްޒާގައި ހުންނެވި ޙަމާސްގެ އެންމެ އިސްވެރިއަކީ އިސްމާޢީލް ހަނިއްޔާއެވެ. އެއަށްފަހު ޙަމާސްގެ ސިޔާސީ ގޮފީގެ ރައީސްގޮތުގައި 2017 ވަނަ އަހަރު އިސްމާޢީލް ހަނިއްޔާ އިންތިޚާބު ވެވަޑައިގެން ޝަހީދުކޮށްލުމާ ހަމައަށް ހުންނެވީ އެ މަޤާމުގައެވެ.
ޝަހީދު އިސްމާޢީލް ހަނިއްޔާއަކީ އަލްމަސްޖިދުލް އަޤްޞާ މިނިވަންކުރުމަށް ކުރެވޭ މަތިވެރި ޖިހާދުގައި ގިނަ ޤުރުބާނީތަކެއް ވެ ވަޑައިގެންނެވި ބަޠަލެކެވެ. މިގޮތުން ފާހަގަކޮށްލެވޭ ބައެއް ކަންކަމުގެ ތެރޭގައި 1987 ވަނަ އަހަރު ފެށުނު ފުރަތަމަ އިންތިފާޟާގައި ބައިވެރިވެލެއްވުމާއި, މި ކަމުގެ ނަތީޖާއެއްގެ ގޮތުން އަހަރު ތަކެއް އިސްރާއީލުގެ އަނިޔާވެރިންގެ ޖަލުގައި ހައްޔަރު ކުރެވުން ހިމެނެއެވެ. އަދި އެއަށްފަހު ލުބުނާނަށް އަރުވާލެވުނެވެ. މިވަގުތު ހިނގަމުންދާ ޠޫފާނުލް އަޤްޞާ ހަނގުރާމައިގެ ތެރޭގައި ފާއިތުވި އޭޕްރީލް މަހުގައި ޝަހީދު އިސްމާޢީލް ހަނިއްޔާގެ 3 ދަރިކަލުންނާއި ކާފަދަރިކަލުންތަކެއް ޝަހީދު ކޮށްލެވިގެން ދިޔައެވެ. އެހާހަމައަށް އެހަނގުރާމައިގައި އެކަނި ޝަހީދު އިސްމާޢީލް ހަނިއްޔާގެ އާއިލާގެ 60 އަށް ވުރެ ގިނަ ބޭފުޅުން އަނިޔާވެރި ޞިހްޔޫނީ ހަމަލާތަކުގައި ޝަހީދުކޮށްލެވިފައިވެއެވެ. އަދި އެއަށްފަހު އެއްބަނޑު އެއްބަފާ އުޚްތަކު ހިމެނޭހެން ޢާއިލާގެ 10 ފަރުދުން ޖޫން މަހުގައި ޝަހީދުކޮށްލެވުނެވެ. އަދި މިއަދު, 31 ޖުލައި 2024 ވަނަ ދުވަހު އިސްމާޢީލް ހަނިއްޔާ ޝަހީދު ކޮށްލެވުނީ އީރާންގެ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އީރާންގެ ވެރިރަށް ތެހެރާނަށް ވަޑައިގެން ހުންނަވަނިކޮށެވެ.
1948 ވަނަ އަހަރުން ފެށިގެން އަލްމަސްޖިދުލް އަޤްޞާއާއި ފަލަސްޠީނުގެ ބިންތައް ޙިޞޯރުކޮށް, ފަލަސްޠީނު ރައްޔިތުންގެ ނަސްލު ނައްތާލުމަށް ނިރުބަވެރި ޞިހްޔޫނީންނާއި އެމީހުންނަށް ވާގިދޭ ދައުލަތްތައް ގުޅިގެން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް ކުރިއަށްދާ ޝަރުޢީ ޖިހާދު ބިނާވަނީ ވަކި ފަރުދެއްގެ މައްޗަކަށް ނޫނެވެ. މި ޖިހާދަކީ އެ ޖިހާދުގެ އަމާޒުތައް ވާސިލުވެއްޖެއުމަށް ދާންދެން ކުރިއަށްދާނެ ޖިހާދެކެވެ. މާތް الله ގެ ރަޙްމަތުން އެ ޖިހާދުގައި ބައިވެރިވުމުގެ ޝަރަފު ލިބިއްޖެ ކޮންމެ މުޖާހިދެއްމެ, ލާ ކޮންމެ ނޭވާއެއް ލަނީ, އެއީ އެމީހެއްގެ އެންމެ ފަހު ނޭވާއަށް ވެދާނެކަން އެނގިހުރެއެވެ. އަދި ޝަހީދުވާ ކޮންމެ މުޖާހިދެއްގެ ބަދަލުގައި އެތައް މުޖާހިދުންނެއް އެ ޖާގައަށް ނުކުންނާނެކަން މި ޤަޟިއްޔާގެ ތާރީޚު ހެކިދެއެވެ.
ޞިހްޔޫނީ އިސްރާއީލަކީ މުޅި އިންސާނިއްޔަތަށް ހުރި ހުތުރެކެވެ. އަދި ޞިހްޔޫނީންގެ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް މި ޕާޓީއިން ގޮވައިލާ ގޮވާލުން ތަކުރާރު ކުރަމެވެ. އަދި އިސްރާއީލުގެ ލާއިންސާނީ ޖަރީމާތަށް ބަލައި ފަލަސްޠީނުގެ ރައްޔިތުންނާއި އިންސާނިއްޔަތަށް އިންސާފު ހޯދައި ދިނުމަށް ގޮވާލަމެވެ.
މާތްاللهގެ ވާގިފުޅާއެކު އަލްމަސްޖިދުލް އަޤްޞާ މިނިވަންކުރުމަށާއި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ހޯދައިދިނުމަށް ވަކާލާތުކުރުމާއި ކުރެވެވެން ހުރި ކޮންމެ މަސައްކަތެއް ކުރުމުގައި މި ޕާޓީން ދެމިއޮންނާނަމެވެ.
وَلَا تَحْسَبَنَّ الَّذِينَ قُتِلُوا فِي سَبِيلِ اللَّهِ أَمْوَاتًا ۚ بَلْ أَحْيَاءٌ عِندَ رَبِّهِمْ يُرْزَقُونَ ﴿١٦٩﴾ فَرِحِينَ بِمَا آتَاهُمُ اللَّهُ مِن فَضْلِهِ وَيَسْتَبْشِرُونَ بِالَّذِينَ لَمْ يَلْحَقُوا بِهِم مِّنْ خَلْفِهِمْ أَلَّا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ﴿١٧٠﴾ ۞ يَسْتَبْشِرُونَ بِنِعْمَةٍ مِّنَ اللَّهِ وَفَضْلٍ وَأَنَّ اللَّهَ لَا يُضِيعُ أَجْرَ الْمُؤْمِنِينَ ﴿١٧١﴾
މާނައީ: اللَّه ގެ މަގުގައި ހަނގުރާމަކޮށް ޝަހީދުވީ މީހުންނަކީ، މަރުވެފައިވާ ބަޔެކޭ ހީނުކުރާ ހުށިކަމެވެ! އަދި، ކިއެއްތަ! އެއުރެންނީ އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި ރިޒްޤުލިބޭ ޙާލު، ދިރިތިބި ބަޔެކެވެ ۞. (އެއުރެން ތިބޭހުށީ) اللَّه، އެކަލާނގެ ފަޟްލުވަންތަކަމުން އެއުރެންނަށް ދެއްވި ކަންތަކާމެދު، އުފާކުރާ ޙާލުގައެވެ. އަދި، އެއުރެންގެ ފަހަތުން އައިސް އަދި، ބައްދަލުނުކޮށްތިބި މީހުންނާމެދު އެއުރެންގެ މައްޗަށް ބިރެއް ނެތްކަމަށާއި، އަދި، އެއުރެންނީ ހިތާމަކުރާނޭ ބަޔަކު ކަމުގައި ނުވާކަމާމެދު، އެއުރެން އުފާކުރާ ޙާލުގައެވެ.۞ އެއުރެން (ވަނީ) اللَّه ގެ ޙަޟްރަތުން ދެއްވާ ނިޢުމަތާއި، ފަޟްލުވަންތަކަމަށާއި، އަދި، ހަމަކަށަވަރުން اللَّه، މޫމިނުންގެ ދަރުމަ ގެއްލެނި ނުކުރައްވާނޭކަމަށް އުފާކުރާ ގޮތުގައެވެ.۞
މާތް الله ޝަހީދު އިސްމާޢީލް ހަނިއްޔާއަށް ރަޙްމަތްލައްވާ އެމަނިކުފާނުގެ ޖިހާދު ޤަބޫލުކުރައްވައި, ޝަހީދެއްގެ ގޮތުގައި, ސުވަރުގޭގެ އެންމެ މަތީ ދަރަޖަ އަލްފިރްދައުސް މިންވަރު ކުރައްވާށިއެވެ.
اللَّهُمَّ اغْفِرْ لَهُ، وَارْحَمْهُ، وَعَافِهِ، وَاعْفُ عَنْهُ، وَأَكْرِمْ نُزُلَهُ، وَوَسِّعْ مُدْخَلَهُ، وَاغْسِلْهُ بِالْمَاءِ وَالثَّلْجِ وَالْبَرَدِ، وَنَقِّهِ مِنَ الْخَطَايَا كَمَا نَقَّيْتَ الثَّوْبَ الأَبْيَضَ مِنَ الدَّنَسِ، وَأَبْدِلْهُ دَارًا خَيْرًا مِنْ دَارِهِ، وَأَهْلًا خَيْرًا مِنْ أَهْلِهِ ، وَزَوْجًا خَيْرًا مِنْ زَوْجِهِ ، وَأَدْخِلْهُ الْجَنَّةَ ،
وَأَعِذْهُ مِنْ عَذَابِ الْقَبْرِ وَعَذَابِ النَّارِ. آمين!