ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރަށް ނުފޫޒު ފޯރުވުން ވަގުތުން ހުއްޓާލުމަށް ގޮވާލުން
بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ
الحَمْدُ للهِ وَكَفَى، وَالصَّلَاةُ وَالسَّلَامُ عَلَى نَبِيِّنَا الْمُصْطَفَى وَعَلَى آلِه وَصَحْبِهِ وَمَنْ سَارَ عَلَى نَهْجِهِ وَاقْتَفَى. أَمَّا بَعْدُ:
ދިވެހިރާއްޖޭގެ ވެރިކަންހިންގުމުގެ ތިން ބާރުގެ ތެރެއިން އަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ މިނިވަންކަން ނިގުޅައިގަނެ، ޤާނޫނާ ޚިލާފަށް ޝަރުޢީ ކޯޓުތަކުގެ ކަންކަމާބެހި، ހިނގަމުންދާ ޝަރީޢަތްތަކަށް ނުފޫޒު ފޯރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ހިންގަވާ ކަންކަން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް، އަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރު މުށުތެރެއަށްލުމަށް ކުރާ މަސައްކަތް ވަގުތުން ހުއްޓާލުމަށް ޢަދާލަތު ޕާޓީން ގޮވާލަމެވެ.
ސުޕުރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމުގައިވާ ޑރ އަޒްމިރާދާ ޒާހިރާއި އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރާއި އަދި އަލްއުސްތާޛު ޙުސްނުއް ސުޢޫދުގެ މައްޗަށް ޖިނާއީ ތަޙުޤީޤު ހިންގައި، ސަސްޕެންޑުކޮށް އަދި، ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ޑރ އަޒްމިރާލްދާ ޒާހިރާއި އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރަން އުޅުމަކީ ސިޔާސީ ބޭނުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ޖުޑިޝަލް ސާވިސް ކޮމިޝަނުގެ މައްޗަށް ގަސްދުގައި ނާޖާއިޒު ނުފޫޒު ފޯރުވައިގެން ސުޕުރީމް ކޯޓުގައި ހިނގަމުންދިޔަ ދުސްތޫރީ މައްސަލަ ވަކިގޮތަކަށް ނިންމުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ހިންގަވާ ދަށުދަރަޖައިގެ ޢަމަލެކެވެ. އަދި ހަމައެހެންމެ މިކަމަކީ ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން ދައުލަތް ހިންގުމުގެ ނިޒާމު ރޫޅާލައި، ޤާނޫނު އަސާސީގެ ބާރުކަނޑުވާލުމަށްޓަކައި ރާވައިގެން ހިންގާ ނުރައްކާތެރި ޖަރީމާއެކެވެ.
ކުއްލިގޮތަކަށް ރާވައިގެން ބައެއް ފަނޑިޔާރުންނާ ދެކޮޅަށް ސަރުކާރުން އިސްވެއޮވެ އަޅަންފެށި ޤާނޫނާ ޚިލާފު ފިޔަވަޅުތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ސިޔާސީ ބެއިނުމަށް މަގުފަހިވާގޮތަށް ޝަރުޢީ ދާއިރާ ބައްޓަންކުރުމަށް ކުރާކަމެކެވެ. އަދި މިކަމުގެ ސަބަބުން އަދުލު އިންސާފު ޤާއިމުކުރުމުގެ ބާރަށް ލިބިގެންވާ މުސްތަޤިއްލު ހައިސިއްޔަތު ގެއްލި، ޤާނޫނު އަސާސީގެ ބާރުކެނޑި، ދައުލަތް ހިންގުމަށްޓަކައި ކަނޑައަޅާފައިހުރި އިންތިޒާމުތަކާއި ތަރުތީބުތައް ރޫޅި، ދިމުޤްރާތީ ސިފަތައް ގެއްލިގެންދެއެވެ.
މިކަމުގައި ކަންބޮޑުވާންޖެހޭ އެންމެ ބޮޑު ސަބަބަކީ، ރައްޔިތުންގެ މާލިއްޔަތުން ވައްކަންކުރުމާއި ސަރުކާރުގެ ފަސާދަ ހައްދުންނެއްޓިފައިވާ މިދަނޑިވަޅުގަައި، ސަރުކާރުގެ މައްޗަށް ފާރަވެރިވާން ކަނޑައަޅާފައިހުރި އެންމެހާ މަގުތައް ބަންދުވެ، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ޚުދުމުޚުތާރުކަމަށް އެއްވެސް ހުރަހެއްނެތި ފުރުޞަތު ފަހިވެގެންދާތީއެވެ.