އަލް-ޤާއިދު ޔަޙްޔާ ސިންވާރު އަބޫ އިބްރާހީމް ޝަހީދުވުމާގުޅިގެން ނެރޭ ތަޢުޒިޔާގެ ބަޔާން
﴿ مِّنَ الْمُؤْمِنِينَ رِجَالٌ صَدَقُوا مَا عَاهَدُوا اللَّهَ عَلَيْهِ ۖ فَمِنْهُم مَّن قَضَىٰ نَحْبَهُ وَمِنْهُم مَّن يَنتَظِرُ ۖ وَمَا بَدَّلُوا تَبْدِيلًا ﴿سورة الأحزاب:٢٣﴾
މާނައީ: “اللَّه އަށް އެއުރެން ޢަހްދުވީ ކަންތަކަށް ތެދުވެރިވީ ފިރިހެނުންތަކެއް މޫމިނުންގެ ތެރެއިންވެއެވެ. ފަހެ، އެއުރެންގެ ތެރެއިން (ޝަހީދުވެ) މަރުވެގެންދިޔަބަޔަކު ވެއެވެ. އަދި (ޝަހީދުވުމަށް) އިންތިޒާރުކުރާ ބަޔަކުވެސް އެއުރެންގެ ތެރެއިން ވެއެވެ. އަދި އެއުރެން (އެ ޢަހްދަކަށް) އެއްވެސްކަހަލަ ބަދަލެއް ނުގެނެތެވެ.“
اَلْحَمْدُ للهِ رَبِّ الْعَالَمِيْن، وَالصَّلاَةُ وَالسَّلَامُ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَصَحَابَتِهِ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّيْنِ؛ أَمَّا بَعْدُ:
ޞިހްޔޫނީ ޔަހޫދީންގެ އަނިޔާވެރި ވަކިތަކުން މުސްލިމުންގެ ފުރަތަމަ ޤިބްލަ އަލްމަސްޖިދުލް އަޤްޞާ މިނިވަންކުރުމަށާއި, ފަލަސްޠީނުގެ ރައްޔިތުންނަށް ޞިހްޔޫނީން ދެމުންދާ އަނިޔާތަކުން ސަލާމަތްކުރުމަށް ޖިހާދު ކުރަމުން އަންނަ ޙަރަކަތުލް މުޤާވަމަތުލް އިސްލާމިއްޔާ (ޙަމާސް) ގެ ސިޔާސީ ގޮފީގެ އިސް ވެރިޔާ އަދި މުޅި ދުނިޔެ އަޖާއިބު ކުރުވި ޠޫފާނުލް އަޤްޞާ ހަނގުރާމައިގެ 7 އޮކްޓޯބާރ 2023 ގެ ހަމަލާގެ މޭސްތިރި އަލްޤާއިދު ޔަޙްޔާ ސިންވާރު އަބޫ އިބްރާހީމް ޝަހީދުކޮށްލެވުމުގެ ހިތާމައިގައި މި ޕާޓީން ބައިވެރިވެ, ޝަހީދު ޔަޙްޔާ ސިންވާރުގެ ޢާއިލާއަށާއި ފަލަސްޠީނުގެ ރައްޔިތުންނަށާއި މުޅި އިސްލާމީ އުންމަތަށް ތަޢުޒިޔާ ދަންނަވަމެވެ.
1962 ވަނަ އަހަރު ޣައްޒާގެ ޚާންޔޫނުސް ރެފިއުޖީ ކޭމްޕަށް އުފަންވެ ވަޑައިގެންނެވި ޔަޙްޔާ ސިންވާރު ކިޔަވާ ވިދާޅުވީ ޣައްޒާގެ އިސްލާމިކް ޔުނިވަރސިޓީންނެވެ. އަދި އަލްމަސްޖިދުލް އަޤްޞާ މިނިވަން ކުރުމުގެ މަތިވެރި ޖިހާދާ ގުޅިވަޑައިގެން އައްޝައިޚް އަޙްމަދު ޔާސީންގެ އަރިހުގައި މަސައްކަތްކުރަށްވަން ފައްޓަވާ 1983 ވަނަ އަހަރު ސެކިއުރިޓީގެ މަސައްކަތުގެ ބިންގާ މުޅިން އަލަށް އަޅުއްވާ މަސައްކަތް ފެއްޓެވިއެވެ. އަދި އެޔަށް ފަހު 1986 ވަނަ އަހަރު އައްޝައިޚް އަޙްމަދު ޔާސީންގެ ބެލުމުގެދަށުން ޖިހާދާއި އިސްލާމީ ދަޢުވަތުގެ އޯގަނައިޒޭޝަންއެއް އުފެއްދެވުމަށް ޔަޙްޔާ ސިންވާރުއާ ހަވާލުކުރެވި ބިންގާއެޅި މަސައްކަތްފެށި 1987 ވަނަ އަހަރަ ޙަމާސް އުފެދިގެން ދިޔައެވެ. އެމަނިކުފާނު ވެފައިވަނީ ޙަމާސްގެ އެންމެ ފާހަގަކުރެވޭ ޤާއިދުންގެ ތެރެއިންނެވެ. އަދި އެއީ އަނިޔާވެރި ޞިޙްޔޫނީން އެންމެ ޖެހިލުންވާ އެއް ޤާއިދުވެސް މެއެވެ.
އަލްޤާއިދުއް ޝަހީދު ޔަޙްޔާ ސިންވާރަކީ އަލްމަސްޖިދުލް އަޤްޞާ މިނިވަންކުރުމަށް ކުރެވޭ މަތިވެރި ޖިހާދުގައި ގިނަ ޤުރުބާނީތަކެއް ވެ ވަޑައިގެންނެވި ވަރުގަދަ ބަޠަލެކެވެ. މިގޮތުން ފާހަގަކޮށްލެވޭ ބައެއް ކަންކަމުގެ ތެރޭގައި ދިފާޢީ ހަރާކާތުގައި އިސް ދައުރެއް އަދާކުރައްވާތީ 1982 ވަނަ އަހަރު ޞިހްޔޫނީންގެ އަނިޔާވެރި ވަކިންހަދާފައިވާ ޖަލަކަށް ލެވުނެވެ. އަދި އަސީރުން ބަދަލުކުރެވުމުގެ ތެރެއިން އޭގެ ހަތަރު މަސްފަހުން މިނިވަންވެ ވަޑައިގެން ޙަމާސްގެ ކަންކަމުގައި ޙަރަކާތްތެރިވެ ވަޑާއިގެން ކަންކަމުގައި އިސްވެ އުޅުއްވިއެވެ. ނަތީޖާއަކށްވީ 1988 ވަނަ އަހަރު އަނިޔާވެރި ޢަދުއްވު ޞިހްޔޫނީންގެ ޖަލަށް ހުކުމްކުރުމެވެ. މެދު ނުކެނޑި 23 އަހަރު ވަންދެން ޖަލުގައި ހުއްނެވިއެވެ. އޭގެތެރެއިން 4 އަހަރު ބެހެއްޓި ވަކި ގޮޅިއެއްގައި ގިނިކަންޔާއެވެ. ޞިހްޔޫނީންގެ އަނިޔާވެރިކަމުގެ ތެރެއިން 1989 ވަނަ އަހަރު އެމަނިކުފާނުގެ ގެކޮޅަށް ބޮންއަޅާ ގޮއްވާލިއެވެ. އަދި 2014 އާއި 2021 އަދި 2023 ޑިސެމްބަރު މަހުވެސް ޔަޙްޔާ ސިންވާރުގެ ގެކޮޅު ވަނީ ގޮއްވާލާފައެވެ. އިސްލާމީ މުޤައްދަސް ބިންތަކާއި ވަޠަނަށްޓަކައި ޖާނާއި މާލުން ޤުރްބާންވެ ވަޑައިގެން ހަނގުރާމާގެ އެންމެ އިސް ސަފުގައި ވަޑައިގެންނެވީ ކުރައްވަމުންނެވެ. އަދި 17 އޮކްޓޯބަރ 2024 ވީ ބުރާސްފަތި ދުވަހަކީވެސް ހަނގުރާމާގައި ވަރުގަދަ ދުވަހަކެވެ. ބިންތައް ފޭރިގަތުމަށް ޣައްޒާގެ ތެރެއަށް އަރަގަނެގެން އުޅުނު އަނިޔާވެރި ޞިހްޔޫނީ ސިފައިންނާ ކުރިމަތިލައްވާ ފަސްޖެހުމެއް ނެތި ވަޑައިގެންނެވީ ޙަމަލާ ބަދަލުކުރަމުން ނެވެ. އާދެ އެ މަނިކުފާނުގެ އެންމެ ފަހު ހަރަކާތްތުގައި ވެސް ޞިހްޔޫނީ އަނިޔާވެރިންނަށް ހަމަލާދިމުގައި ސާބިތުވެ ވަޑައިގެން ޝަހީދުވެ ވަޑައިގެން އެ ވަޑަގެންނެވީ މަތިވެރިވި ޖިހާދުގެ ނަމޫނާ ދައްކާވާ އެތައް ބަޔަކަށް ފިލާވަޅުތަކާކާއި އާ ޖޯޝެއް ދެއްވާފައެވެ. މާތްالله ޔަޙްޔާ ސިންވާރަށް ރަޙްމަތްލައްވާ ފާފަ ފުއްސަވާށިއެވެ.
ޖަލުގައި ހުންނެވި އިރުވެސް ގިނަ ކަންކަން ތަރުތީބުކޮށް ހިންގަވާފައިވެއެވެ. އެގޮތުން އަސީރުންގެ ކަންކަން އިންތިޒާމްކުރުމަށްޓަކައި އަސީރުންނާ ގުޅޭ ވަކި މަސައްކަތްތަކެއް ފައްޓަވާ އޭގެ އިސް ވެރިޔާގެ ގޮތުގައި އަސީރުންނަށް ޚިދުމަތްކުރެއްވިއެވެ. އަސީރުން ބަދަލު ކުރުމުގެ ތެރެއިން 2011 ވަނަ އަހަރު މިނިވަންވެ ވަޑައިގެން 2012 ވަނައަހަރު ހަމާސްގެ ސިޔާސީ ގޮފީގެ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ފެޓެވިއެވެ. އަދި 2013 ވަނަ އަހަރު ޣައްޒާ ތެރޭގެ އަސްކަރީ މަސައްކަތްތަކުގެ އެންމެ މަތީ ޒިންމާ ހަވާލުކުރެވުނެވެ. ނަތީޖާއެއްގެ ގޮތުން 2015 ވަނަ އަހަރު އެމެރިކާގެ ބްލެކް ލިސްޓުގައި ޔަޙްޔާ ސިންވާރުގެ ނަން ހިމަނާ އެމަނިކުފާނަކީ ޓްރަރިސްޓެއް ކަމުގައި ރަސްމީކޮށް އިޢުލާން ކުރިއެވެ. ހަމަ އެއަހަރު ޞިހްޔޫނީ އަސީރުންގެ ކަންކަން ބަލަހައްޓާ އެންމެ އިސްފަރާތެއް ކަމުގައި ކަންޑައެޅިއެވެ. 2017 ވަނަ އަހަރު ޣައްޒާތެރޭގެ ސިޔާސީ ގޮފީގެ ރައީސްކަމަށް އިންތިޚާބު ކުރެވި 2021 ވަނަ އަހަރު ދެވަނަ ދައުރަކަށްވެސް ހޮވި ވަޑައިގެންނެވިއެވެ. އަދި ޖުލައި މަހު ޝަހީދުވެ ވަޑައިގެންނެވި އަލްޤާއިދު އިސްމާޢީލް ހަނިއްޔާއަށް ފަހު ޙަރަކަތުލް މުޤާވަމަތުލް އިސްލާމިއްޔާ (ޙަމާސް) ގެ ސިޔާސީ ގޮފީގެ ރައީސް އަކަށް އައްޔަނު ކުވެރި ޝަހީދުވެ ވަޑައިގެންނެވި އިރު ހުންނެވީ އެ މަޤާމުގައެވެ.
1948 ވަނަ އަހަރުން ފެށިގެން އަލްމަސްޖިދުލް އަޤްޞާއާއި ފަލަސްޠީނުގެ ބިންތައް ޙިޞޯރުކޮށް, ފަލަސްޠީނު ރައްޔިތުންގެ ނަސްލު ނައްތާލުމަށް ނިރުބަވެރި ޞިހްޔޫނީންނާއި އެމީހުންނަށް ވާގިދޭ ދައުލަތްތައް ގުޅިގެން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް ކުރިއަށްދާ ޝަރުޢީ ޖިހާދު ބިނާވަނީ ވަކި ފަރުދެއްގެ މައްޗަކަށް ނޫނެވެ. މި ޖިހާދަކީ އެ ޖިހާދުގެ އަމާޒުތައް ވާސިލުވެއްޖެއުމަށް ދާންދެން ކުރިއަށްދާނެ ޖިހާދެކެވެ. މާތް الله ގެ ރަޙްމަތުން އެ ޖިހާދުގައި ބައިވެރިވުމުގެ ޝަރަފު ލިބިއްޖެ ކޮންމެ މުޖާހިދެއްމެ¡ ލާ ކޮންމެ ނޭވާއެއް ލަނީ¡ އެއީ އެމީހެއްގެ އެންމެ ފަހު ނޭވާއަށް ވެދާނެކަން އެނގިހުރެއެވެ. އަދި ޝަހީދުވާ ކޮންމެ މުޖާހިދެއްގެ ބަދަލުގައި އެތައް މުޖާހިދުންނެއް އެ ޖާގައަށް ނުކުންނާނެކަން މި ޤަޟިއްޔާގެ ތާރީޚު ހެކިދެއެވެ.
ޞިހްޔޫނީ އިސްރާއީލަކީ މުޅި އިންސާނިއްޔަތަށް ހުރި ހުތުރެކެވެ. އަދި ޞިހްޔޫނީންގެ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް މި ޕާޓީއިން ގޮވައިލާ ގޮވާލުން ތަކުރާރު ކުރަމެވެ. އަދި އިސްރާއީލުގެ ލާއިންސާނީ ޖަރީމާތަށް ބަލައި ފަލަސްޠީނުގެ ރައްޔިތުންނާއި އިންސާނިއްޔަތަށް އިންސާފު ހޯދައި ދިނުމަށް ގޮވާލަމެވެ.
މާތްاللهގެ ވާގިފުޅާއެކު އަލްމަސްޖިދުލް އަޤްޞާ މިނިވަންކުރުމަށާއި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ހޯދައިދިނުމަށް ވަކާލާތުކުރުމާއި ކުރެވެވެން ހުރި ކޮންމެ މަސައްކަތެއް ކުރުމުގައި މި ޕާޓީން ދެމިއޮންނާނަމެވެ.
وَلَا تَحْسَبَنَّ الَّذِينَ قُتِلُوا فِي سَبِيلِ اللَّهِ أَمْوَاتًا ۚ بَلْ أَحْيَاءٌ عِندَ رَبِّهِمْ يُرْزَقُونَ ﴿١٦٩﴾ فَرِحِينَ بِمَا آتَاهُمُ اللَّهُ مِن فَضْلِهِ وَيَسْتَبْشِرُونَ بِالَّذِينَ لَمْ يَلْحَقُوا بِهِم مِّنْ خَلْفِهِمْ أَلَّا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ﴿١٧٠﴾ ۞ يَسْتَبْشِرُونَ بِنِعْمَةٍ مِّنَ اللَّهِ وَفَضْلٍ وَأَنَّ اللَّهَ لَا يُضِيعُ أَجْرَ الْمُؤْمِنِينَ ﴿١٧١﴾
މާނައީ: اللَّه ގެ މަގުގައި ހަނގުރާމަކޮށް ޝަހީދުވީ މީހުންނަކީ، މަރުވެފައިވާ ބަޔެކޭ ހީނުކުރާ ހުށިކަމެވެ! އަދި، ކިއެއްތަ! އެއުރެންނީ އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި ރިޒްޤުލިބޭ ޙާލު، ދިރިތިބި ބަޔެކެވެ ۞. (އެއުރެން ތިބޭހުށީ) اللَّه، އެކަލާނގެ ފަޟްލުވަންތަކަމުން އެއުރެންނަށް ދެއްވި ކަންތަކާމެދު، އުފާކުރާ ޙާލުގައެވެ. އަދި، އެއުރެންގެ ފަހަތުން އައިސް އަދި، ބައްދަލުނުކޮށްތިބި މީހުންނާމެދު އެއުރެންގެ މައްޗަށް ބިރެއް ނެތްކަމަށާއި، އަދި، އެއުރެންނީ ހިތާމަކުރާނޭ ބަޔަކު ކަމުގައި ނުވާކަމާމެދު، އެއުރެން އުފާކުރާ ޙާލުގައެވެ.۞ އެއުރެން (ވަނީ) اللَّه ގެ ޙަޟްރަތުން ދެއްވާ ނިޢުމަތާއި، ފަޟްލުވަންތަކަމަށާއި، އަދި، ހަމަކަށަވަރުން اللَّه، މޫމިނުންގެ ދަރުމަ ގެއްލެނި ނުކުރައްވާނޭކަމަށް އުފާކުރާ ގޮތުގައެވެ.۞
މާތް الله ޝަހީދު ޔަޙްޔާ ސިންވާރަށް ރަޙްމަތްލައްވާ އެމަނިކުފާނުގެ ޖިހާދު ޤަބޫލުކުރައްވައި, ޝަހީދެއްގެ ގޮތުގައި, ސުވަރުގޭގެ އެންމެ މަތީ ދަރަޖަ އަލްފިރްދައުސް މިންވަރު ކުރައްވާށިއެވެ.
إِنَّا لِلّهِ وَإِنَّا إِلَيْهِ رَاجِعونَ
إِنَّ لِلَّهِ مَا أَخَذَ وَلَهُ مَا أَعْطَى وَكُلٌّ عِنْدَهُ بِأَجَلٍ مُسَمًّى
اللَّهُمَّ اغْفِرْ لَهُ، وَارْحَمْهُ، وَعَافِهِ، وَاعْفُ عَنْهُ، وَأَكْرِمْ نُزُلَهُ، وَوَسِّعْ مُدْخَلَهُ، وَاغْسِلْهُ بِالْمَاءِ وَالثَّلْجِ وَالْبَرَدِ، وَنَقِّهِ مِنَ الْخَطَايَا كَمَا نَقَّيْتَ الثَّوْبَ الأَبْيَضَ مِنَ الدَّنَسِ، وَأَبْدِلْهُ دَارًا خَيْرًا مِنْ دَارِهِ، وَأَهْلًا خَيْرًا مِنْ أَهْلِهِ ، وَزَوْجًا خَيْرًا مِنْ زَوْجِهِ ، وَأَدْخِلْهُ الْجَنَّةَ ،وَأَعِذْهُ مِنْ عَذَابِ الْقَبْرِ وَعَذَابِ النَّارِ. آمين!